"ބޮސް"ގެ ކާސްޓުން ފައިނަލް ވެއްޖެ، ޝޫޓިންގ މިމަހު 13ގައި ފަށަނީ!

"ބޮސް"ގެ ޕްރޮޑިއުސަރ ފާތިމަތު ނަހްލާ، ޑައިރެކްޓަރު އައިޝަތު ރިޝްމީ، ލީޑް އެކްޓްރެސް މަރިޔަމް އައްޒަ، އެކްޓްރެސް ފާތިމަތު އާޒިފާ (އަޒޫ) --

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، ފިލްމު ޑައިރެކްޓްރު އަދި ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ "ބޮސް" އިއުލާނު ކުރީއްސުރެ ދިވެހި ފިލްމްތަކަށް ލޯބިކުރާ އޯޑިއަންސް ތިބީ އެ ފިލްމާ ބެހޭ އިތުރު މައުލޫމާތަކަށް ކަޅިއަޅައަޅައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެނގިފައި ވަނީ ފިލްމުގެ ނަން އެކަންޏެވެ.

މިދިޔަ އަހަރު އޮލިމްޕަހުގައި އެޅުވި ކާމިޔާބު ބިރުވެރި ފިލްމު، 4426 އަށް ފަހު ނަހުލާ އުފައްދާ ލޯބީގެ ފިލްމު "ބޮސް"ގެ ޝޫޓިން ރޯދަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އައިޝަތު ރިޝްމީ ވަނީ މީގެ ކުރީންވެސް ބުނެފައެވެ. އެހެން ނަމަވެސް ވަކި ތާރީޚެއް އޭރު ހާމައެއް ނުކުރެއެވެ.

"ބޮސް"ގެ ޕްރޮޑިއުސަރު ބުނީ، އެ ފިލްމުގެ ޝޫޓިން މި ހިނގާ ޖޫން މަހުގެ 13ގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވެ ނިމިފައިވާ ކަމަށެވެ. އެގޮތުން ފިލްމުގެ 20 ޕަސެންޓް މާލޭގައި ޝޫޓުކުރުމަށް ހަމަޖެހިފައިވާއިރު، 80 ޕަސެންޓް ޝޫޓުކުރާނީ މާލެއިން ބޭރުގައި ކަމަށް ނަހުލާ ބުންޏެވެ.

"ފިލްމުގެ ބޮޑުބައެއް ޝޫޓްކުރާނީ، މާލޭން ބޭރުގަ. އެގޮތުން ސަން ސިޔާމް ގްރޫޕްގެ ކޮންމެވެސް އެއް ރިސޯޓެއްގައި ބޮޑުބައެއް ޝޫޓްކުރަން ހަމަޖެހިފައި މިވަނީ،" ނަހުލާ ބުންޏެވެ.

"ބޮސް" އަކީވެސް މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ތަރި މަރިޔަމް އައްޒަ ލީޑްކުޅޭ ފިލްމެކެވެ. މިފަހަރު އޭނާ ފެންނާނީ ކޮން ގޮތަކަށް ބާއެވެ. މިއީ އައްޒަގެ ފޭނުންގެ ހިތުގައި އުފެދޭނޭ އެންމެ ބޮޑު އެއް ސުވާލެވެ.

ކޮންމެ އަކަސް ޔަގީންވާ އެއްޗަކީ ނަހުލާގެ ފިލްމުތަކުގެ ލީޑް ކުޅޭ ތަރީންނަކީ އެއްފަހަރުވެސް ލުއި ގޮތަކަށް ފިލްމް ކުޅެ ނިންމާލެވޭނެ ބަޔަކަށް ނުވާކަމެވެ. އެއީ ނަހުލާގެ ސްކްރިޕްޓްގައި ލިޔާ ކެރެކްޓަރ ރޯލު ތަކުގެ ސަބަބުންނެވެ.

ބޮސްގެ ވާހަކައިގައި ލިޔެފައިވާ އިހުސާސް ތަކާއެކު ކެރެކްޓަރ ރޯލްތައް ގެނެސް ދިނުމަށްޓަކައި މި ފިލްމްގެ ކާސްޓަށް ބަދަލު ގެންނަން ޖެހުނު ވާހަކަ އަޑުއެހީމެވެ. މިފިލްމުގެ ޑައިރެކްޓަރު ރިޝްމީ ބުނީ އެކަންވެސް މިހާރު ފައިނަލް ކުރެވިފައިވާ ކަމަށެވެ.

ބޮސްގެ ލީޑު ރޯލުން އައްޒަ ފެނިގެން ދާއިރު، އޭނައާއެކު ދެން ފެންނާނީ މަޝްހޫރު ބަތަލާ ފާތިމަތު އާޒިފާ (އަޒޫ)އެވެ. އަލީ އާޒިމް (ދޮން އައްޔަ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ވެސް ކާސްޓުންގެ ތެރޭގައި ހިމެނޭ އިރު، ފިލްމުގެ ލީޑު ރޯލުން ބަތަލެއްގެ ގޮތުގައި ފެނިގެން ދާނީ މުޅިން އަލަށް މިދާއިރާއަށް ނުކުންނަ ފަރާތެއް ކަމަށް ރިޝްމީ ބުންޏެވެ.

"އެއީ އަދި ސަޕްރައިޒެއް... މުޅިން އަލަށް ފިލްމެއްގައި ހަރަކާތްތެރިވަނީ. ވަރަށް އަވަހަށް ލީޑު އެކްޓަރަކީ ކާކުކަން އެނގިގެން ދާނެ،" ރިޝްމީ ބުންޏެވެ.

މި އީ ނަހުލާގެ ފިލްމެއް ރިޝްމީ ޑައިރެކްޓްކުރާ ފުރަތަމަ ފަހަރެވެ. ނަހުލާގެ ކާމިޔާބު ފިލްމުތައް ކަމަށްވާ، ކަލާޔާނުލާ، ޒުލޭހާ، އަދި ޔޫސުފް ފަދަ ފިލްމުތަކުގައި ހުރި ބެލުންތެރީންގެ ހިތްތަކާ ކުޅެލި އަސަރު މި ފިލްމްގައިވެސް ހުންނާނެ ކަމަށް ދިވެހި ފިލްމުތަކަށް ލޯބިކުރާ މީހުން އުންމީދުކުރާނެއެވެ. ހަމައެހެންމެ ނަހުލާވެސް ހުރީ، އޭނާގެ މިފަދަ އުފެއްދުންތަކަށް އެދިއެދި ތިބި ފޭނުންގެ ހިތްތަކަށް ހަމަޖެހުން ގެނުވާނޭފަދަ ހުށަހެޅުމަކަށް ''ބޮސް" ހެދުމުގެ ވަރުގަދަ އަޒުމެއްގައެވެ.

އެހެން ކަމުން ފިލްމްގެ ކާސްޓުންނަށް ބަދަލު ގެނެސްގެންވެސް ނަހުލާގެ އެކްސްޕެކްޓޭޝަންއާ އެއްވަރަށް ފިލްމު ހުށަހަޅައި ދިނުމަށްޓަކައި ރިޝްމީ ހުރީ ފޫގަޅާލައިގެންނެވެ.

"ނަހުލާގެ ވާހަކަތަކަކީ އެއާ މެދު އިތުރު ސުވާލެއް ނޫފެއްދޭވަރުގެ މޮޅެތި ވާހަކަތައް. ނަހުލާގ ފިލްމެއް ވީމަ އޭގައި އެ ހުންނަ އިހުސާސްތައް މި ފިލްމުގައި ވެސް ހުންނާނެ. އެހެންކަމުން ބެލުންތެރީން ބޭނުންވާ ގޮތަށް ފިލްމު ގެނެސްދިނުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރާން ޖެހޭ،" މީގެ ކުރީން ނަހުލާގެ 13 އެޕިސޯޑުގެ ޑްރާމާއެއް ކަމަށްވާ "ވަކިވުމުގެ ކުރީން" ސިލްސިލާގެ ޒުވާން ޑައިރެކްޓަރު ބުންޏެވެ.

މިހާރު އެންމެންގެ ވެސް ސުވާލަކަށްވާނީ މީ ހަމަ ލޯބީގެ އަސަރުގަދަ ފިލްމެއް ބާއޭ ކުރެވޭ ސުވާލެވެ.

"ބޮސް" މި ނަމުން ހީވަނީ މީ ވަރަށް "ގައްޑާ " މީހަކު އުޅޭނެ ފިލްމަކަށް ވެދާނެހެންނެވެ. ވަރަށް ވަރުގަދަ "ބޮހެއް"ގެ ވާހަކަ ދައްކާހެން ހީވެއެވެ. ކޮންމެއަކަށް އެ "ބޮސް" އެއީ ކޮން ބޮހެއްކަން އަދި ނޭނގެއެވެ.

comment ކޮމެންޓް