މެލޭޝިއާގެ ތަމަޅަ ފިލްމެއް ރާއްޖޭގެ ސިނަމާތަކުގައި އަޅުވަން މަސައްކަތްކުރަނީ

މެލޭޝިއާގެ ތަމަޅަ ކްރައިމް ތުރިލާ ފިލްމެއް ރާއްޖޭގެ ސިނަމާތަކުގައި އަޅުވަން ހޭވަން ޕިކްޗާސްއިން މަސައްކަތް ފަށައިފިއެވެ.

އެ ފިލްމު ޑިސްޓްރިބިއުޓްކުރާ ހޭވަން ޕިކްޗާސްއާ ހަވާލާދީ މެލޭޝިއާގެ ނޫހެއް ކަމަށްވާ މެލޭ މެއިލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، "އިރުންބުތު ތޯއްޓަމް" ނަމަކަށް ކިޔާ މި ފިލްމު އަންނަ ޑިސެންބަރު މަހުގެ ކުރީކޮޅު ރާއްޖޭގައި ދައްކަން ފަށާނެ ކަމަށް ބެލެވެއެވެ.

މިއީ ވިޔަފާރި އުސޫލުން މެލޭޝިއާގެ ފިލްމެއް ރާއްޖޭގައި އަޅުވާ ފުރަތަމަ ފަހަރަށް ވެގެންދާނެ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

މި ފިލްމު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާއިރު، ފިލްމު ދައްކާނެ ތަންތަނުގެ ގޮތުގައި އޮލިންޕަސް ސިނަމާއާއި ޝްވެކް ސިނަމާ ހިމެނުމަށް ދަނީ ވިސްނަމުންނެވެ. މެލޭޝިއާގެ އޭވީއެލްޓީ ޕްރޮޑަކްޝަންގެ ޕްރޮޑިއުސަރު ޖެގެނަށް ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މި ފިލްމު އެޅުވުމަކީ އެ ގައުމުގެ ފިލްމީ ސިނާއަތަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އަދި މީގެ ސަބަބުން ބައިނަލްއަގުވާމީ އިތުރު ބެލުންތެރިންނަށް މެލޭޝިއާގެ ސިނަމާ ތައާރަފުވެގެންދާނެ ކަމަށް ވެސް ޖެގެން ވިދާޅުވިއެވެ.

ޖުމްލަ 114 މިނެޓުގެ ދިގުމިނުގެ މި ފިލްމު މެލޭޝިއާގެ ސިނަމާތަކުގައި ރިލީޒްކޮށްފައިވަނީ މިދިޔަ އޮގަސްޓް ހައެއް ގައެވެ. ޖޭދޭވް ޖަޔަކުމާރު ލިޔެ، ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ ކުޑަ މުޖުތަމައެއްގައި ދިރިއުޅޭ އުމުރުން 15 އަހަރުގެ ދަރިވަރެއްގެ މަރުގެ މައްސަލަ، ފުލުހުންގެ ދެ އިންވެސްޓިގޭޓަރުން ކަމަށްވާ ރަހީމާއި އީސްވަރަން ތަހުގީގުކުރާ ގޮތެވެ. ފިލްމުގެ މުހިންމު ރޯލުތަކުން އިރުފާން ޒައިނީ، ލޯގަވަރުމަން ސްޓިޑެރަން، މޭރީ ދަޝާނީ މެތިއުސް، ދާތުކް ގީތާންޖަލީ ޖީ އަދި އަދުލީ ހާފިޒްގެ އިތުރުން މެލޭޝިއާގެ އެހެން ތަރިންވެސް ފެނިގެންދެއެވެ.

މި ފިލްމަށް ބައިނަލްއަގުވާމީ މައިދާނުގައިވެސް ސަމާލުކަން ލިބިފައިވާއިރު، އޮކްޓޫބަރު 26 ގައި އޮސްޓްރޭލިއާގެ މެލްބަންގައި ބޭއްވި ޝޯގެ ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ. އަދި އަންނަ ޑިސެންބަރު މަހުގެ ފަސް ވަނަ ދުވަހު މެލްބަންގެ ވޭވަލީ ސިނަމާސް ޕައިންވުޑްގައި އިތުރު ޝޯއެއް ދެއްކުމަށްވެސް ވަނީ ތާވަލުކޮށްފައެވެ.

ރާއްޖޭގައި މި ފިލްމު އެޅުވުމުން މެލޭޝިއާގެ ތަމަޅަ ސިނަމާ ދިވެހި ބެލުންތެރިންނާ ހަމައަށް އައުމުގެ އިތުރުން، ރާއްޖޭގެ ސިނަމާތަކުގައި ދެއްކުމަށް ވިސްނާ ބައިނަލްއަގުވާމީ ފިލްމުތަކުގެ ދާއިރާ ފުޅާވެގެންދާނެއެވެ. ނަމަވެސް، ރާއްޖޭގައި މި ފިލްމު ރިލީޒްކުރާނެ ސީދާ ތާރީހަކާއި ފިލްމު ދައްކާނެ ސިނަމާތައް އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް