ޖޭމްސް ބޮންޑްގެ ކެރެކްޓާގައި ދެން ފެންނާނީ ރޮބަޓް ޕެޓިންސަން ކަމަށް، އެ ފިލްމުތައް އުފައްދާ އެމޭޒަން އެމްޖީއެމް ސްޓޫޑިއޯސްއިން އިއުލާންކޮށްފިއެވެ.
އެމްޖީއެމް ސްޓޫޑިއޯސްއިން، އައު ޖޭމްސް ބޮންޑް ތައާރަފު ކުރަމުން، އެ ރޯލުގައި ޕެޓިންސަން ފެންނަ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.
އެ ރޯލު ލިބުމާ ގުޅިގެން ޕެޓިންސަން ނެރުނު ބަޔާނެއްގައި ވަނީ، އެއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ހުވަފެނެއް ހަގީގަތަކަށް ވުމުގެ ގޮތުގައި ސިފަކޮށްފައެވެ.
ބޮންޑްގެ އެންމެ ފަހުގެ ފިލްމުތަކުގައި ފެނުނު ޑެނިއެލް ކްރެއިގްއަށް ފަހު، އައު ޖޭމްސް ބޮންޑްއެއް ހޮވުމަށް އެކި އެކްޓަރުންގެ ސްކްރީން ޓެސްޓުތައް ހައްދައިފައިވެއެވެ.
އިނގިރޭސި ޖާސޫސީ އެޖެންޓް 007ގެ ރޯލަށް ސްކްރީން ޓެސްޓު ހަދަން ވަކި އެކްޓަރުންތަކެއް ހޮވައި، އެންމެ ފަހުގެ ސްކްރީން ޓެސްޓުތައް ހެދީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށް ރިޕޯޓުތަކުގައިވެއެވެ. އެ ސްކްރީން ޓެސްޓުތަކުގައި ބައިވެރިވި އެކްޓަރުންގެ ތެރޭގައި ކެލަމް ޓާނާއާއި "ސްލޯ ހޯސަސް"ގެ ތަރި ޖެކް ލޯޑަން ހިމެނޭ ކަމަށް ބައެއް ނޫސްތަކުގައިވެއެވެ.
ހޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕެޓިންސަންގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ޓްވައިލައިޓް ސީރީސް އާއި އޮޑިއްސީ ހިމެނެއެވެ.