މުހައްމަދު އާރިފް ( ބަކާ) އަކީ މީގެ ކުރީން ގައުމީ ޓީމުގެ އެންމެ މުހިއްމު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މޮޅު ކުޅުންތެރިއެއްކަމަށް ދެބަސް ވާނެ މީހަކު ނޫޅޭނެއެވެ. ނަމަވެސް ފަހަކަށް އައިސް ބަކާއަށް ގައުމީ ޓީމުން ޖާގަ ނުލިބޭ މައްސަލައަކީ ފުޓްބޯޅައަށް ޝައުގުވެރިކަން ހުންނަ މީހުންގެ މެދުގައި ކުރެވޭ މުހިއްމު ބަހުސެކެވެ.
ގައުމީ ޓީމުން ބަކާ އެންމެ ފުރަތަމަ ވިދާލީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުންނެވެ. އޭގެ ފަހުން އޭނާއަކީ ރާއްޖޭގެ މެދުތެރެ ބަލަހައްޓާ މައި ތަނބެވެ. އޭރު ސަރަހައްދީ ފުޓްބޯޅަ ދިރާސާ ކުރާ ގިނަ ބައެއްގެ މެދުގައިވެސް ނަންމަޝްހޫރު ބަކާއަކީ އަލީ އަޝްފާގު ( ދަނގަޑޭ)، އިމްރާން މުހައްމަދު އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) މެން ފަދަ މަޝްހޫރު އަދި މޮޅު ކުޅުންތެރިއެކެވެ.
ރާއްޖޭގެ ޓީމުގެ މެދުތެރެ 2008 ވަނަ އަހަރުން ފެށިގެން ބަލަހައްޓަމުން އައިސް ވަކި ހިސާބަކުން ބަކާއަށް ވަނީ ގައުމީ ޓީމުން ފުރުޞަތު ގެއްލިފައެވެ. އޭނާއަށް ގައުމީ ޓީމުން ފުރުޞަތު ގެއްލުނީ ކުޅުން ދަށްވެގެންނެއް ނޫނެވެ. ނޫފުޒުގަދަ ކޯޗެއްގެ ގޮތުގައި ފާހަގަވެގެންދިޔަ ރިކީ ހާބަޓްއާ ދެބަސް ވުމެއް އުފެދިގެންނެވެ. ނަމަވެސް ރިކީ ހާބަޓް ރާއްޖޭގެ ގައުމީ ޓީމް ދޫކޮށް ދިޔަ ހިސާބުން ބަކާ އަލުން ގައުމީ ޓީމާ ގުޅޭނެ ކަމަށް ބެލެވުނު ނަމަވެސް އޭގެ ފަހުން ގައުމީ ސްކޮޑް އެކުލަވާލި ދެފަހަރުވެސް ބަކާއަށް ވަނީ ފުރުޞަތު ނުދީފައެވެ.
ތަޖުރިބާކާރުން ބުނަނީ ބަކާއަށް ފުރުޞަތު ދޭން ޖެހޭ ކަމަށް
ރާއްޖޭގެ ފުޓްބޯޅަ ބަލައި ދިރާސާކުރާ ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ބަކާއަށް ގައުމީ ޓީމުން ފުރުޞަތު ދޭންޖެހެއެވެ. ސަބަބަކީ ރާއްޖޭ ޓީމުގެ މެދުތެރެއަށް ބަކާއަށް ވުރެ މޮޅަށް ކުޅެވޭނެ ވަކި ކުޅުންތެރިއެއް ނެތީމައެވެ. އަދި ލީގުގައި މިހާރު ކުޅޭ ކުޅުންތެރިންނަށް ބެލި ކަމުގައިވީ ނަމަވެސް މެދު ތެރެއަށް އެންމެ އިތުބާރާ އެކު ކުޅޭ ކުޅުންތެރިއަކީ ބަކާ ކަމުގައި އެމީހުން ދެކެއެވެ.
" ހަގީގަތަކީ މިހާރު ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި ކުޅޭ އެއްވެސް ޓީމެއްގައި ނުހުންނާނެ ރަނގަަޅަށް މެދަށް ކުޅެވޭ ކުޅުންތެރިއެއް ވިކްޓަރީ ފިޔަވައި. ވިކްޓަރީގެ މެދުތެެރެ ވަރަށް އޮގަނައިޒްޑް، ސަބަބަކީ ބަކާ އެޓީމުގެ މެދު ތެރެ ބަލަހައްޓާތީ. އެހެންވީމަ ގަބޫލުކުރަންޖެހޭނީ އޭނާއަށް ފުރުޞަތު ދޭން ޖެހޭ ކަމަށް،" އެއްވަނަ ޑިވިޝަނުގެ ޓީމަކަށް ކޯޗްކަންކޮށްދޭ ކޯޗަކު ސަން ސްޕޯޓްސްއަށް ބުންޏެވެ.
ލީގުގައި ބަކާ މިވަގުތު ކުޅެމުންދާ ވިކްޓަރީ ސްޕޯޓްސްގެ ތަޖުރިބާކާރު ކޯޗް އަލީ ސުޒޭންވެސް ވަނީ ބަކާއަށް ގައުމީ ޓީމުން ޖާގަ ލިބެންޖެހޭ ކަމަށް ބުނެ މީގެ ކުރިން ވާހަކަ ދައްކައިފައެވެ.
ވިކްޓަރީ ހޯދަމުންދާ ރަނގަޅު ނަތީޖާ ތަކުގައި ބަކާގެ ހިއްސާ ބޮޑު
ވިކްޓަރީ މާލޭ ލީގު އާދައިގެ ގޮތަކަށް ފެށިނަމަވެސް އެޓީމު ހަމައަކަށް އެޅި ތާވަލުގެ ކުރީ ސަފަށް އެރުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރި އެއް ކުޅުންތެރިއަކީ ބަކާއެވެ. ކޮންމެ މެޗެއްގެ 90 މިނިޓް އޭނާ ފުރިހަމަ ކުރާއިރު ކޯޗް ސުޒޭން އެންމެ އިތުބާރު ކުރާ ކުޅުންތެރިއަކީވެސް ބަކާއެވެ. އޭނާ މާލޭ ލިގުގައި ދައްކާ ކުޅުމަށް ބަލާއިރު ގައުމީ ޖާޒީ އަލުން ބަކާއަށް ދިނުން ހައްގު ކަމަށް ގިނަ ބަޔަކު ގަބުލު ކުރެއެވެ.
ބަކާ އަކީ ގައުމަށް ރީތި ނަން ހޯދައިދީ ކެރިއަރުގައި ކާމިޔާބީ ތަކެއް ހޯދާފައިވާ ކުޅުންތެރިއެއް
ބަކާ ވަނީ މީގެ ކުރިން ގައުމީ ޓީމަށް ކުޅުނު އިރު، ޓީމާ އެކު މުހިއްމު ކާމިޔާބީ ތަކެއް ހޯދައިފައެވެ. އެންމެ ފަހުން 2015 ވަނަ އަހަރު އޭނާ ގައުމީ ޓީމަށް ކުޅުނު އިރު ބަކާ ވަނީ ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ކުރުމުގެ އިތުރުން ދަގަނޑޭއަށް އިންޖަރީގެ ސަބަބުން ޗައިނާއާ ދެކޮޅަށް ނުކުޅެވެމުން އެ މެޗުގައި ގައުމީ ޓީމުގެ ކެޕްޓަން ކޮށްފައެވެ.
ބަކާގެ ކެރިއަރުގައި އޭނާ ހޯދި ކާމިޔާބީ ތަކުގެ ތެރޭގައި އޭނާ އަކީ ހަވީރުން ހޮވި 2010 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާއެވެ. އަދި އޭނާއަކީ 2011 ވަނަ އަހަރު އެފްއޭއެމްއިން ހޮވި އަހަރުގެ ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިއާގެ އިތުރުން 2013 ވަނަ އަހަރުގެ ތިން ވަނައަށް އެންމެ މޮޅު ކުޅުންތެރިއާއެވެ. އަދި ބަކާއަކީ ރާއްޖޭން ބޭރުގެ ކުލަބެއްގައި ކުޅުމުގެ ޝަރަފްވެރިކަން ލިބުނު މަދު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. އޭނާ ވަނީ މީގެ ކުރިން މިޔަންމާގެ ކޭބީޒެޑަށް ކުޅެފައެވެ.
ބަކާއަށް ގައުމީ ޓީމުން ފުރުޞަތު ނުދިން ސަބާބާ މެދު ފުޓްބޯޅައިގެ ފޯރަމް ތަކުގައި ބަހުސް ކުރެވެމުންދާއިރު ސުވާލަކީ ގައުމީ 6 ނަންބަރު ޖާޒީގައި ބަކާ ދެން ނުފެންނާނެބާއެވެ؟ ފުޓްބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު މިވަގުތު މި ސުވާލު ކުރަމުންދާއިރު މިހާތަނަށް ބަކާއަށް ފުރުޞަތު ނުދިން ސަބާބާ ބެހޭ ގޮތުން ގައުމީ ކޯޗް ޑަރެން ސްޓެވާޓް އެއްޗެކޭ ބުނެފައެއްނުވެއެވެ.