70 ޕަސެންޓް މީހުން ރޯދަ ނުހިފާކަމަށް ބުނި ބުނުން ދޮގު، އެ ރަށު މީހުން ރޯދަ ހިފާ

ޝެއިހް އަލީ ޒައިދު: އޭނާ ވަނީ ދެކުނުގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާކަމަށް ވިދާޅުވެފައި--

ރާއްޖޭގެ ރަށެއްގެ 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވި ރަށުގެ މީހުން ރޯދަ ހިފާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ޝެއިހް ޒައިދު އެމިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި އެއީ ކޮން ރަށެއްކަން ސާފްކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން މިއަދު ސަން އަށް ވިދާޅުވީ ޝެއިހަށް އެމައުލޫމާތު ދީފައި ވަނީ އެއްވެސް ރަސްމީ ފަރާތަކުން ނޫން ކަމަށާއި އެއީ ކޮން ރަށެއްކަން އެމިނިސްޓްރީއިން މިހާރު އޮޅުން ފިލުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލް ނުކުރަން 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ރަށެއް ރާއްޖޭގައި އޮތް ކަމަކަށް،" އަހުސަން ވިދާޅުވި އެވެ.

އެއީ ސައްހަ މައުލޫމާތަކަށް ނުވާތީ ކޮން ރަށެއްކަން އިސްލާމިކް މިނިސްޓްރީއިން ވެސް ވަނީ ހާމަ ކުރަން ބޭނުންނުވެފަ އެވެ.

ވިޔަފާރިވެރިންގެ މިސްކިތުގައި ރޯދަ މަހުގެ ފުރަތަމަ ދުވަހު އަސްރު ނަމާދަށް ފަހު ދަރުސް ދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ދެކުނަށް ކުރެއްވި ދަތުރެއްގައި އެ ރަށަށް ދިއުމުން އެ ރަށުގެ މީހުންގެ ތެރެއިން 70 ޕަސެންޓް ރައްޔިތުން ރޯދަ ނުހިފާކަމާއި އާންމު މަހެއް ފަދައިން ކައްކާ ކައިބޮއިހަދާކަން އެނގުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެ ދިޔަ ކަމަށެވެ.

ޝައިހް ޒައިދު އެހެން ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ގިނަ އަދަދެއްގެ ފަރާތްތަކުން ބުނަމުން އަންނަނީ އެއީ ގަބޫލް ކުރެވޭ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް