ރޯދަމަހު އުނގޫފާރު ކައުންސިލުން ރަށުގެ ގެތަކަށް ހިލޭ ކަަރަންޓް ދެނީ

އުނގޫފާރު އިންޖީނުގެ--- ފޮޓޯ: އުނގޫފާރު. ޑޮޓްކޮމް

ކުރިއަށް އޮތް ރޯދަމަހު ރ. އުނގޫފާރު ކައުންސިލްުއިން އެ ރަށުގެ ގެތަކަށް ކަރަންޓް ހިލޭ ދޭން ނިންމައިފި އެވެ.

އުނގޫފާރުގެ އިންޖީނުގެ ހިންގަނީ އުނގޫފާރު ކައުންސިލުންނެވެ.

އުނގޫފާރު ކައުންސިލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހު ރައްޔިތުންގެ އިންޖީނުގެއިން ދެމުންދާ ކަރަންޓްގެ ހިދުމަތް، ގޭބިސީތަކަށް ހިލޭ ދިނުމަށް ކައުންސިލްގެ ލަފާދޭ ކޮމެޓީގެ މަޝްވަރާއާއިއެކު ކައުންސިލްގެ 77 ވަނަ އާއްމު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކަރަންޓް ހިލޭ ދިނުމަށް ނިންމާފައިވަނީ 06 މެއި 2019 ން 2019 ޖޫން މަހުގެ ނިޔަލަށް ކަމަށްވެސް އެރަށު ކައުންސިލްއިން ބުންޏެވެ.

އުނގޫފާރު ކައުންސިލްއިން ބުނީ ހިލޭ ކަރަންޓް ފޯރުކޮށްދިން ނަމަވެސް ބޭކާރު ގޮތުގައި ކަރަންޓް ބޭނުންކުރުމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ. އަދި ބޭކާރު ގޮތުގައި ކަރަންޓް ބޭނުންނުކޮށް ވީވަރަކުން ކަރަންޓް މަދުންބޭނުން ކުރުމުގެ ވިސްނުން ބެހެއްޓުމަށް ކައުންސިލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއީ އުނގޫފާރު ކައުންސިލުން ޖެހިޖެހިގެން ކޮންމެ އަހަރަކު ރަމަޟާން މަހު ކަރަންޓް މުޅިން ހިލޭ ފޯރުކޮށްދޭ ހަތަރު ވަނަ އަހަރެވެ.

އުނގޫފާރު ކައުންސިލްއިން ބުނީ މީގެ ކުރިން ހިލޭ ކަރަންޓް ފޯރުކޮށްދޭ ފަހަރުތަކުގައި ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ކަރަންޓަށް ހަރަދުވެފައިވާ ކަމަށެވެ.

comment ކޮމެންޓް