ރާއްޖޭގައި އެންމެ ފުޅާކޮށް މިރުސް ހައްދާ އެއް ރަށަކީ ތ. ކަނޑޫދޫއެވެ. މާލޭ މާރުކޭޓުގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކަނޑޫދޫ މިރުހުގެ ވާހަކަ މަޝްހޫރެވެ. ދިވެހި ސުފުރާގެ ކުޅިރަހަ ހެޔޮވަރުކޮށްދޭ ކަނޑޫދޫ މިރުހަކީ ދިވެހިންގެ ފޭވަރިޓެވެ.
ބާޒާރުގައި ކަނޑޫދޫ މިރުހަށް އަބަދުވެސް ޑިމާންޑު ބޮޑެވެ. ކުރިއަށް އޮތީ ރަމަޟާން މަހަށްވުމާއެކު، ޑިމާންޑު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ. ރޯދައަށް ދެ ހަފްތާ އަށް ވެފައިވާއިރު ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު ހުރީ އަތް ނުފޯރާ ފަށުގައެވެ. މިހެން މި ވަނީ ސަޕްލައި ދަށް ވުމުގެ ސަބަބުން ޑިމާންޑް އިތުރު ވެފައިވާތީއެވެ.
އިއްޔެ މެންދުރުފަހު ކަނޑޫދޫ މިރުސް ކިލޯއެއް ބާޒާރުން ލިބެންހުރީ 900 ރުފިޔާ އަށެވެ. އެރަށުން ވާހަކަދެއްކި މީހުން ބުނާގޮތުގައި ކުރިއަށް އޮތްތަނުގައިވެސް މިރުހުގެ އަގު ދާނީ އުފުލެމުންނެވެ. ސަބަބަކީ ހޫނުގަދަ ވުމުގެ ސަބަބުން މިރުސް ހައްދަން ދަތިވުމެވެ.
"މި ދިޔައީ ވަރަށް ހޫނު ގަދަ ދުވަސްތަކެއް. ހޫނު ގަދަވީމާ މިރުސް ހައްދަން ވަރަށް އުނދަގޫވާނެ. ގަހުގައި އަޅާމާވެސް ވަޅޯވެގެން ދާނީ. މަދު އެއްޗެއް މިރުހަށް ވަނީ،" އެރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނަވާޒް ވިދާޅުވިއެވެ.
ނަވާޒް ވިދާޅުވީ ރޯދަ އާއި ދިމާކޮށް ރަށުގެ ރައްޔިތުން މިރުސް ހައްދަން މަސައްކަތް ފެށިކަމަށެވެ. ނަމަވެސް ހޫނު ގަދަވުމުން މިރުސް އަޅާވަރު މަދުވީ ކަމަށް އޭނާވެސް ވިދާޅުވިއެވެ.
"މިރުސް ދަނޑުތަކުގައި އާ ގަސްވެސް ޖަހާ ރޯދަ އަށް ހާއްސަކޮށް. އެކަމަކު މިފަހަރު މިރުސް އެޅި މިންވަރުވެސް ދަށްވީ،" ނަވާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2000 ވަނަ އަހަރުން ފެށިގެން ކަނޑޫދޫ އަކީ މިރުސް ހެއްދުމުގައި ފާހަގަ ކުރެވޭ ރަށެއް ކަމަށާއި ދަނޑު ހައްދަން ބޭނުންވާ މީހުންނަށް އަގަކާ ނުލާ ކައުންސިލުން ބިންވެސް ދޫކުރާ ކަމަށެވެ.
"އެންމެ ބޮޑު ގޮންޖެހުމަކީ ގަސްތަކަށް ޖަހާ ބޭހާ ކެމިކަލްގެ އަގު ބޮޑުވުން. ސަރުކާރުން ޑިއުޓީ ކަނޑާލިޔަސް އެ ގެނެސް ވިއްކާ މީހުން ވިއްކަނީ އަގު ބޮޑުކޮށް. ވަކި އަގަކަށް ބަދަލެއް ނާދޭ،" ނަވާޒް ވިދާޅުވީ ރަމަޟާން މަސް ނިމެންދެންވެސް ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގުބޮޑުވާނެ ކަމަށެވެ. މިހާރު ބާޒާރުގައި ކަނޑޫދޫ މިރުސް ހުރި އަގާ އަޅާބަލާއިރު އިތުރަށް އަގު މައްޗަށް ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މާރުކޭޓު ގޮޅިތަކުގައި ތިބޭ ގިނަ މީހުން މިކޮޅުން މީހުން އަތުން ގަނެގެން ގެންގޮސް ވިއްކާނީ. ބަޔެއް ދަނޑުވެރިން މާރުކޭޓަށްގޮސްވެސް ވިއްކާ،" 90 ޕަސެންޓު ރައްޔިތުން ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދާ ކަނޑޫދޫ ކައުންސިލުން ބުންޏެވެ.
އެވްރެޖުގޮތެއްގައި ކަނޑޫދޫ ދަނޑުވެރިންނަށް މަހެއްގެ މައްޗަށް ހަރަދު ކެނޑުމަށްފަހު 15،000 ރުފިޔާގެ އާމްދަނީ އެއް ލިބޭކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުންޏެވެ.