ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން ނިހާން ގޮވާލައްވައިފި

އެމްޑީއޭ ޖަގަހައިގައި ނިހާން ވާހަކަފުޅު ދައްކަވަނީ: ދީނަށް ފުރައްސާރަ ކުރުމުން ސަރުކާރުތަކުން އަޅާނުލާތީ ފާޑުވިދާޅުވި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އިސްލާމް ދީނަށް ފުރައްސާރަކޮށް، ހަޖޫ ޖަހާ ބަޔަކު ދިވެހިންގެ ތެރޭގައި އެބަ ތިބި ކަމަށާއި އެ މީހުންގެ ޝަރީއަތުގެ ކުރިމައްޗަށް ގެނެސް އެންމެ ހަރުކަށި އަދަބު ދިނުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފި އެވެ.

ސަރުކާރު ކޯލިޝަނުން އެމްޑީއޭގެ ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ދިވެހި ލޭ ހިނގާ، ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކު އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށާއި އެ މީހުންގެ އެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އިސްލާމް ދީނަށް ވުރެ ބޮޑު 'އެސެޓެއް' ދިވެހިންނަށް ލިބިގެން ނުވާ ކަމަށާއި އެ ދީނަކީ ފުރާނައިގެ ކާނާ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިވެހިނަކީ އިސްލާމުންނަށް ވީތީ، ފަހުރުވެރިވެ އެ ވާހަކަ އަބަދުވެސް ދައްކަވާނެ ކަަމަށާއި ދިވެހިން އެއްބައިވަންތަ ކުރީ އިސްލާމް ދީން ކަމަށެވެ.

ފުރައްސާރައަށް ސަރުކާރުތަކުން އަޅާ ނުލާތީ ކަންބޮޑުންފާޅު ކުރެއްވި

ދިވެހިން ގަބޫލުކޮށްގެން ތިބި އިސްލާމް ދީނަށް ބަޔަކު ފުރައްސާރަ ކުރަމުންދާއިރު 'އަޅުގަނޑުމެންގެ ސަރުކާރުތަކުން' އަލާ ނުލައި ތިބި މައްސަލައަށް ސީރިއަސް ހައްލެއް ގެންނަންޖެހޭ ކަމަށް ނިހާން މިރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ދީނަށް ފުރައްސާރަކޮށްފައި ވަރަށް ހަމަޖެހުމާއެކު އަޅުގަނޑުމެންގެ ސަރުކާރުތަކުން އަޅާ ނުލައި ތިބި މައްސަލައަށް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސީރިއަސް ހައްލެއް ގެންނަންޖެހޭ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ދީނުގެ ދިފާއުގައި ދީނުގެ ވާހަކަ ދެއްކުމަކީ ލަދުން ތިބެންޖެހޭ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. އިސްލާމް ދީން މަރާލުމަށް، ނައްތާލުމަށް މަސައްކަތް ކުރިޔަސް އެކަން ކާމިޔާބު ނުވާނެކަން މާތްﷲ އަންގަވާފައިވާ ކަމަށް ތަކުރާރުކޮށް ނިހާން ފާހަގަ ކުރެއްވި އެވެ.

ތިން ބާރު އެކުވެގެން ވެސް ހަރުކަށި އަދަބުދޭން ގޮވާލެއްވި

ދައުލަތުގެ ތިން ބާރަށް އިޝާރާތްކޮށް ނިހާން ގޮވާލެއްވީ އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހިންގެ ބަޔަކު ސޯޝަލް ނެޓްވޯކުތަކުގައި ދައްކާ ކަމުގައިވާނަމަ 'ހުރިހާ ބާރެއް އެއްކޮށްފައި' އަވަސް ނިޔާއެއްގެ ގޮތުގައި ގާނޫނުގައިވާ އެންމެ ހަރުކަށި އެ މީހުންނަށް ދިނުމަށެވެ.

"މިފަދަ މައްސަލަތައް ދިވެހިރާއްޖޭގެ އެތެރެ ވަރީގައި އެއްވެސް ކަހަލަ ސޯޝަލް ނެޓްވޯކުގެ ވިއުގައަކުން ގެނެސްދޭ ކަމުގައިވާނަމަ ދިވެހި ދައުލަތުގެ އެ ބާރު ހުންނަންޖެހޭނެ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ވެރިކަން ހިންގުމުންގެ ބާރާއި ކޯޓުތަކުގެ ބާރާއި ހުރިހާ ބާރެއް އެއްކޮށްފައި، އެންމެ އަވަސް ނިޔާއެއްގެ ގޮތުގައި މިފަދަ މީހުން ހޯދައި ޝަރީއަތުގެ ކުރިމަށްޗަށް ގެނެސް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު މިފަދަ ފަރާތްތަކަށް ދިނުމަށް އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން މިއަދު މި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެންމެހައި މަޖިލިސް މެމްބަރުންނާއި ސަރުކާރާއި މުޅި ދިވެހި ދައުލަތުގެ މައްޗަށް ގޮވާލަން،" ޕޯޑިއަމްގައި ބާރަށް އަތުން ޖެއްސެވުމަށްފަހު ނިހާން ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މައުމޫން ދެއްވި ނަސޭހަތް ހަނދާން ނެތީ ތޯ: ނިހާން

ނިހާން މިރޭ ވަނީ ރައީސް މައުމޫންނަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ނިހާން ވިދާޅުވީ އިސްލާމް ދީން ނޫން އެހެން ދީންތައް ރާއްޖޭގައި ފަތުރަން މަސައްކަތް ކުރާ ބަޔަކާ "އެއްގަލަކަށް" ރައީސް މައުމޫން އަރައިވަޑައިގެންފައިވާތީ، އެކަމާ ހިތާމަ ކުރާ ކަމަށެވެ.

ރައީސް މައުމޫންނަށް އިހްތިރާމް ކުރައްވާ ކަމަށާއި އެމަނިކުފާނަށް ދުވަހަކު ވެސް ކުޑައިމީސް ބަހެއް ނުބުނާނެ ކަމަށް ވިދާޅުވެ، ނިހާން ވިދާޅުވީ ބައެއް ފަހަރު މައުމޫން ދައްކަވާ ބައެއް ވާހަކަފުޅުތަކުން އެމަނިކުފާނު ހުންނެވީ ކޮން ބަޔަކާއެކުގައިތޯ ސުވާލު އުފެދޭ ކަމަށެވެ.

"މައުމޫން އަބްދުލް ގައްޔޫމަށް އާދޭހާއެކު ދަންނަވަން އެމަނިކުފާނުގެ ބައެއް ކަހަލަ ބަސްމަގާއި އެ މަނިކުފާނުގެ ބައެއް ކަހަލަ ޓްވީޓުތައް ހަމަ ގައިމު ވެސް އެބަދޭ ކަސިޔާރު މި މިސްރާބުން ނައްޓައިގެން، އަޅުގަނޑުމެންގެ މި ގައުމުގެ މި ދީނަށް ކަނޑައެޅިގެން ފާޅުގައި ފުރައްސާރަ ކުރާ މީހުން ތިބި ޖަމާއަތަކާ ދިމާލަށް،" ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްބައިވަންތަ ކުރީ އިސްލާމް ދީން. އަޅުގަނޑުމެންގެ އަހުވަންތަ ކަމަކީ ވެސް އެއީ. އަޅުގަނޑުމެންގެ ގައުުމު ރިވެތި ގޮތުގައި އޮތް ސަބަބަކީ ވެސް އެއީ. އަޅުގަނޑުމެންގެ މިނިވަންކަން ނުގެއްލި އޮތީ ވެސް މިހެން ވެގެން. މި ވާހަކަ އެންމެ ގިނައިން އަޅުގަނޑުގެ ކަންފަތުގައި ޖެހުނީ އަޅުގަނޑުމެންގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އެކިއެކި ސްޓޭޖުތަކުގައި ވިދާޅުވެ ދެއްވީމަ،"

ނިހާން އިޝާރާތް ކުރެއްވީ އިސްލާމް ދީނާ ބީރައްޓެހި، އަދި ދީނަށް ފުރައްސާރަ ކުރާ ބަޔައާއެކު ރައީސް މައުމޫން ސިޔާސީ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެކަމާ ގުޅިގެން ނިހާން ވިދާޅުވީ "މައުމޫން އަޅުގަނޑުމެންނަށް ދެއްވި ނަސޭހަތް ހަނދާން ނެތީ ތޯ؟" އެވެ.

comment ކޮމެންޓް