ޖަމާއަތް ބޮޑުވި ވަރަކަށް ނަމާދުގެ ކިޔެވުން ކުރުކުރަން ޖެހޭ: ޝަހީމް

މިނިސްޓަރު ޝަހީމް: ވިދާޅުވީ އުޒުރުވެރިން ތިބޭނެކަން ވިސްނައި، ޖަމާއަތް ބޮޑުވި ވަރަކަށް ނަމާދުގެ ކިޔެވުން ކުރުކުރަން ޖެހޭ ކަމަށް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޖަމާއަތުގައި އުޒުވެރިން ތިބޭނެކަން ވިސްނަން ޖެހޭ ކަމަށާއި ޖަމާއަތް ބޮޑުވި ވަރަކަށް ނަމާދުގެ ކިޔެވުން ކުރުކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ބައެއް މިސްކިތްތަކުގައި ދަމުނަމާދާއި ތަރާވީސް ނަމާދު ފަދަ ނަމާދުތަކުގައި ދިގުކޮށް، ކިޔަވާތީއާއި މިސްކިތް ކައިރީ ހުންނަ ގެތަކަށް އަޑުގަދަކޮށް ކިޔެވުމުން އުނދަގޫ ވާތީ މީހުންގެ ޝަކުވާތައް ފެންމަތިވެއެވެ.

މިނިސްޓަރު ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އެފަދަ ކަންކަމަށް އަލިއަޅުއްވާލައްވައި، ވާހަކަދައްކަވާފައެވެ. މިސްކިތްތަކުގެ އިމާމުން ފިގުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން، ފިގުހުވެރިވުމަކީ ޝަރުއުގެ ހުކުމްތައް އެ ވަގުތެއްގެ ހާލަތުގައިކަން އޮތް ގޮތުގެ މައްޗަށް ފައްތައިގެން އަމަލުކުރުމަށް ދަނެގަތުން ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

"ފިޤުހުވެރިވުމަކަށް ކޮންމެހެން މާ މަތީ ޑިގްރީއެއް އޮތުން ލާޒިމެއް ނޫނެވެ. އަޙްކާމްތައް ތަޠްބީޤުކުރުމަށް ދެނެގަތުން ފުދެއެވެ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ބަޔަކު ތަރާވީސް ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ، ހަތެއް ޖަހާއިރު އީދު ނަމާދު ފަށާއިރު، ހަތެއް ޖަހާއިރު ތެދު ހަށަން ބަނުމުގެ ބަދަލުގައި ޖަމާއަތުގެ ސަފުތައް ތަރުތީބުކުރެވޭހާ ވަގުތު އޮއްވައި ތެދުވެ، ސަފުތައް ތަރުތީބުކުރުމަށް ޖާގަ ދޭން ޖެހޭ ކަމަށެވެ.

އެފަދައިން ފަރުޟު ނަމާދުތައް ކުރާއިރު ވެސް، އިމާމުން ވިސްނަން ޖެހޭ ކަންތައްތަކެއް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން، ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރުކުރަން ޖެހޭ ކަމަށާއި ޖަމާއަތުގައި ނަމާދު ކުރަމުން ދަނިކޮށް ކުޑަކުއްޖަކު ރޯއަޑުއިވިއްޖެނަމަ، ނަމާދު އަވަސް ކުރަން ޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

އެއާއެކު، ދަމުނަމާދާއި ތަރާވީސް ނަމާދުގެ ޖަމާއަތުގައި ގިނައިރު ރުކޫއާއި ސަޖިދައިގައި ނުތިބެވޭ ބަލި މީހުންނާއި އުޒުރުވެރިން ތިބޭނެކަން ވިސްނަން ޖެހޭ ކަމަށާއި ގަދަ އަވީގައި ނުވަތަ ވިއްސާރައިގައި ޖަމާއަތް ކުރުކުރަން ޖެހޭކަން ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރު ކަމެއްގެ ގޮތުން، މިނިސްޓަރު ފާހަގަކުރައްވާފައިވަނީ، މިސްކިތް ކައިރީ އެހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގެތައް ހުރިނަމަ، ތާޅަ ފިއްޔަށް ނަމާދު ކުރާ އަޑު ޖައްސާކަށް ނުވާނެ ކަމަށެވެ. އެއީ، ކައިރީގައި ހުރި މިސްކިތްތަކާއި ގޭގޭގައި ނަމާދުކުރަން ތިބޭ އަންހެނުންނާއި ބަލި މީހުންނާއި ނިދާފައި ތިބޭ ކުޑަކުދީންނަށް ދަތިވެދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

"އަދި އެއް ބަޔަކު އަނެއް ބަޔަކަށް ގުރުއާން ކިޔެވުމުގެ އަޑު އުފުލައި އުނދަގޫވާ ގޮތް ހެދުމަކީ ހަދީސްގައި ނަހީކުރެވިގެންވާ ކަމަކަށްވާތީ އެވެ. ނަމަވެސް މި ހާލަތުގައި ވެސް ބަންގި ގޮވާއިރު ތާޅަފިއްޔަށް އަޑު ދޭން ޖެހެ އެވެ. އެެއީ ނަމާދު ވަގުތު ވަދެއްޖެކަން ގިނަ ބަޔަކަށް އިއުލާން ކުރުމަށެވެ," މިނިސްޓަރުގެ ޕޯސްޓުގައިވެއެވެ.

އޭގެ އިތުރުން، އާންމު ޙާލަތުގައި ހިތްހަމަޖެހޭ މިނެއްގައި އެންމެނަށް ވެސް ފަސޭހަވާނެ ގޮތަށް މެދުމިންކަމާ އެކު ނަމާދުގެ ޖަމާޢަތް ގެންދިއުމާއި ނަމާދުގައި ހުޝޫއަތްތެރިވެ ނަމާދުކުރުމަކީ ވެސް ފިޤުހުވެރިވުމުގެ ތެރެއިންވާ ކަންކަން ކަމަށް މިނިސްޓަރު ޝަހީމް ފާހަގަކުރައްވާފައިވެއެވެ.

comment ކޮމެންޓް