20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އާސެނަލަށް ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިއްޖެ

އާސެނަލް އާ އެވަޓަން ކުޅުނު މެޗުގެ ތެރޭން، މި މެޗުން 3-1 ލަނޑުން އާސެނަލް މޮޅުވި ނަމަވެސް އެޓީމަށް ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލިފައި -- ފޮޓޯ: ބީބީސީ

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ، އެވަޓަން އަތުން 3-1 ލަނޑުން މޮޅުވި ނަމަވެސް، ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތް ލިވަޕޫލް، މިޑްލްސް ބަރާއަތުން މޮޅުވުމުން، ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާސެނަލަށް ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

މި ސީޒަންގެ ޕްރިމިއަރ ލީގުގެ ފަހު މެޗުތައް މިރޭ ވަނީ ކުޅެ ނިމިފައެވެ. އާސެން ވެންގާގެ ޓީމުން މިރޭ، އެވަޓަންއާ ދެކޮޅަށް ނުކުތްއިރުވެސް އެޓީމާ ލިވަޕޫލާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެވެ. އެހެންކަމުން، ލިވަޕޫލް މޮޅުވުމުން ތާވަލުގެ ގަދަ ހަތަރަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއަށް 38 މެޗުން 93 ޕޮއިންޓް ލިބިފައި ވާއިރު، ދެވަނައިގައި އޮތް ޓޮޓެންހަމްވަނީ ހަލް އަތުން 7-1 ލަނޑުން މޮޅުވެ ޖުމުލަ 86 ޕޮއިންޓް ހޯދައިފައެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވޮޓްފޯޑް އަތުން 5-0 ލަނޑުން މޮޅުވެ ޖުމުލަ 78 ޕޮއިންޓް ހޯދިއިރު، ލިވަޕޫލަށް ވަނީ 76 ޕޮއިންޓް ލިބިފައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގެ 8 ވަނަ މިނިޓްގައި ހެކްޓަރ ބެލެރިން އާސެނަލަށް ލީޑު ހޯދައިދީފައި ވާއިރު، 14 ވަނަ މިނިޓްގައި އެވަޓަންގެ އެނާ ވެލެންސިއާއަށް އާސެނަލްގެ ލޮރެންޓް ކޮސީލްނީ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

އެއްކުޅުންތެރިއަކު މަދުން ކުޅުނު ނަމަވެސް މެޗުގެ 27 ވަނަ މިނިޓްގައި އާސެނަލުން ވަނީ، އިތުރު ލަނޑެއް ކާމިޔާބޮށް ލީޑު ފުޅާކޮށްފައެވެ. އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސް ސަންޗޭޒެވެ.

މެޗުގެ 58 ވަނަ މިނިޓްގައި އެވަޓަންއަށް ލިބުނު ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫ އެޓީމަށް ލަނޑެއް ކާމިޔާބުކޮށް އުންމީދު އާކޮށްދީފައެވެ. އެހެން ނަމަވެސް ފަހު ހާފުގެ އިތުރު ވަގުތުގައި އާރޮމް ރަމްސޭ ވަނީ އާސެނަލްގެ ތިން ވަނަ ލަނޑާއެކު އެޓީމަށް 3 ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ލީގުގެ ފަހުމެޗުން އާސެނަލް މޮޅުވި ނަމަވެސް، އެޓީމަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލުމުން، ކޯޗު އާސެން ވެންގާއަށް މަގާމުގައި ހުރުމަށް ވަރަށް ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހޭނެއެވެ.

comment ކޮމެންޓް