މަހުލޫފް ހަ މަހަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

މަހުލޫފު ޖަލަށްލުމުގެ ކުރިން ކްރިމިނަލް ކޯޓް ކައިރީގައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ކުށް ސާބިތުވެ ހަ މަސް ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމުގެ އިސްތިިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހުގަ އެވެ. އެ ދުވަހުގެ އަޑުއެހުން ކުރިއަށް ދަނިކޮށް ކޯޓުގެ ރިކޯޑިން ސިސްޓަމް ފެއިލް ވުމާ ގުޅިގެން ޝަރީއަތް ވަނީ މެދު ކަނޑާލާފަ އެވެ.

މަހުލޫފުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑުތައް ކޮށްޕައި ދުރަށް ޖެއްސުމަށް ފަހު މަހުލޫފް ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަން ހެކީންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ.

އިސްތިއުނާފު އަޑުއެހުންތައް މިއަދު ނިންމާލާފައިވާ އިރު، މަހުލޫފު ވަނީ ބަންދުގައި ހުންނަ އިރު އޭނާ އަށް ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ފަނޑިޔާރުން ދައުލަތަށް ވަނީ، އޮންނަ އުސޫލުގެ މަތިން ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު މަހުލޫފަށް ދިނުމަށް އަންގާފަ އެވެެ.

އޭގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު އެއްވެ ކުރި މުޒާހަރާއެއްގެ ތެރޭގައި ހުރި ފުލުހެއްގެ ލޯމަތިން އެންމެ ހިނދުކޮޅަކަށް ވެސް މަހުލޫފު ނުގެއްލޭ ކަމަށް ބުނެ ފުލުހަކު ހެކިބަސްދީފައިވާ އިރު، އެކަމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް މަހުލޫފު ވިދާޅުވި އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި މަހުލޫފުގެ ފަރާތުން އޭނާގެ ވަކީލު ތިން ނުކުތާއެއް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ނުކުތާ އަކީ، ކާފީ ހެއްކެއް ނެތި އެންމެ ހެކިވެރިއެއްގެ ހެކި ބަހުގެ މައްޗަށް ޝަރީއަތް ނިންމާފައިވާ ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ދިފާއީ ހެކިން ހުށަހެޅުމަށް ފުރުސަތު ދީފައި ނުވާކަން ފާހަގަ ކުރެއްވިި އިރު، ތިިން ވަނަ ނުކުތާ އަކަށް ފާހަގަ ކުރެއްވީ، ކުށުގެ އަދަބެއްގެ ގޮތުން މަހްލޫފް ހަ މަހަށް ޖަލަށްލުމަށް ކުރި ހުކުމަކީ ގާނޫނުލް އުގޫބާތުގައި ބުނާ އުސޫލާ ހިލާފަށް ކުރި ހުކުމެއް ކަމަށެވެ.

އިސްތިއުނާފު އަޑުއެހުންތައް ނިންމާލަމުން މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ، އެ މައްސަލައިގެ ހުކުމް ކުރަން ބާއްވާ ޝަރީއަތް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.

comment ކޮމެންޓް