ހަށިވިއްކުމުގެ ތުހުމަތުގައި ރަސްދޫ ސްޕާއަކުން ތިން ބިދޭސީން ހައްޔަރުކޮށްފި

ޝާހިލްގޭގައި "ބްލޫ ވެލި ސެލޫން އެންޑް ސްޕާ"ގެ ނަމުގައި ހިންގި ސްޕާ

ހަށިވިއްކުމުގެ ތުހުމަތުގައި އއ. ރަސްދޫ ސްޕާއަކުން ތިން ބިދޭސީން ރޭ ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރަސްދޫ ޝާހިލްގޭގައި "ބްލޫ ވެލި ސެލޫން އެންޑް ސްޕާ"ގެ ނަމުގައި ހިންގި ސްޕާއެއްގައި ބިދޭސީން ބޭނުންކޮށްގެން ހަށިވިއްކާކަމުގެ ރިޕޯޓު ރޭ 11:30 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން ބްލޫ ވެލި ސެލޫން އެންޑް ސްޕާ ބަލާ ފާސްކޮށް، ތިން ބިދޭސީން ހައްޔަރު ކުރިކަމަށް ފުލުހުން ބުންޏެވެ.

އެއީ އުމުރުން 42 އަހަރުގެ އަންހެނަކާއި 27 އަހަރުގެ އަންހެނެއްގެ އިތުރުން 28 އަހަރުގެ ފިރިހެނެކެވެ.

މި ސްޕާއަކީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައި ނުވާ ތަނެއް ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.

މިމަހުގެ ކުރީކޮޅު ވެސް ފުލުހުން ވަނީ މާލޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކި ދެ ބިދޭސީ އަންހެނުން ހައްޔަރުކޮށްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން އިމިގްރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްލައިފައެވެ. އޭގެ އިތުރުން ވެސް 100 އަށްވުރެ ގިނަ މީހުން މި ފަހުން ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

comment ކޮމެންޓް