މި މަހުގެ 15ވަނަ ދުވަހު ފުލުހުން ހައްޔަރުކުރަން އުޅުމުގެ ތެރެއިން އަނިޔާވި، އުމުރުން 38 އަހަރުގެ މުހައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ، އޭނާގެ ފަރުވާ ލަސްވުމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދު އެ ކޮމިޝަނުން ކުރި ޕޯސްޓެއްގައި ބުނީ، އަޒްމީލް ހައްޔަރު ކުރަން އުޅެނިކޮށް އެގޭގެ ކުޑަދޮރުން ވެއްޓިގެން އަނިޔާވެ، ފަރުވާދެމުންދާ ކަމަށް ބުނާ ހާދިސާއެއް ފުލުހުން އެ ކޮމިޝަންގެ ސަމާލު ކަމަށް ގެނައިކަމަށެވެ. އެހެންކަމުން، އެންޓި ޓޯޗާ ގާނޫނުގެ ދަށުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ކޮމިޝަނުން ބުންޏެވެ.
އެގޮތުން، މި މައްސަލައާ ގުޅިގެން ހާދިސާ ހިނގި ތަނަށް ޒިޔާރަތްކޮށް ސީސީޓީވީ ފުޓޭޖް ހޯދުމަށް މަސައްކަތް ކުރުމަށާއި ކަސްޓަޑިގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖްތައް ބެލުމަށާއި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންގެ ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާ ނަމަ އޭގެ ފުޓޭޖް ހޯދުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން، މި ހާދިސާއާ ގުޅުން ހުރި މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކޮށް އެޗްއާރުސީއެމުން ބުނީ، އެ ހާދިސާ ހިނގުމުން އަޒްމީލް ހޮސްޕިޓަލަށް ގެންދިޔުމަށް އާއިލާއިން އެދިފައިވަނިކޮށް، އެ ދުވަހު މެންދުރު 2:45 ހާއިރު މާލެ ކަސްޓަޑީއަށް ގެންގޮސްފައިވާ ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކަސްޓަޑީއަށް ގެންދިޔުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމަށް އަޒްމީލް ވެހިކަލަށް އެރުވީ އެ ދުވަހު ހަވީރު 3:01 ގައިކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެ ކޮމިޝަނަށް އެނގިފައިވާ ކަމަށް ބުންޏެވެ. އެހެންވެ، އެ މައުލޫމާތަށް ރިއާޔަތްކޮށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އަޒްމީލަށް ފަރުވާ ނުލިބި ލަސްވުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ހައްޔަރު ކުރުމުގެތެރޭގައި އެއްވެސް ފަރާތަކަށް އަނިޔާއެއްލިބި ސިއްހީފަރުވާ ބޭނުންވާ ޙާލަތުގައި، އެ ފަރާތެއް ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިންވެސް ކޮމިޝަނުން ދިވެހި ފުލުހުންގެ ޚިދުމަތަށް ލާފާދީފައިވާނެއެވެ." އެ ކޮމިޝަނުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ތަހުގީގު ނިމުމުން މައްސަލާގައި ފާހަގަކުރެވޭ ކަންތައްތައް ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށްއެޗްއާރުސީއެމުން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އަޒްމީލް ޖަލީލަށް އަނިޔާވީ ކުޑަދޮރުން ވެއްޓި ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކަސްޓޯޑިއަލްއަށް ގެންދިއުމަށްފަހު ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.