މަހުލޫފް ހަ މަހަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ފަށައިފި

މަހުލޫފު ޖަލަށް ލުމުގެ ކުރިން ކްރިމިނަލް ކޯޓު ކައިރީގައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކޮށް ނިމެން މަހަކަށްވުރެ ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ފަށައިފި އެވެ.

ހައި ކޯޓުގައި މިއަދު ބާއްވާފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ކުށް ސާބިތުވެ ހަ މަސް ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑުތައް ކޮށްޕައި ދުރަށް ޖެއްސުމަށް ފަހު މަހުލޫފް ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަން ހެކީންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ.

އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރީ މިދިއަ އަހަރު އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ.

މިއަދުގެ އަޑު އެހުމުގައި، މަހުލޫފްގެ ފަރާތުން ތިން ނުކުތާއެއް ފާހަގަ ކުރެއްވި އެވެ.

ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ނުކުތާ އަކީ، ކާފީ ހެއްކެއް ނެތި އެންމެ ހެކިވެރިއެއްގެ ހެކި ބަހުގެ މައްޗަށް ޝަރީއަތް ނިންމާފައިވާ ކަމަށެވެ.

މަހުލޫފުގެ ވަކީލުން ފާހަގަ ކުރެއްވި ގޮތުގައި، އެ މައްސަަލައިގައި ބެރިކޭޑު ފަޅާލިތަން ފެނުނު ކަމަށް ބުނެ ހެކިބަސް ދީފައި ވަނީ އެންމެ މީހެއް ކަމަށާއި، ދެން ހެކި ދީފައި ވަނީ މަހުލޫފު ބެރިކޭޑު ފަޅާލައިފި ކަމަށް ޓޯކީ އިން ގޮވުމުން އެ އަޑު އިވުނު ކަމަށް ބުނާ މީހަކު ކަމަށެވެ. އެހެން ކަމުން އިވުނު އަޑެއްގެ މައްޗަށް ދޭ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ވަކީލުން ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ ފަރާތުން ރައްދު ދެއްވަމުން ވަކީލާ ވިދާޅުވީ، މައްސަލަ ނިންމާފައި ވަނީ އެންމެ ހެއްކެއްގެ ހެކިބަހަށް ބަލާފައި ކަމަށް ނުދެކޭ ކަމަށެވެ. އަދި ބެރިކޭޑު ފަޅާލި މަންޒަރު ހެކިބަސް ދިން އެކަކަަށް ފެނުނު ކަމަށާއި، ބެރިކޭޑް ފަޅާލިކަން ޓޯކީ އިން ގޮވުމުން އެ އަޑު އިވުނު ދެ މީހަކު ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އެ ދެ ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެތަނުން މަހުލޫފު ފެނިފައިވާ ކަމަށްވާތީ، އެއީ ހަމަ އެކަނި އިވުނު އެއްޗެއްގެ މައްޗަށް ހެކިބަސް ދިން ބައެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވަކީލާ ވިދާޅުވި އެވެ.

ދިފާއީ ހެކިން ހުށަހެޅުމަށް ފުރުސަތު ދީފައި ނުވާ ކަން އިސްތިއުނާފު އަޑުއެހުމުގައި މަހުލޫފުގެ ވަކީލުން ފާހަގަ ކުރެއްވި އެވެ. އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ، މިފަދަ ކުށްތަކުގައި ކުށެއް ނުކުރާކަން ދައުވާ ލިބޭ ފަރާތުން ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ. އަދި ދިފާއީ ހެކިންގެ ހެކިބަސް ނެގި ނަމަވެސް ދައުލަތުގެ ހެކި ނަފީ ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.

މަހުލޫފުގެ ވަކީލު ވިދާޅުވީ، ކުށުގެ އަދަބެއްގެ ގޮތުން މަހްލޫފް ހަ މަހަށް ޖަލަށްލުމަށް ކުރި ހުކުމަކީ ގާނޫނުލް އުގޫބާތުގައި ބުނާ އުސޫލާ ހިލާފަށް ކުރި ހުކުމެއް ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި މަހްލޫފް ބަންދުގައި ހުއްޓައި ފިލަން އުޅުނު ކަމަށް މަހްލޫފަށް ކުރި އެ ދައުވާ ސާބިތުވެގެން ހަތަރު މަހުގެ ޖަލު ހުކުމެއް މަހްލޫފަށް ވަނީ އައިސްފަ އެވެ. ވަކީލު ވިދާޅުވީ، އެ ކުށުގެ އަމަލު ހިންގާފައި ވަނީ މި މައްސަލަ އަށް ވުުރެ ފަހުން ކަމަށް ވާތީ އެއީ މިމައްސަލާގައި ބޮޑު އަދަބެއް މަހްލޫފަށް ދެވޭނެ ސަބަބެއް ނޫން ކަމަށެވެ.

އަޑުއެހުން ކުރިއަށް ދަނިކޮށް ރެކޯޑިން ސިސްޓަމް ޑައުން ވުމުގެ ސަބަބުން ޝަރީއަތް ވަނީ ނިންމާލައްވާފަ އެވެ. އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިހަފްތާގައި ބާއްވާނެ އެވެ.

comment ކޮމެންޓް