ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު މައްސަލައިގައި ދެ މީހަކު ބަންދަށް

ދެ މީހަކުވެގެން ފޯނަކަށް ބަލަހައްޓައިގެން: ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު މައްސަލައެއްގައި ދެ މީހަކު ބަންދަށް ---- ސަން ފައިލް ފޮޓޯ

މާލޭ މަގުމަތިން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު މައްސަލައިގައި ދެ މީހަކު ބަންދުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިއަދު މެންދުރު 12:38 ހާއިރު ހ. އެއްގަމުގެ ކައިރިން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުގައި އޮތް ފޯނެއް ފޭރުނީ ސައިކަލުގައި ދިޔަ ދެ މީހުން ކަމަށެވެ.

މި މައްސަލާގައި ފޭރުނު ފޯނު މިހާރު ހޯދިފައި ވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރާއި 36 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިފަދަ މައްސަލަތަކުގައި ގިނައިން ހައްޔަރު ކުރަނީ ޒުވާނުންނާއި މެދު އުމުރުގެ ދިވެހި ފިރިހެނުންނެވެ.

މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މީހެއްގެ އައިފޯނެއް ގަދަކަމުން އަތުލައިގެން އެ ގެންގުޅުނު މީހަކު އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

comment ކޮމެންޓް