ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ކުންފުނި "ފިޗް ރޭޓިންގްސް"އިން ދިވެހިރާއްޖެ އަށް ބީ ޕްލަސްގެ ރޭޓިންގް ދީފި އެވެ.
ބައިނަލްއަގުވާމީ ގޮތުން މަތިފަޑީގައި ގުނާލެވޭ ތިން ކްރެޑިޓް ރޭޓިންގް ކުންފުނީގެ ތެރޭގައި ފިޗްގެ އިތުރުން ހިމެނެނީ "ސްޓޭންޑަޑް އެންޑް ޕުއާޒް"، އަދި މިދިޔަ އަހަރު ރާއްޖެއަށް ބީ2 ރޭޓިންގް ދިން "މޫޑީޒް"އެވެ.
ފިޗްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރާއްޖެއަށް ދީފައި ވަނީ ބީ ޕްލަސް ރޭޓިންގް އެވެ. މި ރޭޓިންގްގެ ދީފައި ވަނީ ދިގު މުއްދަތުގައި ދިވެހި ފައިސާ އަދި ބޭރުގެ ފައިސާގެ އިޝުއާ ޑީފޯލްޓް ރޭޓިންގްއަށް ބަލައިފަ އެވެ. ބީ ޕްލަސް ރޭޓިންގްގެ މާނައަކީ މާލީ ގޮތުން ހާސިލުކުރަން ޖެހޭ ކަންކަން ހާސިލުވަމުންދާ ކަމާއި މާލީ ގޮތުން ރައްކާތެރިކަން ކަމެވެ. އެހެން ނަމަވެސް ވިޔަފާރީގެ މާހައުލުގައި ކޮންމެވެސް ވަރެއްގެ ރިސްކެއް އޮތް ކަމެވެ.
ފިޗްއިން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ބީ ޕްލަސް ރޭޓިންގް ދިނީ ރާއްޖޭގެ ޖީޑީޕީ ކުރިއަރަމުން އައުމުން އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ސަބަބުން ސަރުކާރުގެ އާމްދަނީ އިތުރުވާތީ އެވެ. އެހެން ނަމަވެސް އެންމެ ސިނާއަތަކަށް މާ ބޮޑަށް ބަރޯސާވުމަކީ ނުރައްކާތެރިކަމެއް ކަމަށް ފިޗްއިން ފާހަގަކުރި އެވެ.
ފިޗް އިން ބުނި ގޮތުގައި، ރާއްޖޭގެ ދަރުލަތުގެ ދަރަނި ދަށްކުރުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދަރަނީގެ ނިސްބަތް 7.4 ޕަސަންޓުން 0.5 ޕަސަންޓަށް ދަށްކުރުމަށް ކަމަށާއި އެހެން ނަމަވެސް މި އަހަރުގެ ޑެފިސިޓް ޖީޑީޕީގެ 4.3 ޕަސަންޓަށް ދަށްކުރަން ޖެހޭކަމަށް ފިޗްއިން ބުންޏެވެ.
ފިޗްއިން ބުނީ އެފަރާތުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ސަރުކާރުގެ ދަރަނީގެ ނިސްބަތް މިއަހަރު ހުންނާނީ 72.3 ޕަސަންޓުގައި ކަމަށާއި 2020 ވަނަ އަހަރު އެ ނިސްބަތް 70.0 ޕަސަންޓަށް ދަށްވާނެ ކަމަށެވެ.