މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ޝާއިއުކޮށްފި

އިންވެސްޓް ކުރުމަށާއި ވިޔަފާރި ކުރުމުގައި ގައުމެއްގައި އޮތް ހީރާސް (ރިސްކު) ދެނެގަނެވޭ ފަދަ މައުލޫމާތުތައް ހިމެނޭ ސޮވެރިން ކްރެޑިޓް ރޭޓިންގް ރާއްޖެ އަށް ފުރަތަމަ ފަހަރަށް ހަދައިފި އެވެ.

މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ޝާއިޢު ކޮށްފައިވާ އިރު، ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ޓުވީޓު ކުރައްވައި ވިދާޅުވީ، އެ ރޭޓިންގްތަކުން ދައްކައިދެނީ ރައީސް އަބްދުﷲ ޔާމީންގެ ހެޔޮ ވެރިކަމާއި އިގްތިސާދީ ބޮޑު ބަދަލު ކަމަށެވެ.

އަދި އެ ރޭޓިންގް ޝާއިއު ކުރެވުމުން ހާމަވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ދެފުށް ފެންނަ ވަރު ނުވަތަ ޓްރާންސްޕޭރެންސީ ކަމަށާއި، އެއީ ރާއްޖެއަށް މުޅި ދުނިޔޭގެ ރުހުން ލިބެމުން އަންނަ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މޫޑީޒް އިންވެސްޓާސް ސާވިސްއިން ރާއްޖޭގެ ސޮވަރިން ކްރެޑިޓް ރޭޓިންގް ހަދައި، މިއަދު ޝާއިޢު ކޮށްފައިވާ އިރު، ރާއްޖެއަށް ލިބިފައި ވަނީ ބީ2 (B2) ރޭޓިންގް އެވެ.

މޫޑީޒްގެ މި ރޭޓިންގްގެ ލަފްޒީ މާނައަކީ، އިންވެސްޓު ކުރުމުގައި ކޮންމެވެސް ވަރެއްގެ ރިސްކެއް އެގައުމެއްގައި އޮންނާނެ ކަމެވެ.

އެހެން ނަމަވެސް މި ރޭޓިންގް ދެނީ، އިންވެސްޓް ކުރުމުގައި ރިސްކެއް ނުވަތަ ހީރާހެއް އޮތުމުންނެވެ. މީގެން ދައްކައިދެނީ، ރާއްޖޭގައި އިންވެސްޓް ކުރުމުން އޭގެ ރިޓާންގެ ގޮތުގައި އިންވެސްޓަރަށް ލިބޭނެ މިންވަރެވެ.

މީގެ ކުރިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ޝާއިއު ކޮށްފައި ނުވާ އިރު ރާއްޖޭގައި އިގްތިސާދީ ހާލަތު ރަނގަޅަށް ނޭނގުމުގެ ސަބަބުން އިންވެސްޓް ނުކޮށް ބައެއް ފަރާތްތަކުން ތިބޭނެ ކަމަށް ބެލެވޭ އިރު، ކްރެޑިޓް ރޭޓިންގް ހެދުމުން އެފަރާތްތަކަށް ލިބޭނީ މި މައުލޫމާތުގެ ޔަގީންކަމެކެވެ. އެހެންކަމުން މައުލޫމާތު ޔަގީންކަމާ އެކު ދެނެހުރެ، ރާއްޖޭގައި އިންވެސްޓު ކުރާނެ އިތުރު ފަރާތްތައް އައުމަކީ ވުން ވަރަށް ގާތް ކަމެއް ކަމަށް "ސަން" އާ ވާހަކަ ދެއްކެވި ބައެއް އިގްތިސާދީ މާހިރުން ވިދާޅުވި އެވެ.

މޫޑީޒްއިން ދޭ ބައެއް ރޭޓިންގްތަކުގެ ލިސްޓުގައި ރާއްޖެއަށް ލިބުނު ރޭޓިންގް --

މޫޑީޒްގެ B ކެޓަގަރީގައި 1، 2 އަދި 3 ހިމެނެ އެވެ. މި ތިން ރޭޓިންގްއަކީ ވެސް އާންމުގޮތެއްގައި "ސްޓޭބަލް" ނުވަތަ ހަމަޖެހުން އޮންނަ އިގްތިސާދުތަކަށް ދޭ ރޭޓިންގް އެކެވެ.

މޫޑީޒްގެ B2 ކެޓަގަރީގައި ހިމެނޭ ބައެއް އެހެން ގައުމުތަކުގެ ތެރޭގައި ކެމްބޯޑިއާ، ހޮންޑުރާސް، ލުބުނާނު، މޮންގޯލިއާ، ނިކަރާގުއާ އަދި ޕަޕުއާ ނިއު ގިނީ ހިމެނެ އެވެ.

ރާއްޖެ އަށް B2 ރޭޓިންގް ދިނުމާ ގުޅިގެން މޫޑީޒް އިންވެސްޓާސްއިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައި ވަނީ، ރާއްޖެ އަށް ލިބުނު ރޭޓިންގްއިން ދައްކައިދެނީ މައިގަނޑު ހަތަރު ކަމެއް ކަމަށެވެ.

އެ ހަތަރު ކަމަކީ:

  • ފަތުރުވެރިކަމުގެ ސިނާއަތާއި، ކުޑަކުޑަ އިގްތިޞާދެއް އޮތުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ އިގްތިޞާދީ ގޮންޖެހުންތަކުގެ ތެރެއިންވެސް ރާއްޖޭގެ ޖީޑީޕީ ފާހަގަކޮށްލެވޭ ގޮތެއްގައި ކުރިއަރަމުން އައުން.
  • ދެހާސް އަށް ވަނަ އަހަރުގެ އާ ގާނޫނު އަސާސީ ތަސްދީގު ކުރުމަށްފަހު މުއައްސަސާތައް އުފެއްދުމުގައި ހުރި ގޮންޖެހުންތަކާއި، ސަރުކާރުގެ ބައެއް އެހެނިހެން އިންޑިކޭޓަރުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ މުއައްސަސާތަކުގެ ބާރު ކުޑަވުން.
  • ރާއްޖޭގެ ސަރުކާރުން ހިންގަމުންދާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާ ގުޅިގެން ދަރަންޏަށް ބޮޑެތި ލޯނުތައް ނަގަމުން ދާތީ، ކުރިޔަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި އެކަމުގެ ނޭދެވޭ އަސަރު ގައުމަށް ކުރާނެ ކަމަށް ބެލެވި، ސަރުކާރުގެ މާލިއްޔަތުގެ ބާރު ކުޑަވުން.
  • ރާއްޖޭގެ ދާޚިލީ، ސިޔާސީ ކަންކަމުގެ ސަބަބުން އިގްތިސާދަށް ކޮންމެވެސް ވަރެއްގެ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވުން.

ކްރެޑިޓް ރޭޓިންގް ރަނގަޅު ކުރެވޭނެ ބައެއް ގޮތްތައް:

  • ސަރުކާރުގެ މާލިއްޔާގެ ޑެފިސިޓާއި، ސަރުކާރުގެ ދަރަނި ކުޑަކުރުން.
  • އިގްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރުން.
  • ރާއްޖޭގެ ސިޔާސީ މަސްރަހަށް ހަމަޖެހުން ގެނެސް، ދެމެހެއްޓެނެވި ސިޔާސަތުތައް ތަންފީޒުކޮށް، މުއައްސަސާތައް ހަރުދަނާ ކުރުން.

ކްރެޑިޓް ރޭޓިންގް ދަށްވާނެ ބައެއް ގޮތްތައް:

  • ދައުލަތުގެ ދަރަނި ބޮޑުވުން.
  • ގުދުރަތީ ހާދިސާއެއް ނުވަތަ ސަރަހައްދީ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް ކުރިމަތިވެ، ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ސިނާއަތަށް ކުއްލި ގޮތަކަށް ނޭދެވޭ ބަދަލެއް އައުން.
  • ރާއްޖޭގެ ސިޔާސީ މަސްރަހު ހަބޮލިވެ، ސިޔާސަތު ކަނޑައެޅުމުގެ ކަންކަމަށް ބުރޫ އެރުން.
comment ކޮމެންޓް