ކަރަން ޖޯހަރު އޭނާގެ އޮޓޯބަޔޮގްރަފީގައި ދޮގުހެދީތަ؟

ރިލީޒް ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިޓަކަށް ވެގެން ދިޔަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އޮޓޯބަޔޮގްރަފީ، 'އޭން އަންސޫޓަބަލް ބޯއީ'ގައި އޭނާ ދޮގު ހަދާފައިވާ ކަމަށް ތުހުމަތުކޮށްފި އެވެ.

މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި އެ ފޮތުގައި ކަރަން އެއްވެސް ފޮރުވުމެއް ނެތި އޭނާގެ ހަޔާތުގެ ވާހަކަތައް ހިމަނާފައި ވުމުން ކިޔުންތެރިންނާއި ކްރިޓިކްސްގެ ވަރަށް ބޮޑު ތައުރީފެއް ވަނީ ލިބިގެން ގޮސްފަ އެވެ.

ނަމަވެސް، ބެލެވޭ ގޮތުން ކަރަން ވަނީ އޭނާގެ ފޮތުގައި، އޭނާގެ އާއިލާ އާއި ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ހިމަނައިފަ އެވެ. އިންޑިއަން އެކްސްޕްރެސްގައި އާންމު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، ކަރަންގެ އާއިލާ އާއި ގުޅޭ ގޮތުން ކަރަން ދައްކާފައި ވަނީ ހަގީގަތާ އެއްގޮތް ވާހަކަތަކަށް ވުރެ ބޮޑަށް ޚިޔާލީ ވާހަކަތަކެއް ކަމަށެވެ.

'އޭން އަންސޫޓަބަލް ބޯއީ'ގައި ކަރަން ބުނެފައި ވަނީ އޭނާގެ ބައްޕަ ފަރާތު އާއިލާ އަކީ ހަލްވާއީ ވިއްކާ ބައެއް ކަމަށެވެ. އަދި އެ އާއިލާގައި ކުޑަކޮށް ވެސް ކިޔަވައިގެން ހުރި މީހަކީ އޭނާގެ ބައްޕަ ކަމަށް ކަރަން ބުނެފައިވެ އެވެ.

ނަމަވެސް ކަރަންގެ ބައްޕަ ފަރާތު ކާފަ އަކީ ލާހޯރުގައި ހަލްވާއީ ވިއްކާ ފިހާރައެއް ހުޅުވުމުގެ ކުރިން ސަރުކާރު ވަޒީފާގައި އުޅުނު މީހެކެވެ. އަދި ކަރަންގެ ބޮޑު ބޭބެ ވެދް ޕްރަކާޝް ޖޯހަރު އަކީ ލާހޯރް ގަވަމެންޓް ކޮލެޖް އިން ތައުލީމު ހާސިލް ކުރުމަށް ފަހު ނިއު ޔޯކުގެ ކޮލަމްބިއާ ޔުނިވާސިޓީ އިން ޖާނަލިޒަމް ޑިގްރީއެއް ހާސިލް ކޮށްފައިވާ މީހެކެވެ. ފަހުން އޭނާ ވަނީ އިންޑިއަން އެޑްމިނިސްޓްރޭޓިވް ސާވިސަސްގައި ވަޒީފާ އަދާކޮށްފަ އެވެ.

އޭގެ އިތުރުން ކަރަންގެ އިތުރު ބޮޑު ބޭބެ އަކު ވަނީ އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތް ކޮށްފަ އެވެ. އަދި ބޮޑު ދައިތަ އަކީ ކޮލެޖުން ގްރެޖުއޭޓްވެ، ޓިޗަރެއްގެ ވަޒީފާ އަދާކޮށްފައިވާ މީހެކެވެ.

ޚަބަރުތައް ބުނާ ގޮތުން ހަލްވާއީ އެއްގެ ގޮތުގައި ފޮނި ކާއެއްޗެހި ވިއްކާ ފިހާރައެއް ހިންގާފައި ވަނީ އޭނާގެ އެންމެ ބޭބެ އެކެވެ.

އެހެންކަމުން ސުޕްރީމު ކޯޓުގެ ފަނޑިޔާރު، ރާޖީވް ނަޔަރު މިހާރު ވަނީ ކަރަން އާ ދެކޮޅަށް ދައުވާ ކުރުމަށް ނިންމައިފަ އެވެ. ރާޖީވް އަކީ ކަރަން އާ ދެބެންގެ ދެދަރި އަންހެން ކުއްޖެއްގެ ފިރިމީހާ އެވެ.

ރާޖީވް އަންނަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރައިގެން ކަރަން އޭނާގެ އާއިލާގެ އަގު ވައްޓާލާފައިވާ ކަމަށް ބުނެ ކަރަން އާއި ފޮތް ޕަބްލިޝް ކުރި ފަރާތް ގޮވައިގެން ކޯޓަށް ދިއުމަށް ތައްޔާރުވަމުންނެވެ.

comment ކޮމެންޓް