ބައްޕަގެ މަރުގެ ބަދަލު ހިފާނޭކަމަށް ބުނެ ބިން ލާދިންގެ ދަރިފުޅުގެ އިންޒާރެއް!

އުސާމާ ބިން ލާދިން އާއި އޭނާގެ ދަރިފުޅު ހަމްޒާ ބިން ލާދިން -- ފޮޓޯ: އެކްސްޕްރެސް

އަލްގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ މަރުގެ ބަދަލުހިފާނޭކަމަށް، އޭނާގެ ފިރިހެން ދަރިފުޅު ހަމްޒާ ބިން ލާދިން ބުނެފިއެވެ.

ބިންލާދިން މަރާލުމަށް އެމެރިކާއިން ހިންގި އޮޕަރޭޝަނަށް ފަހު، އޭނާ ދިރިއުޅުނު ތަން ބަލައި ފާސްކުރުމުގައި ފެނުނު ސިޓީއެއްގައި ވާގޮތުން، ހަމްޒާވަނީ އޭނާގެ ބައްޕަގެ މަރުގެ ބަދަލުހިފުމަށް ތައްޔާރުވާން ފަށައިފައެވެ.

އެފްބީއައިގެ ކުރީގެ އޭޖެންޓެއް ކަމަށްވާ އަލީ ސޫފާންއާ ހަވާލީދީ ސީބީއެސް ނިއުސްގައި ބުނެފައިވަނީ، އޭރު އުމުރުން 22 އަހަރުގެ ހަމްޒާ އޭނާގެ ބައްޕައަށް ފޮނުވާފައިވާ ސިޓީއެއްގައި، ބައްޕަގެ ދުޝްމަނުންގެ ކިބައިން ބަދަލުހިފުމަށް، ތައްޔާރުވަމުންދާކަމަށް ލިޔެފައިވާ ކަމަށެވެ.

އުސާމާ ބިން ލާދިންއަށް ފަހު އަލްގައިދާގެ އާ ލީޑަރެއްގެ ގޮތުގައި ފެނިދާނޭ ކަމަށް ބެލެވޭ ހަމްޒާ، އޭނާގެ ލޮބުވެތި ބައްޕައަށް ލިޔެފައިވާ ސިޓީގައި " ބައްޕަގެ ކޮންމެ ބަލާލުމެއް.... ކޮންމެ ހިނިތުންވުމެއް.... އަދި ކޮންމެ ނަސޭހަތެއް ވެސް" އެއީ މިކަމަށް ތައްޔާރުވުމަށް ލިބުނު އިރުޝާދެއްގެ ގޮތުގައި ބަލައިގަންނަ ކަމަށް ސޫފާން ބުނެފައިވެއެވެ.

"އަހަރެމެން ދިރިއުޅުމުގެ މަގުސަދަކީ ﷲގެ މަގުގައި ޖިހާދުކުރުން،" ހަމްޒާ އޭނާގެ ބައްޕައަށް ލިޔުނު ސިޓީގައި ވެއެވެ.

އުސާމާ ބިން ލާދިން (ކ) އަދި އޭނާގެ ދަރިފުޅު ހަމްޒާ ބިން ލާދިން މިހާރު ހުންނާނޭ ގޮތްކަމަށް ބެލެވޭ ކުރެހުމެއް -- ފޮޓޯ: އެކްސްޕްރެސް

އެފްބީއައި އޭޖެންޓް ސޫފާންއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، އަލްގައިދާގެ ލީޑަރަކަށް ހަމްޒާ ގެނައުމުގެ ތައްޔާރީތައް މީގެ އެތަކެއް އަހަރުކުރީން ވަނީ ފަށައިފައެވެ. އެގޮތުން ބިންލާދިންގެ ޕްރޮޕަގެންޑާ ވީޑިއޯތައް ފެތުރުމުގައި ހަމްޒާގެ ދައުރު ވަރަށް ބޮޑުކަމަށް އޭނާ ބުނެފައިވެއެވެ.

"ބައެއްފަހަރު ބަޑި ހިފައިގެން ހަމްޒާ ހުއްޓާ ވީޑިއޯތަކުން ފެނޭ،" ސޫފާން ބުނެފައިވެއެވެ.

"އުމުރުން އެންމެ ހަތް އަހަރުގައިވެސް އޭނާގެ ފަރާތުން ފެންނަނީ އޭނާގެ ބައްޕަގެ ސިފަތައް.

"އޭނާގެ ފަރާތުން މިފަހަކަށް އައިސް އިވިފައިވާ އޯޑިއޯ މެސެޖްތަކުގައި، އޭނާވަނީ، އުސާމާ ބިން ލާދިން ވާހަކަ ދައްކާގޮތަށް، ހަމަ އެފަދަ ބަސްތައް ބޭނުންކޮށްގެން ވާހަކަ ދައްކާފައި."

އެމެރިކާއިން ބައިނަލްއަގްވާމީ ޓެރަރިސްޓެއްގެ ގޮތުގައި ފާހަގަކޮށްފައިވާ، އުމުރުން 28 އަހަރުގެ ހަމްޒާގެ ހަތަރު އޯޑިއޯ މެސެޖް މިހާތަނަށް ރެކޯޑު ކުރެވިފައިވާއިރު އެ ހުރިހާ މެސެޖެއްވެސް އަމާޒުކޮށްފައި ވަނީ، އެމެރިކާއަށެވެ.

އެގޮތުން އޭނާގެ މެސެޖެއްގައި "އެމެރިކާ ރައްޔިތުންނޭ، އަހަރެމެން މި އަންނަނީ، ކަލޭމެނަށް އެކަން އިހްސާސް ކުރެވޭނެ،" ކަމަށް ބުނެފައިވެއެވެ.

"ކަލޭމެން އަހަރެންގެ ބައްޕައާއި އިރާގަށް އަދި އަފްޣާނިސްތާނަށް ހަދާލިގޮތުގެ ބަދަލު އަހަރެމެން ހިފާނަން،" ހަމްޒާގެ ފަރާތުން އެމެރިކާއަށް ދީފައިވާކަމަށް ބުނާ އިންޒާރުގެ މެސެޖުގައި ވެއެވެ.

އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން ކުޑައިރު، އަލްގައިދާގެ ވީޑިއޯއެއްގައި-- ފޮޓޯ: އެކްސްޕްރެސް

އެމެރިކާގެ "މޯސްޓް ވޯންޓެޑް ލިސްޓް"ގައި ދިހަވަރަކަށް އަހަރު ދުވަހު، އޮތް އުސާމާ ބިން ލާދީން މަރާލެވިއްޖެ ކަމަށް އެމެރިކާއިން އިއުލާނުކުރީ، 2011 ވަނަ އަހަރުގެ މޭ މަހުގެ ދެވަނަ ދުވަހުއެވެ. އެއީ އެމެރިކާގެ ނޭވީ ސިފައިންނާއި ޕާކިސްތާނު ސިފައިން ގުޅިގެން، އިސްލާމް އާބާދުގެ ބޭރުން ގާތް ގަނޑަކަށް 150 ކިލޯ މީޓަރު އުތުރުން އޮންނަ އަބޮއްޓްއާބާދުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވެއެވެ.

އުސާމާ ބިން ލާދިން އަކީ، އެމެރިކާގެ ލޮލުން ނިދި ފިލުވައިލި ވަރުގަދަ ޓެރަރިސްޓު ލީޑަރުގެ ގޮތުގައި އެއްބަޔަކު ސިފަކުރާއިރު، އަނެއް ބަޔަކު ސިފަކުރަނީ އޭނާއަކީ އިސްލާމީ ވަރުގަދަ މުޖާހިދެއްގެ ގޮތުގައެވެ. އަނެއްބަޔަކު ބުނާ ގޮތުގައި އޭނާ އަކީ އިސްލާމީ އުއްމަތާ އަޅައިގަނެގެން އުޅުމަށް ޓަކައި ބަހަނާއެއް ހޯދަން ވެގެން އެމެރިކާ ސަރުކާރުން އުފައްދާފައި ވާ ހިޔާލީ މައުޖޫދެކެވެ. ނުވަތަ ފޭންޓަމެކެވެ.

comment ކޮމެންޓް