އުސާމާ ބިން ލާދިނަކީ ކާކުހޭ، މިއީ ޖަވާބު ދޭން ފަސޭހަ ސުވާލެއް ނޫނެވެ. ދުނިޔޭގެ ފަހުގެ ތާރީޚުގައި އުފެދުނު އެންމެ މަޝްހޫރު އެއް އިންސާނާ ކަމަށް ވުމާއެކު ވެސް އޭނާއަކީ ވަރަށް މަޖުހޫލު މީހެކެވެ. ފޮރުވިފައި ވާ ކޮންމެވެސް މަންޒަރެއް ސިފަ ކުރުމަށް ޓަކައި އެތައް މުސައްވަރެއްގެ ގަލަންތަކުން ތަފާތު އެތައް ތަސްވީރުތަކެއް ކުރެހިފައި ވާ މަންޒަރެއް ފަދަ މީހެކެވެ. މީސްތަކުންނަށް ފެންނަނީ ކުރެހިފައި ވާ ތަފާތު ތަސްވީރުތަކެވެ. ހަގީގީ މަންޒަރު ވަނީ ފޮރުވިފައެވެ. އެހެންކަމުން ހަގީގީ މަންޒަރު ހުށަހަޅައިދޭ، ހަގީގީ ތަސްވީރަކީ ކޮބައިކަމެއް ނޭނގެއެވެ. ބިން ލާދިންގެ ޝަހުސިއްޔަތާ މެދު ވެސް ކަންތައް ވެފައި ވަނީ މިހެންނެވެ. އެއްބަޔަކު އޭނާ ކުރަހަނީ އިސްލާމީ ވަރުގަދަ މުޖާހިދެއްގެ ގޮތުގައެވެ. އަނެއްބަޔަކު އޭނާގެ ޝަހުސިއްޔަތު ސިފަ ކުރަނީ އެމެރިކާގެ ލޮލުން ނިދި ފިލުވައިލި ވަރުގަދަ ޓެރަރިސްޓު ލީޑަރުގެ ގޮތުގައެވެ. އަނެއްބަޔަކު ބުނާ ގޮތުގައި އޭނާ އަކީ އިސްލާމީ އުއްމަތާ އަޅައިގަނެގެން އުޅުމަށް ޓަކައި ބަހަނާއެއް ހޯދަން ވެގެން އެމެރިކާ ސަރުކާރުން އުފައްދާފައި ވާ ހިޔާލީ މައުޖޫދެކެވެ. ނުވަތަ ފޭންޓަމެކެވެ.
އުސާމާ ބިން ލާދިނާ ބެހޭ ގޮތުން އެކިއެކި ވަސީލަތްތަކުން ލިބޭ މައުލޫމާތަށް ބަލާ އިރު، އޭނާ އުފަން ވީ 1957 ވަނަ އަހަރުއެވެ. އޭނާ އަކީ ސުޢޫދީ ޢަރަބިއްޔާގެ މަލްޓިމިލިއަނަރެއް ކަމަށް ވާ މުޙައްމަދު ބިން ލާދިންގެ 52 ދަރީންގެ ތެރެއިން 17 ވަނަ ދަރިފުޅެވެ. 1968 ވަނަ އަހަރު މުޙައްމަދު ބިން ލާދިން މަރު ވެ، އޭނާގެ ވާރުތައިން އުސާމާ ބިން ލާދިނަށް ވެސް ގިނަ އަދަދެއްގެ ފައިސާ ލިބުނެވެ. އާއްމުކޮށް ބެލެވޭ ގޮތުގައި އުސާމާ ބިން ލާދިންގެ މުއްސަނދިކަމުގެ މިންވަރު 250 މިލިއަން ޔޫއެސް ޑޮލަރަށް އަރައެވެ. ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ މިއީ އުސާމާގެ ހަގީގީ މުއްސަނދިކަމަށް ވުރެ ބޮޑު އަދަދެއް ކަމަށެވެ.
އިސްލާމީ ހަރަކާތްތަކުގެ ތެރެއަށް އުސާމާ ބިން ލާދިނަށް ވަދެވުނީ ސުޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ ކިންގް ޢަބްދުލް ޢަޒީޒް ޔުނިވަރސިޓީގައި ސިވިލް އިންޖިނިއަރިން ކިޔަވަމުން ދިޔަ ދުވަސްވަރެވެ. 1979 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެއިރުގެ ސޮވިއެޓް ޔުނިއަނުގެ ސިފައިން އަފްޣާނިސްތާނަށް އަރައިގަތުމުން އެ ގައުމަށް ދިޔަ މުޖާހިދުންގެ ތެރޭގައި އުސާމާ ބިން ލާދިން ވެސް ހިމެނުނެވެ. ބެލެވޭ ގޮތުގައި އެ ދުވަސްވަރު އަފްޣާނުގެ މުޖާހިދުން ރޫސީންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީ.އައި.އޭ.) ގެ ބޮޑު އެހީތެރިކަމެއް ލިބުނެވެ. އުސާމާ ބިން ލާދިން ފަދަ މުޖާހިދުންނަށް ތަމްރީނާއި ހަތިޔާރު ފޯރު ކޮށްދިނުމުގައި ސީ.އައި.އޭ. މުހިއްމު ދައުރެއް އަދާ ކުރި ކަމަށް ގަބޫލު ކުރެވެއެވެ.
އުސާމާ ބިން ލާދިން އެމެރިކާއާ ދެކޮޅަށް ތެދުވީ 1991 ވަނަ އަހަރުގެ ގަލްފް ހަނގުރާމަ އަށް ޓަކައި އެމެރިކާގެ 300000 ސިފައިން ސުޢޫދީ ޢަރަބިއްޔާ އަށް ދިޔުމުންނެވެ. އުސާމާގެ ވިސްނުމުގައި އެއިރު ޢިރާޤުގެ ރައީސް ސައްދާމު ޙުސައިނުގެ ފަރާތުން ސުޢޫދީ އަށް ކުރިމަތި ވެފައި އޮތް ބިރުވެރިކަމާއި ނުރައްކަލާ ކުރިމަތި ލާން އަފްޣާނުގައި ހަނގުރާމަ ކުރި ސުޢޫދީ މުޖާހިދުންނާއި ސުޢޫދީގެ ލަޝްކަރު ފުދެއެވެ. އަދި ހުޅަނގުގެ ލާދީނީ ބާރެއްގެ ސިފައިން ޢަރަބި ކަރައިގެ މާތް ބިމުގައި ތިބުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫނެވެ. މި ކަހަލަ ގޮތަކަށް އުސާމާގެ ވިސްނުން ހުރުމުގެ ނަތީޖާއެއްގެ ގޮތުން ސުޢޫދީންނާއި އެމެރިކާނުން އޭނާ އަކީ ދުޝްމަނެއް ކަމަށް ބަލަން ފެށިއެވެ. އެމެރިކާގެ ބާރުއެޅުމަށް ދީލާލައި، ސުޢޫދީ ސަރުކާރުން 1994 ވަނަ އަހަރު އުސާމާގެ އަތުން ސުޢޫދީ ރައްޔިތެއްކަމުގެ ހައްގު ނިގުޅައިގަތެވެ. އެ ދުވަސްވަރު ސުޢޫދީ އިންޓެލިޖެންސް އިދާރާގެ ވެރިޔާ ދެއްވި ނަސޭހަތް ގަބޫލު ކޮށްގެން އުސާމާ ގައުމުން ބޭރު ވެ، ފުރަތަމަ ދިޔައީ ސޫދާނަށެވެ. ނަމަވެސް އެމެރިކާނުން ގެންދިޔައީ ސޫދާނުގައި ވެސް އޭނާ ހުއްޓަނުދިނުމަށެވެ. އެހެންކަމުން އެ ގައުމުގައި ކުޑަ ދުވަސްކޮޅެއް ހޭދަ ކުރުމަށް ފަހު އުސާމާ ދެން އަނެއްކާ ވެސް ދިޔައީ އަފްޣާނިސްތާނަށެވެ. އަފްޣާނުގައި އޭނާ ހުރީ ޖަލާލްއާބާދާ ދާދި ކައިރީގައި އޮންނަ ފަރްމާދާ އެވެ ކިޔުނު އަވަށެއްގައެވެ. ޠާލިބާނުން ޖަލާލްއާބާދު ހިފީ އުސާމާ އެ ސަރަޙައްދުގައި އުޅެނިކޮށެވެ. އެއަށްފަހު އުސާމާ ޠާލިބާނުންނާ ގުޅުނެވެ. ދެން އޭނާ އޭނާގެ އާއިލާ ވެސް ގޮވައިގެން ބަދަލު ވީ ޠާލިބާނުންގެ މަރުކަޒެއްގެ ގޮތުގައި އޮތް ކަންދަހާރަށެވެ. ބުނެވޭ ގޮތުގައި އޭނާ އާއި އޭނާގެ އާއިލާގެ މެންބަރުން ކަންދަހާރަށް ދިޔައީ ޠާލިބާނުންގެ ލީޑަރު މުއްލާ އުމަރު ފޮނުވި ހާއްސަ މަތިންދާބޯޓެއްގައެވެ.
1998 ވަނަ އަހަރު އުސާމާ ބިން ލާދިން ވަރަށް މަޝްހޫރު ދައުވަތެއް ނެރުނެވެ. ދުނިޔޭގެ މުސްލިމުންނަށް އޭނާ ގޮވާލީ އެމެރިކާނުންނާއި އެމީހުންގެ ބައިވެރީން މެރުމަކީ މުސްލިމުންގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ. "ވޯރލްޑް ފްރަންޓް ފޯރ ޖިހާދު އެގެއިންސްޓް ދަ ޖޫވސް އެންޑް ކްރުސޭޑަރޒް" ކިޔާ ޖަމާއަތެއް ތަމްސީލު ކުރަމުން އުސާމާ ދެއްކި ވާހަކައިގައި ބުނެފައި ވަނީ އެމެރިކާ މީހުންނާއި އެމީހުންގެ ބައިވެރީން އިސްލާމީ އުއްމަތް އަޅުވެތިކޮށް، މުސްލިމުން މަރަމުން ގެންދާ އިރު އޭގެ ބަދަލުގައި އަތްތައް އުރާލައިގެން ތިބުމަކީ އުއްމަތަށް ހިޔާނާތްތެރި ވުން ކަމުގައެވެ.
މި ގޮވައިލުމުގެ 6 މަސް ދުވަސް ފަހުން ކެންޔާ އާއި ޓެންޒޭނިޔާގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް ބޮމުގެ ވަރުގަދަ ހަމަލާތަކެއް ދެވުނެވެ. 224 ވަރަކަށް މީހުން މަރުވެ، 5000 ވަރަކަށް މީހުން ޒަހަމު ވި މި ހަމަލާތައް ދެވުމަށް ފަހު އެ ހަމަލާތަކުގެ ތުހުމަތު އެޅުވުނީ އުސާމާ ބިން ލާދިންގެ ބޮލުގައެވެ. އެމެރިކާއިން ބުނި ގޮތުގައި މި ހަމަލާއަކީ އުސާމާ ބިން ލާދިން ހިންގާ "އަލްގާއިދާ" އެވެ ކިޔުނު ޓެރަރިސްޓް ޖަމާއަތުން ދިން ހަމަލާއެކެވެ. އެއާއެކު އެމެރިކާގެ ޖާސޫސީ ރާޑަރުތައް އޭނާ އަށް އަމާޒު ކުރެވުނެވެ. އެމެރިކާގެ "މޯސްޓް ވޯންޓެޑް" ލިސްޓުގެ ކުރީކޮޅަށް އޭނާގެ ނަން އެރިއެވެ. އޭނާގެ ބޮލުގެ އަގަކީ 25 މިލިއަން ޔޫއެސް ޑޮލަރު ކަމަށް އެމެރިކާގެ އެފްބީއައި އިން ކަނޑައެޅިއެވެ.
މި ހާދިސާއަށް ފަހު ބިން ލާދިން މަރައިލަން، ނުވަތަ އަތުލައިގަންނަން އެމެރިކާގެ ޖާސޫސުންނާއި އަސްކަރިއްޔާއިން ތަފާތު އެތައް މަރުހަލާއެއްގައި މަސައްކަތް ކުރިއެވެ. ނަމަވެސް މި މަސައްކަތްތައް ކާމިޔާބެއް ނުވެއެވެ. އެގޮތުން 1998 ވަނަ އަހަރު، ކަންދަހާރުގެ ގަވަރުނަރުގެ ގަނޑުވަރުގައި ބިން ލާދިން ހުރި ކަން އެނގިގެން އެ ތަނަށް ހަމަލާ ދޭން ވެސް އެމެރިކާގެ ސީއައިއޭ އިން ރޭވިއެވެ. ނަމަވެސް އެ ހަމަލާ އަމަލީގޮތުން ތަންފީޒު ކުރެވިފައެއް ނުވެއެވެ. ފަހުން އެމެރިކާއިން ބުނީ އެ ހަމަލާ ދިން ނަމަ 200 ވަރަކަށް މަދަނީން މަރު ވާނެތީ އެ ހަމަލާގެ ޕްލޭން ކެންސަލް ކޮށްލެވުނީ ކަމަށެވެ. 1999 ވަނަ އަހަރު ކަންދަހާރުގެ ދެކުނުގެ ސަރަހައްދެއްގައި ބިން ލާދިން އުޅޭ ކަން އެނގިގެން އެ ތަނަށް ހަމަލަ ދޭން ވެސް ޕްލޭން ކުރެވުނެވެ. ނަމަވެސް އެ ޕްލޭން ތަންފީޒު ކުރަން ހުއްދަ ލިބުމުގެ ކުރީން ބިން ލާދިން އެ ތަން ދޫކޮށް ދިޔައީއެވެ. އޭގެ ފަހުން ބިން ލާދިން މަރާލަން ރަނގަޅު ފުރުސަތެއް ލިބުނީ 1999 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް އެ ފަހަރު ވެސް ސީ.އައި.އޭ. އާއި ޕެންޓަގަނުގެ ޕްލޭން ތަންފީޒު ކުރަން ވައިޓް ހައުސް އިން ބައެއް ސަބަބުތަކާ ހުރެ ހުއްދައެއް ނުދިނެވެ.
ބިން ލާދިން މަރައިލަން ކުރެވުނު މަސައްކަތްތައް ނާކާމިޔާބު ވަމުން ދިޔަ އިރު، އެމެރިކާ އާއި އެމެރިކާގެ ވާގިވެރީންނާ ދެކޮޅަށް ދެވޭ ހަމަލާތަކާ ގުޅިގެން އުސާމާ ބިން ލާދިންގެ ނަން އިވޭ ލެއް އައީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ. ބިން ލާދިނާ ގުޅުވިފައި ވާ ޓެރަރިސްޓް ހަމަލާތަކުގެ ތެރޭގައި 1993 ވަނަ އަހަރު ސުޢޫދީ ޢަރަބިއްޔާގެ ވެރި ރަށް ރިޔާޟުގައި އެމެރިކާ ސިފައިން ތިބި އަސްކަރީ މަރުކަޒަކަށް ދެވުނު ހަމަލާ ފަދަ އެތައް ހަމަލައެއް ހިމެނެއެވެ. ނަމަވެސް މިފަދަ ހުރިހާ ހަމަލާތަކެއްގެ ވާހަކަތަކަށް ހިޔަނި އެޅުނީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯރކުގައި ހުންނަ ވޯރލްޑް ޓްރޭޑް ސެންޓަރަށާއި ވޮޝިންގޓަނުގައި ހުންނަ އަސްކަރިއްޔާގެ މަރުކަޒު ކަމަށް ވާ ޕެންޓަގަނަށް ދެވުނު ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި 3000 މީހުން މަރު ވިއެވެ.
އެމެރިކާ ސަރުކާރުން މި ހަމަލާގެ ޒިންމާ އެންމެ ފުރަތަމަ ވެސް އެޅުވީ އުސާމާ ބިން ލާދިންގެ ބޮލުގައެވެ. އަދި މި ހަމަލާ ދީފައި ވަނީ އުސާމާ ބިން ލާދިން ހިންގާ އަލްގާއިދާ ޓެރަރިސްޓް ޖަމާއަތުން ކަމަށާއި، މި ޖަމާއަތަކީ މުޅި ދުނިޔެއަށް ފެތުރިފައި ވާ ޓެރަރިސްޓް ނެޓްވޯކެއް ކަމަށް އެމެރިކާ ސަރުކާރުން ބުންޏެވެ. މި ނެޓްވޯކަކީ ދުނިޔޭގެ ތަހްޒީބަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، އެ ނެޓްވޯކުގެ ބޭނުމަކީ ހުޅަނގުގެ މަތިވެރި ޙަޟާރަތު ފުނޑުފުނޑުކޮށް، މިނިވަން ދުނިޔެ ނިމުމަކަށް ގެނައުން ކަމުގައި ވާހަކަދެއްކިއެވެ. "ލޯރޑް އޮފް ދަ ރިންގްސް" ވާހަކައިގައި ދުނިޔެއިން ހުރިހާ ހެޔޮކަމެއް ނެއްތައިލަން އުޅޭ "ޑާރކް ލޯރޑް" ފަދަ މީހަކަށް އުސާމާ ބިން ލާދިން ހަދައި، ޑާރކް ލޯރޑުގެ ސިއްރު ލަޝްކަރުތައް ފަދަ ލަޝްކަރަކަށް އަލްގާއިދާ ހަދައިގެން، "ރަނގަޅު މީހާ" ހެދިގެން އެމެރިކާ މީހުން ތެދުވިއެވެ. މުޅި ދުނިޔޭގެ ސަލާމަތް އޮތީ އެމެރިކާއިން އަލްގާއިދާއާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބުވުމާ ގުޅިފައި ކަމަށް ބުނަމުން ގެންދިޔައެވެ. ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ އެއިރުގެ ރައީސް ބުޝް ވަނީ އުސާމާ ބިން ލާދިން "މަރު ވެފައި ނުވަތަ ދިރި ހުއްޓައި" ނަމަވެސް ބޭނުން ކަމަށެވެ.
މި ކަހަލަ ޝިއާރުތަކެއް ފާޅު ކުރަމުން އެމެރިކާއާއި އެމެރިކާގެ ބައިވެރީން އަފްޣާނަށް ހަމަލަ ދޭން ފެށީ 2001 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އުސާމާ ބިން ލާދިން އަތުލައިގަތުމުގެ ނަމުގައެވެ. އަފްޣާނުގައި ހުރި އަލްގާއިދާގެ މަރުކަޒުތައް ސުންނާފަތި ކޮށްލުމުގެ ނަމުގައެވެ. މި ހަނގުރާމައިގައި އަފްޣާނުގެ މައުސޫމު އަންހެނުންނާއި ކުޑަކުދީންގެ ތެރެއިން އެތައް ބަޔަކު ނުރައްކާތެރި ހަތިޔާރުތަކަށް ނަޒުރުކޮށްލުމަށް ފަހު އެމެރިކާގެ ލަޝްކަރުތައް އަފްޣާނު ހިފިއެވެ. ނަމަވެސް އުސާމާ ބިން ލާދިން އަތުލައިގަތުމުގައި އެއިރަކު ކާމިޔާބެއް ނުލިބުނެވެ.
2001 ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނަށް އެންމެ ފުރަތަމަ ހަމަލާތައް ދޭން ފެށި ދުވަސްވަރު، އަފްޣާނުގެ ތޯރާ ބޯރާ ފަރުބަދަ ސިލްސިލާގެ ތެރޭގައި، އެމެރިކާގެ ބޮންތަކުގެ ޝިކާރައަކަށް އުސާމާ ވެގެން ދިޔަ ވާހަކަ ވެސް ދެކެވުނެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ ހަގީގަތެއް ނޫނެވެ. އޭގެ ފަހުން، 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަލްޖަޒީރާ ޓީވީއަށް އުސާމާ ބިން ލާދިން ކަމަށް ދައުވާ ކުރާ މީހަކު ވާހަކަ ދައްކަނިކޮށް ކުރެވިފައި ވާ ރެކޯޑިންއެއްގެ ޓޭޕް ކޮޕީއެއް ލިބުނެވެ. އެ ޓޭޕުގައި ވާހަކަދައްކަމުން އުސާމާ ބުނެފައި ވަނީ އެމެރިކާގެ ސަލީބީ ލަޝްކަރުތަކާ ދެކޮޅަށް ހުރިހާ މުސްލިމުން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށެވެ. އެ ދުވަސްވަރަކީ ޓެރަރިޒަމޭ، ފަނާކުރަނިވި ހަތިޔާރޭ ކިޔައިގެން ޢިރާގަށް އަރައިގަންނަން އެމެރިކާ މީހުން ތައްޔާރު ވަމުން ދިޔަ ދުވަސްވަރެވެ.
އުސާމާ ބިން ލާދިން އުޅޭނޫޅޭ ތަންތަން އެނގެނީ އޭނާގެ އެންމެ ގާތް މީހުންނަށެވެ. އެ ނޫން މީހަކަށް އޭނާ އެންމެ ފަހުން ފެނުނު ކަމަށް ވަނީ 2001 ވަނަ އަހަރު، އަފްޣާނުގެ ތޯރާބޯރާ ސަރަހައްދުންނެވެ. ބެލެވޭ ގޮތުގައި އޭނާ އުޅެނީ އަފްޣާނާއި ޕާކިސްތާނުގެ ޕަޝްތޫ ގަބީލާގެ މީހުން ދިރިއުޅޭ ސަރަހައްދުގައެވެ. މި ސަރަހައްދުތަކުގައި ފިލައިގެން އުޅެމުން ދިޔަ އުސާމާ އަތުލައިގަނެވިދާނެކަމުގެ އުއްމީދު އާ ވެގެން ދިޔައީ 2003 ވަނަ އަހަރު، އަލްގާއިދާ ޖަމާއަތުގެ އޮޕަރޭޝަންތަކުގެ "ބޮޑުބޯ" ކަމަށް އެމެރިކާއިން ސިފަކުރި ޚާލިދު މުޙައްމަދު ޝެއިޚް އަތުލައިގަނެވުމުންނެވެ. 2004 ވަނަ އަހަރުގެ މެދުތެރޭގައި ބިން ލާދިން އަތުލައިގަތުމަށް ޓަކައި ޕާކިސްތާނު ސިފައިން ވަރުގަދަ ހަރަކާތެއް ފެށިއެވެ. ނަމަވެސް އަހަރެއް ފާއިތު ވެގެން ދިޔުމަށް ފަހު އެ މަސައްކަތް ނާކާމިޔާބު ވީ ކަމަށް ޕާކިސްތާނުން ބުންޏެވެ.
މި ހާދިސާތަކަށް ފަހު އަލްގާއިދާގެ މެސެޖްތައް އިންޓަރނެޓަށް ދޫ ކުރެވޭ އޯޑިއޯ ތަކުގެ ޒަރީއާއިން ދޭތެރެ ދޭތެރެއިން އިވެމުން ދިޔަ ނަމަވެސް، އުސާމާ ބިން ލާދިންގެ ވީޑިއޯއެއް ނުވަތަ އޯޑިއޯއެއް ލިބިފައި ވަނީ ވަރަށް މަދު ފަހަރެއްގައެވެ. އޭގެ ތެރެއިން އެއް ފަހަރަކީ 2004 ވަނަ އަހަރު، ސްޕެއިނުގެ މެޑްރިޑުގައި ހިނގި ބޮމުގެ ހާދިސާއަށް ފަހު، އަދި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ދުވަސްކޮޅެއް ކުރީންނެވެ. އަނެއް ފަހަރަކީ އެގާރަ ސެޕްޓެންބަރުގެ ހާދިސާއަށް ހަ އަހަރު ފުރުމާ ދިމާކޮށް، 2007 ވަނަ އަހަރެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވެސް އޭނާގެ އޯޑިއޯ މެސެޖެއް އާއްމު ވެފައި ވެއެވެ. އޭނާ މަރާލެވިފައި ވަނީ މި މެސެޖު އާއްމު ކުރެވުނު ތާ މާކަ ގިނަ ދުވަހެއް ނުވަނީހެވެ.