އެމެރިކާ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް މަސައްކަތްކުރާ ޑިޕާޓްމަންޓް އޮފް ގަވަމަންޓް އެފިޝެންސީ (ޑޯޖް)އަށް އެހީވުމަށް ސްޕޭސްއެކްސްގެ އިސް މުވައްޒަފަކު ޚާއްސަ އޭއައި ޗެޓްބޮޓެއް ތައްޔާރުކޮށްފިއެވެ.
ޓެކްކްރަންޗްގެ ރިޕޯޓެއްގައިވާ ގޮތުން، މި ޗެޓްބޮޓަކީ ސްޕޭސްއެކްސްގެ ސެކިއުރިޓީ އިންޖިނިއަރިންގެ ވެރިޔާ ކްރިސްޓޯފާ ސްޓެންލީ، އެލޮން މަސްކްގެ އޭއައި ކުންފުނި xAIގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ އެހީތެރިއެކެވެ.
ސަރުކާރުގެ ޚަރަދުތައް ދެނެގަނެ، ޚަރުދަނާކުރުމަށް އެހީތެރިވުމަށް ތައްޔާރުކޮށްފައިވާ މި ޗެޓްބޮޓް ބޭނުންކޮށްފައި ވަނީ ތަޖުރިބާކުރުމުގެ ގޮތުން ކަމެއް ނުވަތަ ޑޯޖްގެ މަސައްކަތުގައި ބޭނުންކުރަން ކަމެއް އަދި ސާފެއް ނޫނެވެ.
މި ޗެޓްބޮޓް ތައްޔާރުކޮށްފައި ވަނީ ޑޯޖް ގެ މައިގަނޑު ފަސް އަސާސްގެ މައްޗަށް ބިނާކޮށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމާއި ބޭނުން ނުހިފޭ ކުންފުނި ތަކާއި، އެޖެންސީތައް އުވާލުން ހިމެނެއެވެ.
ވަޔަޑް މަޖައްލާގެ ރިޕޯޓެއްގައި ވެސް ބުނެފައިވާ ގޮތުން، ޑޯޖް އިން ވަނީ ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ)އަށް ވަކި ޗެޓްބޮޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.
އެހެންނަމަވެސް މި ޗެޓްބޮޓް ބޭނުންކުރުމުގައި ބައެއް މައްސަލަތައް ހުރިކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ގިނަ އޭއައި މޮޑެލްތަކުގައި ވެސް ހުންނަ "ހެލޫސިނޭޝަން" (ދޮގުމައުލުމާތު) ދިނުމުގެ މައްސަލަ ހިމެނެއެވެ. މިސާލަކަށް ޑޯޖް ގެ މުވައްޒަފުންގެ ނަންތައް އެހުމުން ދޮގު މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، xAI ގެ ޓެކްނޮލޮޖީ ބޭނުންކުރުމުގައި މަސްލަހަތު ފުށުއަރާ މައްސަލަތަކެއް ހުރިކަން ވެސް ފާހަގަކުރެވެއެވެ. ސަބަބަކީ އޭޕީއައި ބޭނުންކުރުމަށް ފީ ނަގާތީ، ސަރުކާރުގެ މުވައްޒަފުން ޗެޓްބޮޓް ބޭނުންކުރުމުން ސީދާ xAIއަށް އާމްދަނީ ލިބޭނެތީއެވެ.
މި މައްސަލައާ ގުޅޭގޮތުން ސްޓެންލީ ވެސް އަދި ވައިޓް ހައުސް އިންވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޓެސްލާ އަދި ސްޕޭސްއެކްސްގެ ސީއީއޯ އެލޮން މަސްކް ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިޚާބު ވުމާއެކު އެކްސް އަދި ސްޕޭސްއެކްސްގެ އިސް މުވައްޒަފުންތަކެއް އެމެރިކާގެ ސަރުކާރު ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމަށް ފޮނުވާފައެވެ.
މި މުވައްޒަފުންގެ އެހީގައި އުފެއްދި ޑޯޖް އަކީ ސަރުކާރުގެ އިދާރާތަކުގެ ޚަރަދުތައް ކުޑަކޮށް، މަސައްކަތް އަވަސްކުރުމަށް ޓަކައި އުފައްދާފައިވާ ވަގުތީ އޮފީހެކެވެ.