ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ޔުކްރެއިނުން ބްލޮކްކޮށްފިއެވެ.
ޔުކްރެއިނުގެ ރައްޔިތުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރޫތް ސޯޝަލް، ޔުކްރެއިނުގެ ހުރިހާ ސަރަހައްދުތަކުގައި ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ބްލޮކް ކޮށްފައެވެ.
މި ޕްލެޓްފޯމަށް ވަނުމަށް މަސައްކަތްކުރާ ޔޫޒަރުންނަށް ފެންނަނީ "ޓްރޫތް ސޯޝަލް މިވަގުތު ތިޔަ ސަރަހައްދުގައި ލިބެން ނެތް" ކަމުގެ މެސެޖެކެވެ.
މި ފިޔަވަޅު އަޅައިފައިވަނީ ބުދަ ދުވަހު ޓްރަމްޕް، ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ޔުކްރެއިނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއަކީ "ކޮމީޑިއަނެއް" އަދި "ޑިކްޓޭޓަރެއް" ކަމަށް ލިޔުއްވުމާ ގުޅިގެން ކަމަށް މީޑިއާތަކުން ތުހުމަތު ކުރެއެވެ.
މި ވަގުތާ ހަމައަށްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމް ބްލޮކްކުރުމާ ގުޅޭގޮތުން ޔޫކްރެއިނުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި އެ ނިންމުމާ ގުޅޭގޮތުން ޓްރޫތް ސޯޝަލްއިން ވެސް އެއްޗެކޭ ބުނެފައިނުވެއެވެ.
"ޓްރޫތް ސޯޝަލް"އަކީ ޓްރަމްޕްގެ ކުރީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ސަސްޕެންޑް ކުރުމާ ގުޅިގެން 2021 ވަނަ އަހަރު އުފެއްދެވި ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ.
ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން ދެ ގައުމުގެ މެދުގައި ކުރަމުންދާ ހަނގުރާމައިގައި، ކުރީގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުންވަނީ ޔުކްރެއިނަށް ވަރުގަދަ ސިޔާސީ އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް ޓްރަމްޕް ވަނީ ޔުކްރެއިނަށް ދޭ އެހީ މަދުކުރުމަށް ތަކުރާރުކޮށް ގޮވާލައްވައި، ޒެލެންސްކީގެ ވެރިކަމަށް ފާޑުވިދާޅުވެފައެވެ.