ކޯޗު ރައުހަތުގެ މަސައްކަތް މެކުހަށް، މިހާރު ގއ. އަތޮޅުގައި

ރައުހަތު ގދ. މަޑަވެލި ޒުވާނުންތަކަކާ އެކު: ރައުހަތު މިހާރު ދަނީ ގއ. ދާންދޫގައި ހަރަކާތްތަކެއް ހިންގަމުން ---

ރާއްޖޭގައި މިވަގުތު އެތުލެޓިކްސް ކޯޗުން މަދެއްނޫނެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރު ކޯޗުންތަކެއް ރާއްޖޭގައި ހިމެނޭ އިރު، ޒުވާން އަދި އަރަމުން އަންނަ ކޯޗުން ވެސް މަދެއް ނޫނެވެ. އެގޮތުން ގދ. ތިނަދުއަށް އުފަން ކޯޗު ރައުހަތު ގުދުރަތުﷲ އަކީ ފާހަގަކޮށްލެވޭ ޒުވާން ކޯޗެކެވެ.

އުމުރުން 25 އަހަރުގެ ޒުވާން ކޯޗުގެ ވާހަކަ މިއަދު ދައްކަންޖެހެނީ އަމިއްލަ ރަށުގައި ކޯޗު ކޮށްދިނުމަށް ފަހު، އެހެން ހަރުފަތަކަށް ދާން އޭނާ އަޒުމު ހިފާފައިވުމުންނެވެ. އަމިއްލަ ރަށުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ޒުވާން އެތުލީޓުން އުފެއްދުމަކީ އޭނާގެ އަޒުމެކެވެ.

ގއ. ދާންދޫގައި ރައުހަތު ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން: ގއ. އަތޮޅުގެ ރަށްތަކެއްގެ ޒުވާން އެތުލީޓުންނަށް ހަރަކާތްތައް ހިންގުމަށް އޭނާ ރާވާފައިވޭ ---

ރައުހަތުގެ ފުރަތަމަ މަންޒިލަކީ ގއ. އަތޮޅު!

ރައުހަތުގެ ކޯޗިން ކެރިޔަރުގެ ހުރިހާ ހަރަކާތްތަކެއް ކުރިއަށްގެންދަނީ ރައުހަތު ސްޕޯޓްސް އެކަޑަމީގެ ދަށުންނެވެ. ރައުހަތު އޭނާގެ އެކަޑަމީގެ ދަށުން ތިނަދޫގައި ގިނަ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައިވާ އިރު، މިހާރު އޭނާގެ މަސައްކަތް ކުރިއަށް ގެންދަނީ ގއ. އަތޮޅުގަ އެވެ.

ގއ. އަތޮޅުގެ ތިން ރަށެއްގައި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރައުހަތު ނިންމާފައިވާ އިރު، މިހާރު އޭނާ ވަނީ ގއ. ދާންދޫގަ އެވެ. އެ ހަރަކާތް ކުރިއަށްގެން ދަނީ ރެޑްބުލް މޯލްޑިވްސްގެ އެހީތެރިކަމާ އެކު އެ ރަށު ޔޫތު ސެންޓަރާއި ސްކޫލްތަކާ ގުޅިގެން އެ ރަށުގެ ޒުވާން އެތުލީޓުންނަށެވެ. ހިލޭ ސާބަހަށް ދާންދޫގައި ރައުހަތު ކުރިއަށްގެންދާ ހަރަކާތުގައި 30 ކުދިން ބައިވެރިވެފައިވާ ކަމަށް އެ އެކަޑަމީން ބުނެ އެވެ.

ސަން ސްޕޯޓްސްއަށް މައުލޫމާތުދެމުން ކޯޗު ރައުހަތު ބުނީ، އަޒުމަކީ އަޚްލާގު ރަނގަޅު ޖީލެއް ބިނާ ކުރުން ކަމަށާއި އެ އަޒުމަށް ވާސިލްވުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ގއ. ދާންދޫގައި ރައުހަތު ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން: ގއ. އަތޮޅުގެ ރަށްތަކެއްގެ ޒުވާން އެތުލީޓުންނަށް ހަރަކާތްތައް ހިންގުމަށް އޭނާ ރާވާފައިވޭ ---

ގއ. އަތޮޅަށް ފަހު ވެސް ރައުހަތުގެ މަސައްކަތް ކުރިއަށްދާނެ!

އުމުރުން އެންމެ 17 އަހަރުގައި ކޯޗިން ދާއިރާއަށް ނުކުތް ރައުހަތުގެ މަސައްކަތް ގއ. އަތޮޅުގައި ނިންމާލުމުގެ ކުރިން އޭނާ ވަނީ ކުރިއަށްއޮތްތަނުގައި ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތްތަކެއް ރާވައިފަ އެވެ. އެގޮތުން ރަށަށް ހިދުމަތްކޮށްދިނުމުގެ އިތުރުން މުޅި ގައުމަށް ހިދުމަތްކުރުމަކީ ވެސް އޭނާގެ އަމާޒެކެވެ.

"ބޭނުން ވަނީ ލިބިފައި ހުރި ނޮލެޖްގެ ބޭނުންކޮށްގެން މުޅި ގައުމަށް ހިދުމަތްކުރަން. އުތުރުގެ ދެ ރަށަކުން އެ ރަށުގެ ސްކޫލް ކުދިންނަށް މި ޕްރޮގްރާމް ހިންގައި ދިނުމަށް އެދިފައިވޭ. މިހާރު މިދަނީ އެކަމާ ވާހަކަދައްކަމުން،" އޭނާ ބުންޏެވެ.

ގއ. ދާންދޫގައި ރައުހަތު ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން: ގއ. އަތޮޅުގެ ރަށްތަކެއްގެ ޒުވާން އެތުލީޓުންނަށް ހަރަކާތްތައް ހިންގުމަށް އޭނާ ރާވާފައިވޭ ---

ރައުހަތުގެ ކާމިޔާބީތައް!

ރައުހަތަކީ އެންމެ ކާމިޔާބު ޒުވާން ކޯޗު ކަމުގައި ބުނެވިދާނެ އެވެ. އެންމެ ފުރަތަމަ 2008 ވަނަ އަހަރު އޭނާގެ ކޯޗިން ކެރިޔަރު ފަށާފައި ވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭރު ރައުހަތު، ޖޭއޯސީވީގެ ޖަޕާން ކޯޗެއްގެ ދަށުން މަސައްކަތްކުރި ނަމަވެސް، ފަހުން އޭނާ ވަނީ އެ ސްކޫލުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ފާއިތުވެ ދިޔަ ދެ އަހަރު ރައުހަތުގެ އިރުޝާދުގެ ދަށުން ގދ. އަތޮޅު ތައުލީމީ މަރުކަޒު އެތުލެޓިކްސްގެ އެންމެ ކުރީ ސަފުގައި ވިދަން ފަށައިގަތެވެ. އެގޮތުން ނިމިދިޔަ ދެ އަހަރު ޖޫނިއާ ލެވެލްގެ ހުރިހާ މުބާރާތެއްގެ އެންމެ ކާމިޔާބު ސްކޫލުގެ މަގާމު ގދ. އަތޮޅު ތައުލީމީ މަރުކަޒަށް ހޯދައިދިނެވެ.

ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމްއާއެކު ރައުހަތު، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ތިނަދޫގެ ކުދިންތަކަކާ ބައްދަލުކުރަނީ: އެ ބައްދަލުވުމުގައި އެތުލީޓުންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދެވޭނެ ގޮތަކާމެދު މަޝްވަރާކުރެވުނު ---

ފައިހަތުގެ ކާމިޔާބުގެ ފަހަތުގައި ވެސް ރައުހަތު!

ޒުވާން އެތުލީޓު ފައިހަތު ގުދުރަތުﷲއަކީ ގިނަބަޔަކު ދަންނާނެ އެތުލީޓެކެވެ. ފައިހަތަކީ 2014 ވަނަ އަހަރު ބޭއްވި ރެޑްބުލް ކެޗް ދަ ފެރީގެ އެއްވަނަ ހޯދި ފިރިހެން ދުވުންތެރިޔާ އެވެ. މިހާރު ގައުމީ ޓީމުގެ ކޯޗުންގެ އިރުޝާދުގެ ދަށުން ފައިހަތު ތަމްރީންތައް ހަދަމުންދާކަމަށްވިޔަސް، އޭރު ފައިހަތުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރީ އޭނާގެ އެއްމާބަނޑު ކޮއްކޮ ރައުހަތެވެ.

"ރައުހަތުގެ ކިބައިން އަޅުގަނޑަށް ފެންނަނީ އަމާޒަށް ވާސިލްވާން މަސައްކަތްކުރުމުގެ ވަރުގަދަ އަޒުމް. ކުރިއަށްދާން އޭނާ ކުރާ މަސައްކަތް،" އެއްމާބަނޑު ކޮއްކޮ ރައުހަތުއާ ގުޅޭގޮތުން ފައިހަތު ބުންޏެވެ.

ގިނަބައެއްގެ އިތުބާރު ރައުހަތަށް!

ރައުހަތަކީ އޭނާގެ އަމިއްލަ މަސައްކަތުން ވެސް އެތުލީޓުން އުފެއްދުމަށް ގަދައަޅައި މަސައްކަތްކުރާ ކޯޗެކެވެ. އޭނާ ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބުން އޭނާއަށް ތައުރީފްކޮށް، އިތުބާރުކުރަމުންދާ މީހުން ވެސް މަދެއްނޫނެވެ.

ރައުހަތަކީ މިހާރު އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ތިނަދުއަށް ކަނޑައަޅާފައި ހުންނަ ހެޑް ކޯޗެވެ. އޭނާގެ ދަށުން އެ ރަށުގައި އިތުރު ތިން ކޯޗެއް މަސައްކަތް ކުރަމުންދެ އެވެ.

ރައުހަތާ ބެހޭ ގޮތުން ރާއްޖޭގެ ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު ނަސީރު އިސްމާއިލް ބުނީ، ރައުހަތު ކުރަމުން އެދަނީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށާއި ތިނަދުއިން ވެސް އޭނާ ހުނަރުވެރި ޒުވާން އެތުލީޓުންތަކެއް އުފައްދާފައިވާ ކަމަށެވެ. އަދި އަމިއްލަ ހަރަދުގައި އެގޮތަށް މަސައްކަތްކުރާ ޒުވާން ކޯޗެއްގެ ގޮތުގައި ރައުހަތު ފާހަގަކޮށް، ނަސީރު ވަނީ ވަރަށް ބޮޑަށް ރައުހަތަށް ތައުރީފްކޮށްފަ އެވެ.

ރައުހަތު ގދ. މަޑަވެލި ޒުވާނުންތަކަކާއެކު: ރައުހަތު މިހާރު ދަނީ ގއ. ދާންދޫގައި ހަރަކާތްތަކެއް ހިންގަމުން ---

"ރައުހަތު ކުރަމުން އެދަނީ ވަރަށް ރަނގަޅު މަސައްކަތެއް. އޭނާ އެދަނީ ފުރުސަތެއް ނުލިބި ޒުވާން ކުދިންތަކެއް ފުރުސަތުދެމުން. އެ ކުދިން އުފެއްދުމުން ރަނގަޅު ގޮތުގައި ކުރިއަރުވަން ވެސް އެބަޖެހޭ. ރައުހަތުގެ މަސައްކަތް ފާހަގަކުރަން،" ނަސީރު ބުންޏެވެ.

ރައުހަތަކީ އަދި ވަރަށް ޒުވާން ކޯޗެކެވެ. ނަމަވެސް ތަޖުރިބާކާރު ކޯޗުންނެކޭ އެއްވަރަށް އޭނާ ވެސް ދަނީ ޒުވާން އެތުލީޓުން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ސްޕޯޓްސް ސްކޮލަޝިޕް ދިން ފަސް އެތުލީޓަކަށް ރައުހަތު އިރުޝާދުދީފައިވެ އެވެ. އޭނާއަކީ ހަސަން ސާއިދު ފަދަ ހުނަރުވެރި ޒުވާން އެތުލީޓުންތަކެއް އުފެއްދިދާނެ ކޯޗެކެވެ.

comment ކޮމެންޓް