ގައުމީ ވޮލީބޯޅަ ލީގުގެ އަންހެނުންގެ ދެވަނަ ޑިވިޝަންގެ ފައިނަލުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ޖާގަ ހޯދައިފިއެވެ.
ދެވަނަ ޑިވިޝަންގެ ފައިނަލުން މާޒިޔާ ޖާގައެއް ހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލްގެ މެޗުން މޮޅުވެގެންނެވެ.
އިއްޔެ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި މާޒިޔާއިން ވަނީ ސީ ލައިފް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދީ 3-1 ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު 22-25 އިން ސީ ލައިފުން ގެންދިޔަ ނަމަވެސް، ފަހު ތިން ސެޓު މާޒިޔާއިން ގެންދިޔައީ 25-16، 25-16 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާޒިޔާގެ ހައްވާ ރާޝިދާއެވެ.
ސެމީގެ ދެވަނަ މެޗުގައި ނައިފަރު ޖުވެނައިލް ވަނީ ފަސޭހަކަމާއެކު ސެންސް އަތުން މޮޅުވެފައެވެ. އެ މެޗު ޖުވެނައިލުން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ޖުވެނައިލުން ގެންގޮސްފައިވަނީ 25-7، 25-20 އަދި 26-24 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޖުވެނައިލްގެ އައިމިނަތު އަރީޝާއެވެ.
ފުރަތަމަ ސެމީން ބަލިވި ސީ ލައިފްއަށް އަދިވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތްއިރު، ދެވަނަ ސެމީން ބަލިވި ސެންސްއަށް ފައިނަލަށް ދިއުމުގެ ފުރުސަތެއް ނުލިބޭނެއެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ފުރަތަމަ ސެމީން ބަލިވި ސީ ލައިފްއާއި ދެވަނަ ސެމީން މޮޅުވި ޖުވެނައިލް ކުޅޭ ސެމީގެ ތިންވަނަ މެޗުން މޮޅުވާ ޓީމަކަށެވެ. ތިންވަނަ ސެމީ މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.