މިދިޔަ އަހަރު 3.3 ބިލިޔަން ރުފިޔާގެ ބާ ނޫޓު ނައްތާލި

ރާއްޖޭގައި ކުރިން ބޭނުންކުރި 500 ރުފިޔާގެ ކުރީގެ ނޫޓު ---

ނިމިދިޔަ 2016 ވަނަ އަހަރުގެ ތެރޭގައި، 3.3 ބިލިޔަން ރުފިޔާގެ ބާ ނޫޓު ނައްތާލާފައިވާ ކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ.

އިގްތިސާދުގައި ދައުރުވާ ފައިސާގެ ތެރެއިން، ދައުރުކުރުމަށް އެކަށީގެންވާ ވަރަށް ވުރެ ބާވެފައިވާ ނޫޓުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެންދަނީ، ބާ ނޫތު ނައްތާލުމާ ބެހޭ ސިޔާސަތާ އެއްގޮތަށް، ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެމްއޭއިން ނެރުނު 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ، ދައުރުކުރުމަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބާވެފައިވާ ނޫޓުތަކުގެ އިތުރުން، "ރަން ދިހަފަހެއް" ސީރީޒްގެ ނޫޓުތަކުގެ ކުރިން ބޭނުންކުރި ކުރީގެ ދިވެހި ފައިސާގެ ނޫޓުތައް މިދިޔަ އަހަރުގެ ތެރޭގައި އުވާލާފައިވާތީ، އެ ނޫޓުތައް ވެސް ނައްތާލުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ކޮށްފައިވާ ކަމަށެވެ.

ރަން ދިހަފަހެއްގެ ނޫޓު ސީރީޒްގައި ހިމެނޭ ނޫޓުތައް -- ފޮޓޯ: އެމްއެމްއޭ

ކުރީގެ ފަސް ރުފިޔާގެ ނޫޓު ފިޔަވައި، ހުރިހާ ފައިސާ ނޫޓެއް އުވާލެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރަކުން، މިދިޔަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ގަރާރުގެ ދަށުން މީގެ ކުރިން ބޭނުންކުރި ދެ ރުފިޔާގެ ނޫޓާއި، 10 ރުފިޔާގެ ނޫޓާއި، 20، 50، 100 އަދި 500 ރުފިޔާގެ ނޫޓު ވަނީ އުވާލައްވައިފައެވެ.

އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ބާ ނޫޓު ނައްތާލުމުގެ ސިޔާސަތާ އެއްގޮތަށް، މިދިޔަ އަހަރުގެ ތެރޭގައި 3.3 ބިލިޔަން ރުފިޔާގެ ނޫޓު ނައްތާލާފައިވެއެވެ.

ނޫޓުތައް ނައްތާލަނީ، އެކަން ކުރުމުގެ ސިޔާސަތުގައި ކަނޑާއަޅާފައިވާ ވަކި އަދަދެއް ހަމަވުމުންނެވެ. އަދި އެ މަސައްކަތް ކުރަނީ އެމްއެމްއޭއިން ކަނޑައަޅާ މުވައްޒަފުންނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފެއްގެ ވެސް ހާޒިރުގައެވެ.

ރަން ދިހަފަހެއްގެ 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، 500 ރުފިޔާ އަދި 1،000 ރުފިޔާގެ ނޫޓު ނެރެ، ބޭނުން ކުރަމުންދާ އިރު، މިވަގުތު ބޭނުންކުރަނީ ކުރީގެ ފަސް ރުފިޔާއެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު އެމްއެމްއޭއިން ވަނީ ރަން ދިހަ ފަހެއް ސީރީޒްގެ ދަށުން ފަސް ރުފިޔާގެ އާ ޕޮލިމާ ނޫޓެއް ނެރެފައެވެ.

ފަސް ރުފިޔާގެ އާ ނޫޓު -----

ރާއްޖޭގެ އިޖްތިމާއީ އަދި މުއާސަލާތީ ގުޅުމުގެ މަންޒަރުތަކެއްގެ އިތުރުން އިތުރުން، ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ފޮޓޯއެއް އަސްލަކަށް ބަލައިގެން ކުރަހާފައިވާ ފުޓުބޯޅަ ކުޅުންތެރިއެއް ދައްކުވައިދޭ އެ ނޫޓު އިގްތިސާދުގައި ދައުރުކުރުމަށް ނެރޭނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ރަން ދިހަފަހެއް ސީރީޒްގެ ނޫޓުތައް ނެރުމާ އެކު، މިދިޔަ އަހަރުގެ ތެރޭގައި އެމްއެމްއޭއިން 2.7 ބިލިޔަން ރުފިޔާގެ ކުރީގެ ނޫޓު، މިދިޔަ އަހަރު ނިމުމާ ހަމައަށް ވަނީ ނަގައިފައެވެ. އަދި މި އަހަރު ފެށުނު އިރު ނުލިބި ވަނީ ކުރީގެ ނޫޓުގެ 6.3 ޕަސަންޓު، ނުވަތަ 182 މިލިއަން ރުފިޔާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެ ފައިސާ ނަގައި، ރަން ދިހަފަހެއް ސީރީޒްގެ ފައިސާއަށް ބަދަލުކުރުމުގެ މަސައްކަތް 2021 ވަނަ އަހަރުގެ ނިޔަލަށް އެމްއެމްއޭއިން ކުރިޔަށް ގެންދާނެއެވެ.

comment ކޮމެންޓް