ފަސް ރުފިޔާ: ބަހުސަކީ އެއީ ކޮންކުޅުންތެރިއެއްތޯ؟

އަލީ އަޝްފާގާއި، ފަސް ރުފިޔާގެ ނޫޓުގައިވާ ކުރެހުން އަދި އަސައްކޮ--

ދިވެހި ފައިސާގެ ފަސް ރުފިޔާގެ އާ ނޫޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ނެރުމާއެކު އަނެއްކާވެސް ބަހުސެއް އުފެދިއްޖެއެވެ. ކުރީފަހަރު "ފަސްސަތޭކަ" އާއި "ފައްސަތޭކަ"އިގެ ބަހުސެވެ. މިފަހަރު ފައިސާއިން ފެންނަ މީހާގެ ބަހުސެވެ.

އެއީ އަޝްފާގުތަ؟

އަލަށް ތައާރަފްކުރި ފަސް ރުފިޔާގެ ނޫޓުގެ މޫނުމަތީގައި ކުރަހާފައިވާ ތަސްވީރާއި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު މެޗެއްގައި ކުޅެނިކޮށް ނަގާފައިވާ ފޮޓޯއެއް --

އަލަށް ތައާރަފްކުރި ފަސް ރުފިޔާގެ މޫނުމަތިން ދައްކުވައިދެނީ ފުޓްބޯޅައާއި ސަގާފީ އެކި ކުޅިވަރުތަކުން އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަމެވެ. އެންމެ ބޮޑުކޮށް ކުރާހާފައިވާ ކުރެހުމުގައި ފެންނަ ފުޓްބޯޅަ ކުޅުންތެރިޔާއަކީ ދިވެހި ހުނަރުވެރި ކުޅުންތެރި އަލީ އަޝްފާގް ކަމަށް އެތައް ބަޔަކު ބުނާއިރު ބޮޑެތި ބައެއް މީޑިއާތަކުވަނީ އެގޮތަށް ރިޕޯޓްވެސްކޮށްފައެވެ.

ރަން ދިހަފަހެއްގެ ފަސް ރުފިޔާގެ މޫނުމަތި --

ކުޅިވަރު ދާއިރާ ކަވަރުކުރާ ތަޖުރިބާކާރު ނޫސްވެރިއަކު ބުނިގޮތުގައި އާންމު މީހަކު ފުރަތަމަ ފަހަރަށް ބަލާއިރު ދަގަނޑޭއާ ވައްތަރު ގޮތެއްހުރި، ނަމަވެސް ހަމަ އެގޮތައް ބަލާއިރު އެއީ އަސަދުﷲ އަބްދުﷲ ހެންވެސް ހީވާ ކަމަށެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ ފާސިރު(ސެންޓޭ) އާއި ވައްތަރު ގޮތެއް ހުންނަ ކަމަށްވެސް އޭނާ ބުންޏެވެ.

"އެ ކުޅުންތެރިންގެ ފޮޓޯތައް އާންމުކޮށް ހުންނަ ގޮތެއް އެއީ އެ ޕޯސް، ނަމަވެސް ސީދާ ބުނާކަށް ނޭންގޭ އެއީ އަޝްފާގް ކަމެއް، ދެން އެ ނޫޓްގައި ޖަހާފަ އިން ފޮޓޯ އިން އެ ފެންނަނީ ގައުމީ ޓީމް އެންމެ ފަހުން ބޭނުންކުރި ޖާޒީއާ ވައްތަރު ޖާޒީއެއް އެގޮތައް ލައިން ދަމާފަ އެހުރީ، އަނެއްހެން އަޝްފާގު ކަމެއް ސާބިތުވާ އެއްވެސް ނިޝާނެއް ނުފެނޭ އެ ފޮޓޯއިން ، ނަމަވެސް ރާއްޖޭގެ އެންމެ މުހިއްމު ތަރިކައިގަ ކުޅުންތެރިއެއްގެ ފޮޓޯ ޖަހާކަމަށް ވާނަމަ ޖަހާނީ ރާއްޖޭގަ އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ ކަމަށް ގަބޫލުކުރެވޭ،" އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ ފާސިރު(ސެންޓޭ)- ސަން ފައިލް ފޮޓޯ

އެމްއެމްއޭގެ ބަސް

ފަސް ރުފިޔާގެ ނޫޓުވެސް ފަރުމާކޮށްފައި ވަނީ، މި ސީރީޒްގެ ކުރީގެ ނޫޓުތައްވެސް ފަރުމާކޮށްފައިވާ އަބްދުﷲ ނަޝާތެވެ. ފަސް ރުފިޔާގެ ނޫޓުގެ ކުރެހުމާއި ގުޅިގެން ނަޝާތު އާއި ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަމާއި ވާހަކަ ދައްކާނީ އެމްއެމްއޭއިން ކަމަށެވެ.

އުފެދޭ ސުވާލަކީ އެމްއެމްއޭއިން ދައްކުވައިދެނީ ވަކި ކުޅުންތެރިއެއްތޯއެވެ؟ އެމްއެމްއޭގެ ތަރުޖަމާން މަންސޫރު ޒުބެއިރު މިއަދު ސަން އަށް ވިދާޅުވީ، ފަސް ރުފިޔާގެ ނޫޓުގައި އެވަނީ ވަކި ކުޅުންތެރިއެއް ނޫން ކަމަށާއި އެއީ ވަކި މީހަކަށް ނިސްބަތްނުވާ ކުރެހުމެއް ކަމަށެވެ.

ފަހުން މަންސޫރު ވިދާޅުވީ އެކުރެހުން ކުރެހީ އަޝްފާގުގެ ފޮޓޯއެއް ބަލައިގެން ކަމަށާއި ނަމަވެސް ދައްކުވައިދޭން ބޭނުންވަނީ ވަކި ކުޅުންތެރިއެއް ނޫން ކަމަށެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށް ބަލާއިރު އެގައުމެއްގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތުގެ ކުރެހުންތަކާއި ފޮޓޯ ފައިސާގައި ހިމެނުމަކީ ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް އެކަން ކުރަން އަދި ރާއްޖޭގައި ނުނިންމާކަމަށް އެމްއެމްއޭއިން ބުނެއެވެ.

comment ކޮމެންޓް