އަންނަ މަހުން ފެށިގެން ވިޔަފާރީގެ މުއާމަލާތްތައް ކުރާ ލީގަލް ޓެންޑާގެ ގޮތުގައި ފަސް ރުފިޔާގެ ނޫޓުތައް ފިޔަވައި ކުރީގެ އެހެން ނޫޓުތައް ބޭނުން ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަނޑައަޅުއްވައިފި އެވެ.
ރައީސް މިއަދު ސޮއިކުރައްވައި، ނެރުއްވި ގަރާރެއްގައި ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ނެރެފައިވާ ދެ ރުފިޔާގެ ނޫޓާއި، 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ އަދި 500 ރުފިޔާގެ ހުރިހާ ކަރުދާސް ނޫޓުތަކަކީ 2016 އޯގަސްޓް އެއް ވަނަ ދުވަހަށް ފަހު ރާއްޖޭގެ ލީގަލް ޓެންޑާ ނޫން ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެހެންކަމުން ކުރީގެ ދެ ރުފިޔާގެ ނޫޓުގެ އިތުރުން، ކުރީގެ ފަސް ރުފިޔާގެ ނޫޓު ފިޔަވާ އެހެން ހުރިހާ ނޫޓެއް އޯގަސްޓް އެއް ވަނަ ދުވަހުން ފެށިގެން ބޭނުމެއް ނުކުރެވޭނެ އެވެ.
ރައީސްގެ ގަރާރުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު އެގޮތަށް ކަނޑައެޅުއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެގޮތަށް ލަފާ ދެއްވުމަ ގުޅިގެން ކަމަށެވެ.
އެމްއެމްއޭގެ ގާނޫނުގެ ދަށުން، އެ އޮތޯރިޓީގެ ލަފާގެ މަތިން ވަކި ނޫޓުތަކަކާއި ފައިސާ ފޮތިތަކެއް އެއީ، އިއުލާނު ކުރެވޭ ތާރީޚުން ފެށިގެން ރާއްޖޭގެ ލީގަލް ޓެންޑާ ނޫން ކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައެޅޭނެ އެވެ.
ރައީސް ނެރުއްވި ގަރާރުގައި އިތުރަށް ވިދާޅުވެފައިވަނީ އޯގަސްޓް އެއްވަނަ ދުވަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް، ކުރީގެ ނޫޓުތައް ރަން ދިހަފަހެއް ސީރީޒްގެ ނޫޓުތަކަށް އެމްއެމްއޭއިން ބަދަލުކޮށްދޭނެ ކަމަށާއި، އެމްއެމްއޭއިން ކަނޑައަޅާ މުއްދަތަކަށް ރާއްޖޭގެ ބޭންކުތަކުން ވެސް ނޫޓު ބަދަލުކޮށްދޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމާފައި ވަނީ ރަން ދިހަ ފަހެއް ސީރީޒްގެ ފައިސާ ނޫޓުތަކާ އެކު، ދެ ރުފިޔާގެ ފައިސާ ފޮއްޗަށާއި ފަސް ރުފިޔާގެ ނޯޓަށް ބަދަލުތަކެއް ގެނައުމަށެވެ. އެގޮތުން، ފަސް ރުފިޔާގެ ނޫޓު، ފައިސާ ފޮއްޗަކަށް ނުވަތަ ކޮއިންއަކަށް ބަދަލު ކުރުމަށް ނިންމާފައިވާ އިރު، ދެ ރުފިޔާގެ ފައިސާ ފޮތި، މިހާރަށް ވުރެ ލުއި ކޮއިންއަކަށް ބަދަލު ކުރުމަށް ވަނީ ނިންމާފަ އެވެ.