ޕާކިސްތާނުގައިވާ ޖަސްޓިސް އާމީގެ މަރުކަޒުތަކަށް ހަމަލާތައް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

އީރާން ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް މުހައްމަދު ބާގިރީ

ތެހެރާން (މޭ 9): ޕާކިސްތާނުގެ އެތެރޭގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ބައެއް ޖަމާއަތްތަކުން ސަރަހައްދީ ރޮނގު ހުރަސްކޮށް އީރާނަށް ހަމަލާތައް ދެމުންގެންދާ ކަމަށާއި ޕާކިސްތާނަށް މިކަން ނުހުއްޓުވިއްޖެނަމަ އެޖަމާއަތްތަކުގެ މަރުކަޒުތަކަށް އިސްވެ ހަމަލާތައް ދޭނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާން ސިފައިންގެ ލަޝްކަރުތަކުގެ ޗީފް އޮފް ސްޓާފް ޖެނެރަލް މުހައްމަދު ބާގިރީ ވިދާޅުވީ ޕާކިސްތާނުގެ އެތެރޭގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރެއިން ޖަސްޓިސް އާމީ ޖަމާއަތުން ދިން ހަމަލާތަކެއްގައި އީރާނުގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުންގެ އެތަށްބަޔަކު މަރުވެފައިވާ ކަމުގައެވެ. މީގެއިތުރުންވެސް ޖަސްޓިސް އާމީ ޖަމާއަތުން ދިން ހަމަލާތަކެއްގައި އީރާނުގެ އިތުރު ބަޔަކު ޒަޚަމްވެފައިވާކަމަށާއި އެނޫން ބައެއް ޖަމާއަތްތަކުންވެސް ސަރަހައްދީ ރޮނގު ހުރަސްކޮށް އީރާނަށް ހަމަލާތައް ދެމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބާގިރީ ވަނީ މިޖަމާއަތްތައް ކޮންޓްރޯލްކޮށް ޕާކިސްތާނުގެ ބިން ބޭނުންކޮށްގެން އީރާނަށް ހަމަލާ ނުދެވޭނެގޮތް ހެދުމަށް ޕާކިސްތާން ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިކަން ޕާކިސްތާން ސަރުކާރަށް ނުކުރެވިއްޖެނަމަ ޕާކިސްތާނުގެ އެތެރޭގައިވާ އެޖަމާއަތްތަކުގެ މަރުކަޒުތަކަށާއި ހާލިތަކަށް އީރާނުން އިސްވެ ހަމަލާދޭނެކަމަށްވެސް ބާގިރީ ވިދާޅުވިއެވެ.

މުރާސިލުން ބުނާގޮތުގައި އީރާނުގެ މިވާހަކަތައް އަމާޒުކުރަނީ އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ޖަސްޓިސް އާމީ ޖަމާއަތަށް ކަމަށް މުރާސިލުން ބުނެއެވެ. ޖަސްޓިސް އާމީ ޖަމާއަތަކީ އީރާނަށް އިސްވެ ހަމަލާދެމުން ގެންދާ އީރާނުގެ ޓެރަރިސްޓް ޖަމާއަތެކެވެ. ޖުންދުﷲގެ ނަމުގައިވެސް އެޖަމާއަތުން ހަރަކާތްތެރި ވެފައިވެއެވެ. ޕާކިސްތާނުންވަނީ އެޖަމާއަތުގެ އެއްވެސް ވުޖޫދެއް ޕާކިސްތާނުގައި ނެތްކަމަށް ކުރިން ބުނެފައެވެ.

އީރާނުގެ މިއިންޒާރާ ގުޅިގެން ޕާކިސްތާނުންވަނީ އެގައުމުގެ ބިން ބޭނުންކޮށްގެން އީރާނަށް ހަމަލާދޭ ޖަމާއަތްތަކުގެ މަރުކަޒުތަކާއި އެޖަމާއަތްތަކުގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ތަންތަނުގެ މައުލޫމާތު ޕާކިސްތާން ސަރުކާރާ ހިއްސާ ކުރުމަށް އީރާނުގެ ކިބައިން އެދިފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ގެ ޚާރިޖީ ކަންކަމާބެހޭ އިސް މުސްތަޝާރު ސަރްތާޖް އަޒީޒު ވިދާޅުވީ ޖަސްޓިސް އާމީ ފަދަ ހަނގުރާމަވެރ ޖަމާއަތްތައް ހަރަކާތްތެރިވާ ތަންތަނުގެ މައުލޫމާތު އީރާނުން ޕާކިސްތާން ސަރުކާރާ ހިއްސާކޮށްފިނަމަ އެޖަމާއަތްތަކާ ދެކޮޅަށް ޕާކިސްތާން ސިފައިން ފިޔަވަޅު އަޅާނެކަމުގައެވެ. (އަލްޖަޒީރާ)

comment ކޮމެންޓް