ޕާކިސްތާނުން ރާއްޖޭގެ 15 ސްކޫލަކަށް ލެޕްޓޮޕް ހަދިޔާކޮށްފި

ޕާކިސްތާނުގެ އެމްބަސީ އިން ރާއްޖެއަށް ލެޕްޓޮޕް ހަދިޔާ ކުރައްވަނި: އެކި އަހަރުތަކަށް ބަހާލިގެން ރާއްޖޭގެ ހުރިހާ ސުކުލަކަށް ލެޕްޓޮޕް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާއިރު އަންނަ އަހަރު ލެޕްޓޮޕް ހަދިޔާކުރާނީ އަތޮޅު ތައުލީމީ މަރުކަޒުތަކަށް -- ސަން ފޮޓޯ

ޕާކިސްތާންގެ ފުރަތަމަ ގަވަރުނަރު ޖެނެރަލް މުހައްމަދު އަލީ ޖިނާހްގެ ނަމުން ނަން ދީފައިވާ "ޖިނާހް ލެޕްޓޮޕް ސްކީމް"ގެ ދަށުން ރާއްޖޭގެ 15 ސްކޫލަކަށް ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ލެޕްޓޮޕްތައް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލު ކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް، ރިޓަޔާޑް ސައީދް ހަވަރް އަލީ ޝާހުއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ލެޕްޓޮޕްތަކާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

އެ ސްކީމްގެ ދަށުން ހަދިޔާކުރި ލެޕްޓޮޕްތަކަކީ އެކި އަހަރުތަކަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހަދިޔާކުރަން ނިންމާފައިވާ ލެޕްޓޮޕްތަކެކެވެ. އެގޮތުން ސްކޫލްތަކަށް ހަދިޔާކުރާ އެ ލެޕްޓޮޕްތައް ދޭނީ ސްކޫލަކުން އެ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދާ ދަރިވަރަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ލެޕްޓޮޕް ހަދިޔާ ކޮށްފައި ވަނީ މާލޭގެ ހުރިހާ ސަރުކާރު ސްކޫލަކަށާއި އައްޑޫ ހައި ސްކޫލަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ލެޕްޓޮޕް ހަދިޔާ ކުރަން ހަމަޖެހިފައި ވަނީ އަތޮޅު ތައުލީމީ މަރުކަޒުތަކަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، ރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ތައުލީމީ ނިޒާމުގެ ތެރެއިން އިތުރު މަސައްކަތްތައް ގުޅިގެން ކުރައްވާނެ ކަމަށެވެ.

ޕާކިސްތާނުގައި މިހާރު ވެސް 12 ދިވެހި ދަރިވަރަކު ދަނީ މަތީ ތައުލީމް ހާސިލްކުރަމުންނެވެ.

comment ކޮމެންޓް