ނަޑެއްލާގައި ރޯވި ގޭގެ އާއިލާއާ ނައިބު ރައީސް ބައްދަލުކުރައްވައިފި

މިއަދު ހެނދުނު ނަޑެއްލާ ގައި ހިނގި އަލިފާނުގެ ހާދިސާގައި ޕާލްސާ ގޭގައި އަލިފާން ރޯވެފައި --- ސަން ފޮޓޯ

ގދ. ނަޑެއްލާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ވި ގޭގެ އާއިލާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަބްދުﷲ ޖިހާދު ބައްދަލުކުރައްވައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ގދ. އަތޮޅު ކައުންސިލްގެ މެމްބަރު އިނާޒް އަލީ ވިދާޅުވީ މިއަދުގެ މެންދުރުގެ ވަގުތެއްގައި އެމަނިކުފާނު ނަޑެއްލާއަށް ވަޑައިގެން އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާއާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެހީއެއްގެ ގޮތުގައި އެއާއިލާއަށް 50،000 ރުފިޔާ ހަދިޔާ ކުރެއްވި ކަމަށްވެސް އިނާޒް ވިދާޅުވިއެވެ.

ނައިބް ރައީސް ޖިހާދުއާ ހަވާލާދެއްވައި އިނާޒް ވިދާޅުވީ، އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބަލާ ކަންތައްތައް ބެލުމަށްފަހު ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން ދޭނެ ކަމަށެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބް 'ސަން' އަށް ވިދާޅުވީ، އެ ރަށު 'ފާލްސާ" ގޭގައި އަލިފާނުގެ ހާދިސާ ހިނގީ މިއަދު ހެނދުނު 9:20 ކަންހާއިރު ކަމަށާއި ރައްޔިތުންގެ ބޮޑު އެހީތެރިކަމަކާ އެކު 10:10 ގައި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނު ކަމަށެވެ.

ފައިސަލް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް މާބޮޑު އަނިޔާ އެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެކެއްގެ ކަނާތް ފަރާތު ކަންފަތް ކައިރި ކުޑަކޮށް ފިހިފައިވާ ކަމަށެވެ.

އެހާދިސާ ހިނގި އިރު އެގޭގައި ހަ މީހަކު ދިރިއުޅެމުން ދިޔައެވެ.

މީހަކަށް މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް ފައިސަލް ވިދާޅުވީ އެ ގޭގައި ދިރިއުޅެމުން ދިޔަ ހަ މީހުން ލައިގެން ހުރި އެއްޗިހި ނޫން އެހެން ހުރިހާ ސާމާނެއް ވަނީ އަނދައި ހުލިވެފައި ކަމަށާއި އަދި އެ ގެ ވަނީ މިހާރު ބިމާ ހަމަވެފައި ކަމަށެވެ.

comment ކޮމެންޓް