ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ޕީޕީއެމް އިން ވަކިވެވަޑައިގެންފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލަށް ޝަހުދީ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މިވަގުތު އެއްވެސް ސިޔާސީ ޕާޓީއެއްގައި ހުންނަވަން ބޭނުންނުވާތީ ޕީޕީއެމްގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލާގައި ސޮއިކުރެއްވި 45 މެމްބަރުންގެ ތެރޭގައި ޝަހުދީ ވެސް ހިމެނިވަޑައިގަންނަވައެވެ.
މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކޮށްފައިވާއިރު، މިހާތަނަށް އެކަމަށް އިންކާރު ކުރެއްވީ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހީމެވެ.
އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ޝަހުދީގެ އިތުރުން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.
އިތުބާތު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ކަމުން އިސްތިއުފާދެއްވާފައެވެ. ނަމަވެސް އޭނާ އަދި ޕީޕީއެމް އިން ވަކިވެވަޑައިގެންފައެއްނުވެއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވަނީ އެބޭފުޅުން ކުރެއްވީ ސައްޙަ ސޮޔެއް ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ ސްރީލަންކާގައި ކުރީގެ ރައީސް ނަޝީދާ ބައްދަލުކުރައްވާފައެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އޭނާ ވަކިއެއްޗެއް އަދި ވިދާޅުވެފައެއްނުވެއެވެ.