މަޖިލީހުގެ ނައިބު ރައީސްކަން ކުރާނީ ސެކިއުރިޓީއާއި ދައުލަތުގެ ކާރު ބޭނުން ނުކޮށް: ސަލީމް

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ކާރާއި ސެކިއުރިޓީ ބޭނުންފުޅު ނުވާ ކަމަށާއި، އެ މަގާމުގެ ދައުރު އަދާކުރައްވާނީ އާދައިގެ ގޮތެއްގައި ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެއެވެ.

މަގާމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ޕީއެންސީ ހަރުގޭގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަފުޅުކަދައްކަވަމުން ސަލީމް ވިދާޅުވީ އޭނާއަކީ މާ މަތީ ފެންވަރުގައި އުޅެން ބޭނުންވާ ބޭފުލެއް ނޫން ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި މަގާމުގެ ހައިސިއްޔަތުން ދައުލަތުގެ ކާރަކާ ހަވާލުވާން މަޖިލީހުގެ އިދާރާއިން ގުޅާފައި ދެންނެވި ނަމަވެސް، އެކަމާ ހަވާލުވެނުލައްވާނެ ކަމަށެވެ.

"އަޅުގަނޑު މިހާރު ވެސް ދާގޮތަށް މީހެއްގެ ސައިކަލް ފަހަތުގައޭ ވަޑައިގަންނަވާނީ. އެހެންވީމަ އަޅުގަނޑަކީ މާ މަތީ ފެންވަރުގައި އުޅެން ބޭނުންވާ ބޭފުޅެއް ނޫން،" ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސެކިއުރިޓީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އޭނާގެ ސެކިއުރިޓީ ހެއްދެވި ފަރާތާ ހަވާލުކުރައްވާފައިވާ ކަމަށާއި، އިތުރު ސެކިއުރިޓީއެއް ބޭނުންފުޅު ނުވާ ކަމަށެވެ.

ޕީއެންސީގައި ތިއްބެވީ ގައުމަށް އިހްލާސްތެރި ބޭފުޅުންކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، އެ ޕާޓީގެ މެންބަރުންނަކީ މަގާމުގެ ފެންވަރު މަތިވެގެން އުޅެން ބޭނުންފުޅުވާ ބޭފުޅުންނެއް ނޫން ކަމަށެވެ. މިސާލެއްގެ ގޮތުން، ސިއްހީ ހާލަތު ހުރި ގޮތުން ގާބިލް އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ފިނޭންސް މިނިސްޓަރުކަމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވުމަކީ އެކަމުގެ ހެއްކެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިހާބު ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސަލީމް ވިދާޅުވީ ހަގީގަތުގައި އެބޭފުޅާ އެ މަގާމު ބޭނުން ނުވާ ކަމަށާއި، ނަމަވެސް ހާލަތާއި ޕާޓީގެ މަސްލަހަތާއި އެކުވެރިކަން ދެމެހެއްޓުމަށްޓަކައި އެ މަގާމާ ހަވާލުވެވަޑައިގަތީ ކަމަށެވެ.

ސަލީމް ވިދާޅުވީ އެބޭފުޅާ މަގާމާ ހަވާލުވީ ޕާޓީގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި ކަމަށާއި އެހެން ނޫން ނަމަ އެއީ އެއްވެސް ބޭނުމެއްހުރި މަގާމެއް ނޫން ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ޕީއެންސީގެ ބައެއް އެހެން މެންބަރުންގެ ޝައުގުވެރިކަން ވެސް އޮތުމުން ވާދަވެރިކަން ބޮޑުވި ނަމަވެސް، އެންމެ ފަހުން ހުރިހާ މެންބަރުން އެއްބަސްވީ ސަލީމަށް އެ މަގާމު ދެއްވުމަށެވެ.

އެ ނިންމުން ނިންމިއިރު ސަލީމް ހުންނެވީ ހައްޖުގެ އަޅުކަމަށް ވަޑައިގެން މައްކާގައެވެ. ސަލީމް ވިދާޅުވީ އަމިއްލަ ވިޔަފާރިއަށް ވުރެ އޭނާއަށް ގައުމަށްޓަކައި މަސައްކަތް ކުރުން މާ މުހިންމު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ވަނީ ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ކާރާއި ސެކިއުރިޓީގެ ހިދުމަތް ދޫކޮށްލައްވާފައެވެ. ސަލީމް ފާހަގަކުރެއްވި ގޮތުގައި، އޭނާ ބޭނުންފުޅުވަނީ އާދައިގެ ދިރިއުޅުމެއް އުޅުއްވުމަށެވެ. މީގެ އިތުރުން، އޭނާގެ ސަލާމަތާއި ރައްކާތެރިކަން މާތް الله އާ ހަވާލުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. ކުރިން އެ މަގާމުގައި ހުންނެވި އަޙުމަދު ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި ނައިބު ރައީސްކަމުގެ މަގާމަށް ސަލީމް އިންތިހާބުކުރެވުނީ، ޕީއެންސީގެ އެތެރޭގައި އެހެން މެންބަރުންގެ ޝައުގުވެރިކަން ހުރި ނަމަވެސް، ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ އެތެރޭގެ މަސްލަހަތު ހިމާޔަތްކޮށް، ގުޅުން ބަދަހިކުރުމުގެ މަގުސަދުގައެވެ. އަމިއްލަ ވިޔަފާރިއަށްވުރެ ގައުމީ މަސްލަހަތު އިސްކުރައްވާކަން ފާހަގަކުރައްވައި، ޕީއެންސީގެ މެންބަރުންނަކީ ހަމައެކަނި މަގާމުގެ ބޭނުމުގައި އުޅުއްވާ ބައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

  • ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް ލިބިވަޑައިގަންނަވާ ރަސްމީ ކާރާއި ސެކިއުރިޓީ ބޭނުންނުކުރެއްވުމަށް ނިންމެވުން.
  • މަތީ ފަންތީގެ ދިރިއުޅުމަކަށް ވުރެ އާދައިގެ ދިރިއުޅުމަކަށް އިސްކަންދެއްވައި، ކުރިންވެސް އުޅުއްވި ގޮތަށް އުޅުއްވާނެކަން ހާމަކުރެއްވުން.
  • މަގާމާ ހަވާލުވެވަޑައިގަތީ އަމިއްލަ އެދުމަކަށްވުރެ ބޮޑަށް، ޕާޓީގެ އެކުވެރިކަމާއި މަސްލަހަތު ދެމެހެއްޓުމަށްޓަކައިކަން ކަށަވަރުކޮށްދެއްވުން.
  • ނައިބު ރައީސްކަމަށް ސަލީމް އައްޔަނުކުރުމަށް ޕާޓީން ނިންމީ އޭނާ ޙައްޖުގެ މާތް އަޅުކަމުގައި މައްކާގައި ހުންނަވަނިކޮށްކަން ފާހަގަކުރެއްވުން.
comment ކޮމެންޓް