ފިޔޯރީ އިންޖީނުގޭގައި ރޯވެ މުވައްޒަފަކު މަރުވެއްޖެ

ފިޔޯރީ އިންޖީނުގޭ އަލިފާނުގެ ހާދިސާގައި މަރުވި ނާޒިދު-- ފޮޓޯ ފޭސްބުކް

ގދ. ފިޔޯރީ އިންޖީނުގޭ އިންޖީނެއްގެ ބެޓެރި ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެއިންޖިނުގޭ މުވައްޒަފަކު މަރުވެއްޖެއެވެ.

މިއަދު މެންދުރު ހިނގި އެހާދިސާގައި މަރުވެފައިވަނީ އެރަށު ޗިޗަންޑާގޭ، 26، ނާޒިދް އަބްދުﷲ އެވެ.

އެރަށުން ސަން އަށް މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގީ ހުކުރު ވަގުތު ކަމަށާއި މީހުން ހުކުރުން ފައިބައިގެންގޮސް ބެލިއިރު ނާޒިދް އޮތީ އިންޖީނުގޭ ތެރޭގައި ވަރަށް ބޮޑަށް ފިހިފައި ކަމަށެވެ.

"ހުކުރަށް ހަށަން ބަތް ތަނާ ކަރަންޓް ދިޔައީ، އަޅުގަނޑުމެން ދިޔައިރު ނާޒިދު އޮތީ އެތާ އެތެރޭގައި، ވަރަށް ބޮޑަށް ފިހިފަ އޮތީ، މިހާރު މަރުވެއްޖެ،" އޭނާ ބުންޏެވެ.

ނާޒިދު މަރުވި ހާދިސާ ހިނގި އިންޖީނުގޭ-- އެއިންޖީނުގެއަށް މާ ބޮޑެތި ގެއްލުންތަކެއްނުވޭ-- ފޮޓޯ: ފޭސްބުކް

ނާޒިދު މިހާރު އޮތީ ފިޔޯރީ ސިއްހީމަރުކަޒުގައެވެ.

އެރަށުން މައުލޫމާތު ދިން އޮފިޝަލް ބުނިގޮތުގައި ބޮޑަށް ބެލެވޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އިންޖީނެއްގެ ބެޓެރި ގޮވައިގެންނެވެ. މިހާރު އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

އެހާދިސާ ހިނގިއިރު ޑިއުޓީގައި ހުރީ ނާޒިދު އެކަންޏެވެ. ދެން ޑިއުޓީގައި ހުރި މުވައްޒަފު އެވަގުތުވީ ކާން ގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ނާޒިދު އަކީ ފެނަކައިން ހިނގާ އެއިންޖީނުގޭ ޓެކްނީޝަނެކެވެ. އޭނާ އެވަޒީފާގައި އުޅޭތާ އަދިވީ ތިން ވަރަކަށް އަހަރެވެ.

comment ކޮމެންޓް