ސިޔާސީ ވާހަކަ ދައްކައިގެން ފުލުހަށް ގެންދާކަށް ނުޖެހޭ: އަބްދުﷲ ރިޔާޒު

ކުރީގެ ކޮމިޝަނަރު އަބްދުﷲ ރިޔާޒު މީގެކުރިން ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަނީ ---- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ މީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ފުލުސް އޮފީހަށް މީހުން ގެންދާން ނުޖެހޭނެކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ގާނޫނު ތަންފީޒު ކުރަމުންދާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާއަށް ރޭ ކުރިމިނަލް ކޯޓަށް ހާޒިރުވުމަށްފަހު ނިކުމެވަޑައިގެން ރިޔާޒު ވިދާޅުވީ މިފަހަކަށް އައިސް ސިޔާސީ މީހުންނަށް ދައުވާކުރަމުން ދަނީ ހަމައެކަނި ސިޔާސީ ބޭނުމެއްގައި ކަމަށާއި އެނޫން އެއްވެސް މަގުސަދެއް އަކުމުގައި ނެތް ކަމަށެވެ.

"މި ޒަމާނަކީ ސިޔާސީ މީހުން ސިޔާސީ ޕޯޑިއަމްތަކުގައި ގައުމާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ނޫނިއްޔާ ސައި ހޮޓާ ތަކުގައި ދައްކާ ވާހަކަތަކަށް ފުލުސް އޮފީހަށް ގެންގޮސްގެން ފުލުސް އޮފީހުން ސުވާލުކުރެވި ކަންކަން ކެރެވެންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އިދިކޮޅު ފަރާތްތައް ތިބެން ޖެހޭނީ ސަރުކާރަށް ސަނާކިޔަން ނޫން ކަމަށާއި އެފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވަން މަސަތްކަތް ކުރުން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މައްސަލަތަށް ބަަލަމުން ދަނީ އެ މަސަތްކަތް ހުއްޓުވާލަން ކަން ވެސް ރިޔާޒު ވަނީ ތުހުމަތު ކުރައްވާފެވެ.

ރިޔާޒު ވަނީ ފުލުހުން މަސަތްކަތް ކުރަމުން އަންނަ ގޮތަށް ވެސް ފާޑު ވިދާޅުވެފައެވެ.

"އަޅުގަނޑުގެ މައްސަލަ އެންމެ ފުރަތަމަ ފުލުސް އޮފީހުން ތަހްގީގްކުރަވަން ފެއްޓެވުމުން ވެސް ތަހްގީގަށް ފުރިހަމައަށް އެހީތެރިކަން ދީފައި އޮންނާނީ. ފުލުހުން އަޅުގަނޑުގެ މައްސަލަ ތަހްގީގް ނިންމިކަން ވެސް ނާންގާ،"

"ޝަރީއަތަށް އަޅުގަނޑުގެ މައްސަލައެއް ފޮނުވިކަން ވެސް އެނގުނީ ވެސް ނޫހުން. އެއަކީ ނޫން ފުލުހުންގެ ގަވާއިދުތައް ހަމަޖެހިފައި ހުންނާނެ ގޮތަކީ. އެއްވެސް މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހްގީގް ހިންގައިފި ނަމަ އެ މައްސަލައެއް ޝަރީއަތަށް ފޮނުވުމުގެ ކުރިން އެ ދައުވާ ލިބޭ މީހަކަށް އަންގަން ވާނެ ކަމަށް ފުލުހުންގެ އާންމު ގަވާއިދުގައި އޮންނާނެ،" 20 އަހަރަށް ވުރެން ގިނަ ދުވަހު ފުލުހުންގެ މުއްސަސާއަށް ހިދުމަތް ކުރެއްވި ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވަނީ ދާދި ފަހުން، އިދިކޮޅު ހަތަރު ލީޑަރުން އެކުގައި މަސަތްކަތް ކުރައްވަން ފެއްޓެވުމުން އެކަން ހުއްޓުވާލުމަށް ސަރުކާރުން ފުލުސް އޮފީހާއި ކޯޓްތައް މެދެވެރި ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އިދިކޮޅު ފަރާތްތައް ފަހަތަށް ޖެއްސެވުމަށް ފައްޓަވާފައިވާ މަސަތްކަތްތައް ފެއިލް ކޮށްލާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

ރޭގެ ޝަރީއަތަކީ މިދިޔަ މަހުގެ 27ގައި ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސް، ކޯޓު އަމުރެއްގެ ދަށުން ފޯނުގެ ލޮކް ކޯޑު ޖަހައިދިނުމަށް އެދުމުން އެކަން ކޮށްދީފައި ނުވާތީ، އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސްއެޅުން ކަމަށަށް ބުނެ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބޭއްވި ސަރީއަތެކެވެ.

ނަމަވެސް ރޭގެ ޝަރީއަތުގެ މަޖިލީހުގައި ރިޔާޒުގެ ފޯނުގެ ޕިން ކޯޑު ވަނީ ފުލުހުންނަށް ދީފި އެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމާ މެދު އަންނަ އާދީއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް ޝަރީއަތުގައި ރޭ އިއުލާނު ކުރައްވާފައިވާ ކަމަށް ރިޔާޒުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގެންނަވާ ހިސާން ހުސެން ވަނީ ވިދާޅުވެފައެވެ

comment ކޮމެންޓް