އައިޖީއެމްއެޗުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު މަރުވި މައްސަލައެއް ފުލުހުން މިއަދު ބަލަން ފަށައިފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ފުލުހުންނަށް އެ ހާދިސާ ރިޕޯޓުކޮށްފައިވަނީ އައިޖީއެމްއެޗުން ކަމަށެވެ.
އެކަމާ ގުޅިގެން އިތުރަށް ހުރި ސުވާލުތަކަށް ޖަވާބުދިނުމަށް މައުލޫމާތު ސާފުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ފުލުހުންނަށް ހުށަހަޅާ ކޮންމެ މަރުގެ މައްސަލައެއްގައި ވެސް އަމަލުކުރާ އުސޫލަކީ ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަނުވި ނަމަވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުން ކަމަށެވެ. އެއީ އުސޫލެއްގެ ގޮތުން އަމަލުކުރަމުންދާ ގޮތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި، ކޭސް ފައިލްކުރާނީ ތަހުލީލުތަކުގެ ނަތީޖާއަށް ބެލުމަށް ފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ގއ. ވިލިނގިލީގައި މާބަނޑު އަންހެނަކު ވިހެއިތާ ގިނައިރުތަކެއްނުވެ ނިޔާވި ފަހުން، އޭނާގެ ދަރިފުޅު ވެސް ނިޔާވި މައްސަލައިގައި އެއްވެސް ބައެއްގެ އިހުމާލެއްވޭތޯ ބެލުމަށް ވެސް ފުލުހުން މިއަދު ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ.