910 ކުޅުންތެރީންނާއެކު ސްކޫލް ކުދީންގެ ހޭންޑްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށަނީ

ދެވަނަ އިންޓަރ ސުކޫލް ހޭންޑް ބޯލް މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގައި މާފުށީ ސުކޫލް އާއި ތާޖުއްދީން ސުކޫލް ކުޅުނު މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ހަލުއިކަމާއެކު އެޗްވަންއެންވަން ފެތުރެމުން ދިއުމާ ގުޅިގެން ވަކިމުއްދަތެއް ނެތްގޮތަށް ފަސްކުރި މި އަހަރުގެ މައިލޯ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް، 22 އޭޕްރީލް 2017ގައި (އަންނަ ހޮނިހިރު ދުވަހު) ފެށުމަށް، ސްކޫލްތަކާއި ހޭންޑްބޯލް މޯލްޑިވްސްއިން ތައްޔާރުވެއްޖެއެވެ.

ކުރީން މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ އޭޕްރީލް 1-17ގެ ނިޔަލަށެވެ. އެހެން ނަމަވެސް، މި މުބާރާތަށް ސްކޫލްތަކުން އެންމެ ފޯރިއާ އެކު ތައްޔާރުވަމުން ދިޔަ ދުވަސްވަރު، ރާއްޖޭގައި ހަލުއިކަމާއެ ރޯގާ ފެތުރެމުން ދިއުމުގެ ސަބަބުން ހޭންޑްބޯލް މޯލްޑިވްސްއިން ނިންމީ މުބާރާތް ފަސްކުރުމަށެވެ.

ދެވަނަ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތުގައި މަޖީދިއްޔާއާއި ދަރުމަވަންތަ ކުުޅުނު ފައިނަލް މެޗުގެ ތެރޭން -- ސަން ފޮޓޯ: އަބްދުﷲ ސަލީމް

މިއަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި 14 ސްކޫލަކުން 65 ޓީމު ވާދަކުރާއިރު، ޖުމުލަ 910 ދަރިވަރުންނާއެކު ކުރިއަށް ގެންދާ މި މުބާރާތަކީ، ސްކޫލްތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު އެއް ކުޅިވަރު މުބާރާތަށް ވާނެއެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ، މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، މާލޭ ޓެނިސްކޯޓު (މޭރީބްރައުން)ގެ ފަހަތުގައި، އޮންނަ ވެލިދަނޑުގައި ކަމަށެވެ.

ސްކޫލްތަކުގެ ހޭންޑްބޯލް މުބާރާތުގައި މި އަހަރު އަތޮޅު ތެރޭގެ ސްކޫލުތަކުން ވެސް ބައިވެރިވާގޮތަށް ހަމަޖެހިފައިވާއިރު މުބާރާތުގައި ޓީމުތައް ވާދަކުރަނެ އުމުރު ފުރާތަކަކީ 12 އަހަރު 14 އަހަރު އަދި 16 އަހަރުން ދަށުގެ އުމުރުފުރާތަކެވެ.

comment ކޮމެންޓް