ބުޅަލާއި ކުއްތާގެ މަސް ކެއުން ޓައިވާނުގައި މަނާކޮށްފި

ތައިވާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ، ބުޅަލާއި ކުއްތާ ހިމާޔާތްކުރުމަށްޓަކައި، އެތަކެތި ކަތިލައިގެން އިންސާނުންގެ ކާނާގެ ގޮތުގައި ބޭނުންކުރުން މަނާކުރާ ބިލެއް ފާސްކޮށްފައި -- ފޮޓޯ: ބީބީސީ

ބުޅަލާއި ކުއްތާ ކަތިލައިގެން އެތަކެތީގެ މަސް، އިންސާނުންގެ ކާނާގެ ގޮތުގައި ބޭނުންކުރުން މަނާކުރާ ބިލެއް، ޓައިވާނުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

ޖަނަވާރުތަކަށް ރައްކާތެރިކަން ހޯދައިދިނުމުގެ ބޭނުމުގައި ޓައިވާނުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ބިލްގައި، ބުޅަލާއި ކުއްތާފަދަ އޮޅުކޮށްގެން ގެންގުޅޭ ތަކެތި، ސައިކަލް ފަދަ އުޅަނދުތަކުގައި ދަތުރުކުރާ މީހުން އެމީހުންނަށް މަގުދެއްކުމަށް ވާގަނޑު ޖަހައިގެން ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.

މި ގާނޫނާ ޚިލާފުވާ ފަރާތްތައް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމާއި، ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލުމުގެ އިތުރުން އެމީހުންގެ ނަމާއި ފޮޓޯ އާންމު ކުރުމުގެ ބާރުވެސް މި ގާނޫނުގެ ދަށުން ކަމާގުޅޭ އިދާރާތަކަށް ލިބިގެންދެ އެވެ.

މިފަދަ ބިލެއް ފާސްކޮށްފައި މިވަނީ، ޓައިވާނުގައި ޖަނަވާރުތައް ހިމާޔަތްކުރުމަށް ހަދާފައިވާ ގާނޫނު އިތުރަށް ހަރުދަނާކޮށް، ޖަނަވާރުތައް މިހާރަށް ވުރެ ބޮޑަށް ހިމާޔަތްކުރުމުގެ ގޮތުންނެވެ.

އަންގާރަ ދުވަހު، ފާސްކުރި މި ބިލަކީ، ޓައިވާނުގެ ޖަނަވާރު ހިމާޔަތްކުރުމުގެ ގާނޫނަށް ގެނެވުނު ތާރީޚީ ބަދަލެއްގެ އިތުރުން، އޭޝިއާ ސަރަހައްދުގައި އެކުލަވައިލެވުނު މިފަދަ ފުރަތަމަ ބިލެވެ.

ޓައިވާނުގައި ވަނީ 2001 ވަނަ އަހަރު، ބުޅާ އަދި ކުއްތާގެ މަހާއި، އެ ދެ ޖަނަވާރުގެ ކެހެރި ވިޔަފާރީގެ ގޮތުގައި ބޭނުންކުރުން މަނާކުރާ ގާނުންނެއް ފާސްކޮށްފަ އެވެ.

ޓައިވާނުގައި މީގެ ކުރީން ވަރަށް އާންމު ގޮތެއްގައި، ކުއްތާގެ މަސް އިންސާނުންގެ ކާނާގެ ގޮތުގައި ބޭނުންކުރެ އެވެ. އެހެން ނަމަވެސް މިހާރު ތައިވާނުގައި އާންމު ގޮތެއްގައި ކުއްތާ ބޭނުންކުރަނީ އޮޅުކޮށްގެން، އާއިލާތަކުގެ މެންބަރުންގެ ގޮތުގަ އެވެ.

މިދިޔަ އަހަރު ޓައިވާނުގެ ރައީސާ ސާއި އިން-ވެން ވަނީ، ކުރީން "ގައިޑް ޑޯގް"ގެ ގޮތުގައި ބޭނުންކުރި ތިން ކުއްތާ، އެކަމަނާ ގެންގުޅޭ ދެ ބުޅަލާއެކު އެޑޮޕްޓްކޮށްފަ އެވެ.

comment ކޮމެންޓް