ބޭންކް އޮފް މޯލްޑިވްސް އިން ގެސްޓްހައުސް އަދި ސަފާރީ (ލިވްއެބޯޑް) ފައިނޭންސިން ފެސިލިޓީތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށާއި ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި ގެނައި ބަދަލުތަކެއް ކަމަށެވެ.
އެގޮތުން ގެސްޓްހައުސް ފައިނޭންސިންއަށް ގެނައި ބަދަލުތަކާއެކު، މަޝްރޫއުގެ ޖުމްލަ އަގުން އިންވެސްޓްކުރާ ފަރާތުން އަމިއްލަ އަށް ޚަރަދުކުރަން ޖެހޭ ފައިސާ ނުވަތަ އިކުއިޓީވަނީ 30 އިންސައްތައިން 20 އަށް ދަށްކޮށްފައެވެ. އަދި ފައިނޭންސިން އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު 15 އަހަރުން 20 އަހަރަށް ވަނީ އިތުރުކޮށްދީފައެވެ.
މީގެ އިތުރުން ދެ އަހަރުގެ ގްރޭސް ޕީރިއަޑެއްވެސް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. ދިވެހި ރުފިޔާއިން ފައިނޭންސް ނަގައި، ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް އަހަރަކު ހަތް ޕަސެންޓުގެ ރޭޓެއް ހަމަޖައްސާފައިވާއިރު ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފައިނޭންސްތަކަށް ކަނޑައަޅާފައިވަނީ ނުވަ ޕަސެންޓެވެ.
ލިވްއެބޯޑް ފައިނޭންސިންގެ އިކުއިޓީ ވަނީ 30 އިންސައްތައިން 25 އިންސައްތައަށް ދަށްކޮށްފައެވެ. އަދި އަނބުރާ ދެއްކުމުގެ މުއްދަތު ހަތް އަހަރުން 12 އަހަރަށް އިތުރުކޮށް ގްރޭސް ޕީރިއަޑް އެއް އަހަރުން ދެ އަހަރަށް ވަނީ އިތުރުކޮށްދީފައެވެ. މި ފެސިލިޓީގެ ދަށުން ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާނަމަ އަށް ޕަސެންޓުގެ ރޭޓެއް ކަނޑައަޅާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާނަމަ 10 ޕަސެންޓުގެ ރޭޓެއް ލިބޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ވަނީ ފައިނޭންސް ހޯދުމުގައި ކަސްޓަމަރުންނަށް އެންމެ ބޮޑަށް ދިމާވާ އެއް ދައްޗަކީ އިކުއިޓީ ދެއްކުން ކަމަށްވާތީ، ބޭންކުން އިކުއިޓީ ބަލާ މިންގަނޑަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން މަޝްރޫއަށް މިހާރުވެސް ކަސްޓަމަރު އަމިއްލައަށް ކޮށްފައިވާ އިންވެސްޓަކީ، އިކުއިޓީގެ ގޮތުގައި ބަލައިގަތުމަށް ބޭންކުން ނިންމާފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ހިމެނޭނީ ބޭންކުން ގަބޫލުކުރާ މިންވަރަށް އަގުކޮށް، ވެރިފިކޭޝަން ޕްރޮސެސްއެއް ނިންމާ އިންވެސްޓްމަންޓްތައް ކަަމަށްވެސް އެ ބޭންކުން ބުނެއެވެ.
އިކުއިޓީ ދަށްކޮށް، އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށް، އަދި ކަސްޓަމަރުން މިހާރުވެސް ކޮށްފައިވާ މަސައްކަތްތައް ބަލައިގަތުމުން، މި ދާއިރާއަށް ވަނުމަށް ހުރި ބޮޑެތި ހުރަސްތައް ނެތިގެންދާނެ. މި ބަދަލުތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް އުފައްދައި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށް، ގައުމީ ކުރިއެރުމުގައި މި ދާއިރާގެ ދައުރު ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ،ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ޚާއްސަ އިސްކަމެއް ދީގެން އިގްތިސޯދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ހިނގާ އަހަރުގެ ތެރޭގައި ބޭންކުން ވަނީ ފަތުރުވެރިކަން ހިމެނޭހެން މުޅިން އަލަށް 15 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައެވެ. ރަށު ފެންވަރުގެ ގެސްޓްހައުސްތަކާއި ސަފާރީތަކުން ފެށިގެން ބޮޑެތި ރިސޯޓްތަކާ ހަމައަށް، ދިވެހިންނަށް ފަތުރުވެރިކަމުގެ ފައިދާ ހޯދައިދިނުމުގައި ދެމިއޮތުމަކީ ބީއެމްއެލްގެ އަމާޒެއް ކަމަށް އެ ބޭންކުން ބުނެއެވެ.