އޯޑިއޯ ލީކުވުމަކީ ކަންބޮޑުވުން އޮތް ކަމެއް ނޫން: ނިހާން

މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއާ އެކު މެޖޯރިޓީ ލީޑަރު ނިހާން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންތަކެއް ދައްކާފައިވާ ވާހަކަތަކުގެ އޯޑިއޯތަކެއް ލީކުވުމަކީ އެ ގްރޫޕުގެ މެމްބަރުންގެ ކަންބޮޑުވުން އޮތް ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

މީގެ ދެ ހަފްތާ ކުރިން ސޯޝަލް މީޑިއާގައި ވަނީ، ފ. އަތޮޅުގައި ސައުދީ އަރަބިއްޔާއިން ހިންގަން އުޅޭ މަޝްރޫޢާއި، ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވުމާ ގުޅޭގޮތުން ނިހާން ބަޔަކާ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް ލީކު ވެފައެވެ. އަދި މިދިޔަ ހަފްތާގައި ނިހާންއާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންތަކެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ބެހޭގޮތުން ދެއްކި ވާހަކައެއްގެ އޯޑިއޯއެއްވެސް ލީކުވިއެވެ.

ރޭ ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އެފަދައިން ލީކުވާ އޯޑިއޯތަކަކީ ކަންބޮޑުވުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

ނިހާން ވިދާޅުވީ ސަމާސާއަކަށް، ނުވަތަ ސީރިއަސްކޮށް ވިޔަސް ދައްކާ ވާހަކައެއްގެ އެއްބައި އުނިކޮށްފައި އަޑު އަހައިފި ނަމަ އެ ވާހަކައެއްގެ މާނަ މުޅިން ގެއްލޭނެ ކަމަށެވެ.

"އަޅުގަނޑުމެން ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ދެއްކި ވާހަކައެއް ކަމަށް ބުނެ ލީކުވެފައި ހުރި އޯޑިއޯތަކުގައިވެސް އުޅެނީ ހަމަ މިޒާތުގެ ކަންތައް. އެއީ އަޅުގަނޑުމެން ތެރޭގައި ކަންބޮޑުވުން އޮތް ކަމެއް ނޫން. އަދި އަޅުގަނޑުމެން ސީނިއާ ލެވެލްގައިވެސް ކަންބޮޑުވުން އޮތް ކަމެއް ނޫން. އަޅުގަނޑުމެންނަށް އެނގޭ ވީ ކިހިނެއްކަން،" ނިހާން ވިދާޅުވިއެވެ.

އެހެންކަމުން، އެފަދަ ކަންކަމަށް ރައްދުދީ، ޖަވާބުދާރީވާން ބޭނުން ނުވަނީ ކަމަށް ނިހާން ވިދާޅުވިއެވެ.

"މިވަގުތު ނެތް އެހާ ވަގުތުތަކެއް އެކަންކަމަށް ވިސްނާ ފިކުރުކޮށް، އެޔަށް އިންޓަވިއުދީ، 24 ގަޑިއިރު އެކަމާ އުޅޭކަށް،"

ނިހާން ވިދާޅުވި ގޮތުގައި، ބަޔަކު އެކުގައި އުޅޭ ކޮންމެ ވެއްޓެއްގައިވެސް ހިތްނުތަނަވަސްވާ ކަމެއް ދިމާވެއްޖެ ނަމަ އެވާހަކައެއް އެބައެއްގެ މެދުގައި ދައްކާނެއެވެ.

"އެދައްކާ ވާހަކަތަކުގެ ކުރިމަތިން، އަރިމަތުން ނުވަތަ މެދުން ބައެއް އުނިކޮށްގެން ގެނެސްދޭ ގެނެސްދިނުމަށް އަޅުގަނޑު ނެތިން ކޮމެންޓު ކުރާކަށް،" ނިހާން ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި ލީކުވި އޯޑިއޯގައި، މަޖިލީހުގެ ރައީސް މަސީހާ އެއްކޮޅަށް ވޯޓުދޭން އުނދަގޫ ކަމަށް ބުނެ ބައެއް މެމްބަރުން ވާހަކަ ދައްކާފައިވެއެވެ. އެ އޯޑިއޯގައި އިވެނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަލީ ޝާހި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު، ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އަދި މެޖޯރިޓީ ލީޑަރު ނިހާންގެ އަޑެވެ.

އެ އޯޑިއޯއާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން މެމްބަރު އަލީ ޝާހު ވިދާޅުވީ "މެމްބަރުން އެހެން ގާތްކޮށް އެއްކޮށް އުޅޭއިރު މަޖަލަށް ދެކެވޭ ވާހަކަ ހުންނާނެ" ކަމަށާއި، ނަމަވެސް ޕީއެމްގެ ޕީޖީ ގުރޫޕުން ވަކި ގޮތަކަށް ވޯޓު ދޭން ބުނެ ވިޕްލައިނެއް ނެރެފިނަމަ އެއްވެސް މެމްބަރަކު އެ ވިޕާ ހިލާފެއް ނުވާނެ ކަމަށެވެ.

comment ކޮމެންޓް