މަޖަލަށް ދެކެވޭ ވާހަކަ ހުންނާނެ، ވިޕާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދޭނެ: ޝާހު

މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ބައެއް މެމްބަރުންނާއެކު --- ސަން ފައިލް ފޮޓޯ

ޕީޕީއެމް ޕީޖީ ގުރޫޕު ތެރޭގައި މަޖަލަށް ބައެއް ފަރާތްތަކާ ދެކޮޅަށް ވާހަކަތަކެއް ދެކެވުނު ނަމަވެސް، ޕީޕީއެމްގެ ވިޕްލައިނާ އެއްވެސް މެމްބަރަކު ހިލާފު ނުވާނެ ކަމަށް މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.

ޝާހު އެހެން ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން މަސީހާ އެއްކޮޅަށް ވޯޓުދޭން އުނދަގޫ ކަމަށް ބުނެ ބައެއް މެމްބަރުން ވާހަކަ ދައްކާފައިވާ އޯޑިއޯއާ ގުޅިގެން ސުވާލު ކުރުމުންނެވެ.

އެ އޯޑިއޯގައި ވާހަކަފުޅު ދައްކަވާފައި ވަނީ މެމްބަރު ޝާހުގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

އޯޑިއޯއާ ގުޅިގެން ސުވާލު ކުރުމުން އެ އޯޑިއޯ ދޮގުކޮށް ޝާހު އެއްވެސް ވާހަކައެއް ވިދާޅެއް ނުވެ އެވެ.

"މެމްބަރުން އެހެން ގާތްކޮށް އެއްކޮށް އުޅޭއިރު މަޖަލަށް ދެކެވޭ ވާހަކަ ހުންނާނެ. އެކަމަކު ޕީޕީއެމްގެ ޕީޖީ ގުރޫޕުން ވަކި ގޮތަކަށް ވޯޓު ދޭން ބުނެ ވިޕްލައިނެއް ނެރެފިނަމަ އެއްވެސް މެމްބަރަކު އެ ވިޕާ ހިލާފެއް ނުވާނެ،" ޝާހު ވިދާޅުވި އެވެ.

އޮޑިއޯގައި މެމްބަރު ވިދާޅުވެފައި ވަނީ "މަސީހާ އެއްކޮޅަށް ވޯޓުދޭން ވަރަށް އުނދަގޫ" ކަމަށެވެ. އެއީ ވޭތުވެ ދިޔަ ދެ އަހަރާ ބައިގެ ތެރޭގައި އެއްވެސް އެހީތެރި ކަމެއް ނުލިބޭތީ ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

އެ މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ "އަހަރެމެން އެހެން ހަދައިފިއްޔާ އަހަރެމެންގެ މީހާ ވެއްދޭނެ ސައްތައިން ސައްތަ ޔަގީންކަމެއް ނެތް" ކަމަށެވެ. ނިހާން ސުވާލު އުފެއްދެވީ އެ ބޭފުޅުން ބޭނުންވާ މީހަކު މަޖިލީހުގެ ރައީސް ކަމަށް ދެން ގެނެވިދާނެތޯ އެވެ.

ނިހާނުގެ ވާހަކަތަކަށް ޖަވާބުދެމުން މެމްބަރުން ވިދާޅުވެފައި ވަނީ އެ ޔަގީންކަން ހޯދާނެ ކަމަށެވެ.

އިދިކޮޅު 26 މެމްބަރަކު ސޮއިކޮށް ހުށަހަޅާފައިވާ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެށޭ ހަފްތާގެ ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަސީހު ބޭރުކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަވެފައިވާ ކަމަށެވެ.

comment ކޮމެންޓް