އަބަހާނީ ބަލިކޮށް، މާޒިޔާއަށް އުންމީދީ ފެށުމެއް

މާލޭ ލީގުގައި މާޒިޔާއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާއިން ވަނީ އަބަހާނީގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކުޅުނު ފުރަތަމަ މެޗުގައި ބަނގްލަދޭޝްގެ ދާކާ އަބަހާނީ ބަލިކޮށް، ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު ހަވީރު ބަނގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމްގައި ކުޅުނު 'ގްރޫޕް އީ'ގެ މެޗުގައި ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާއިން ބަންގާޅު ލީގު ޗެމްޕިއަން އަބަހާނީގެ މައްޗަށް ކުރި ހޯދާފައިވަނީ 2-0 ލަނޑުންނެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި މާޒިޔާއިން ވަނީ އެޓީމުން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގައި ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އަހްމަދު އިމާޒް (އާއްކޮ) ދިން ބޯޅައަކުން މާޒިޔާއަށް ލީޑު ހޯދައިދިނީ މުހައްމަދު އުމައިރުއެވެ. އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުމައިރު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އެ ލަނޑަށްފަހު އަބަހާނީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މާޒިޔާގެ ޑިފެންސް ލައިން ފޫއަޅުވާލައި އެޓީމުގެ ގޯލަށް ނުރައްކާކުރެވިފައެއް ނުވެއެވެ. މެޗުގައި އަބަހާނީއަށް ލިބުނު ކޯނަރުތަކާއި ހުރަސްތައް މާޒިޔާގެ ކީޕަރު ޕަވެލް މަޓިއާޝްއަށް ނުރައްކަލަކަށް ވެފައެއް ނުވެއެވެ.

މާޒިޔާއަށް ވެސް މެޗުގައި ލީޑު ފުޅާކޮށްލުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 24 ވަނަ މިނެޓުގައި އުމައިރު ދިން ބޯޅައަކުން އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ސަހިދުލް އަލަމްގެ އަތަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 51 ވަނަ މިނެޓުގައި އަބަހާނީގެ ހަމަލާއެއް ފެނިގެންދިޔައެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ރުބެލް މިއާ ފޮނުވާލި ހަމަލާ، ފަސޭހަކަމާއެކު ކީޕަރު ޕަވެލް މަޓިއާޝް ވަނީ ހޯދައިފައެވެ. ރުބެލްގެ އެ ހަމަލާގައި ބާރެއް ވެސް ނެތެވެ.

މާޒިޔާއިން އިތުރު ލަނޑެއް ޖަހައި ލީޑު ހޯދުމަށް މަސައްކަތްކުރިއިރު، އަބަހާނީން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއްކޮށް ފުރުސަތުތަކެއް ހޯދިއެވެ. އޮގޮތުން އަބަހާނީގެ ސޮހެލް މިއާއަށް ލަނޑުޖަހާނެ ތިން ފުރުސަތެއް ލިބުނު ނަމަވެސް، ދެ ހަމަލާއެއް މާޒިޔާއިން ދިފާއުކުރިއިރު، އެއް ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ 72 ވަނަ މިނެޓުގައި މާޒިޔާއަށް ލަނޑު ޖަހާނެ ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)، އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ސަހިދުލްއާ ދިމާލަށެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ވެސް މާޒިޔާއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. އަސައްކޮ ދިން ބޯޅައަކުން އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުމައިރު ފޮނުވާލި ބާރު ހަމަލާ، ކީޕަރު ސަހިދުލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، މާޒިޔާއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަސައްކޮއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އަޝްއަދު އަލީ (އަޑުބަރޭ) ދިން ބޯޅައެއް ހިފައިގެން އަބަހާނީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކެޕްޓަން އަސައްކޮ ބުނީ، ފުރަތަމަ މެޗު އަދި ރަށުން ބޭރުގައި މޮޅެއް ލިބުމުން ވަރަށް އުފާކުރާ ކަމަށާއި އަމިއްލަ ގޯލަށް ލަނޑެއްނުވަދެ މެޗު ނިންމާލެވުމުން ވެސް އުފާކުރާ ކަމަށެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ދެން ނުކުންނަން ޖެހޭނީ އިންޑިއާގެ ލީގު ޗެމްޕިއަން އަދި އޭއެފްސީ ކަޕްގެ އެންމެ ފަހު ރަނަރަޕް ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި މާޒިޔާއާއި އަބަހާނީގެ އިތުރުން ހިމެނެނީ އިންޑިއާގެ ލީގު ޗެމްޕިއަން އަދި މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕް ބެންގަލޫރު އެފްސީއާއި އިންޑިއާގެ ލީގު ރަނަރަޕް މޯހަން ބަގާންއެވެ.

comment ކޮމެންޓް