ޕީއެސްއެމުން ހަމަހަމަ ފުރުސަތު ޕާޓީތަކަކަށް ނުދޭ ކަމަށް ބުނެ، އޭސީސީއަށް

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޚަލީލް ---

ހަމަހަމަ ކަމާއެކު ދައުލަތުގެ މީޑިއާ އިން ކެމްޕެއިން ހަރަކާތްތައް ނުގެނެސް ދޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ބްރޯޑްކާސްޓިން ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ހުރިހާ ޕާޓީތަކެއްގެ ހަރަކާތްތައް ހަމަހަމަކަމާއެކު ދައުލަތުގެ މީޑިއާއިން ގެނެސްދިނުމަށް ޕީއެސްއެމަށް އަންގަވައި ދިނުމަށް އެދި ބްރޯޑްކާސްޓިން ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެދިފައިވާނެ ކަމަށެވެ.

އެ މައްސަލަ ހުށަހެޅި ސަބަބަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ދައުލަތުގެ މީޑިއާއިން މިހާރު ހަމައެކަނި ގެނެސްދެނީ ސަރުކާރު ހިންގާ ޕީޕީއެމުން ހިންގާ ކެމްޕެއިން ހަރަކާތްތައް އެކަނި ކަމަށް ވާތީ ކަމަށް އެ ޕާޓީން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޚަލީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބައިބެރިވެވަޑައިގަންނަވާ އިވެންޓުތައް ޓީވީއެމް އިން ލައިވްކޮށް ގެނެސްދޭނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވަނީ ކޮންމެ އިވެންޓެއްގައި ކަމުގައި ވިޔަސް އެ އިވެންޓެއް ލައިވްކޮށް ގެނެސްދޭނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބާ ގުޅިގެން ހިންގާ ސިޔާސީ ހަރަކާތްތައް ޓީވީއެމުން ގެނެސްދިނުމަށް ފުރުސަތު ހުޅުވާލައި ޕީއެސްއެމުން މިހާރު ވަނީ އިއުލާނެއް ކޮށްފައި ކަމަށެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ކ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕަބްލިކް ސާވިސް މީޑިއާގެ ޚިދުމަތް ފޯރުކޮށްދޭންވާނެ ކަމަށެވެ. ވަކި ވަކި ފަރުދުންނާއި އެކި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ޕަބްލިކް ސާވިސް މީޑިއާ އިން ހަމަ ހަމަކަން ގާއިމްކުރަން މަސައްކަތް ކުރަންޖެހޭނެ ކަމަށް އެ މާއްދާގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް