ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކޮށް ފުޓްބޯޅައިން ރާއްޖެއަށް އެންމެ ބޮޑު ފަޚުރެއް ހޯދައިދިން، ''ރަން ބަޠަލުންނަށް'' ނިސްބަތްކޮށް އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ދެއްކެވި އިހާނެތި ވާހަކަތަކުގެ ސަބަބުން ވަރަށް ބޮޑު ސިހުމެއް ލިބިވަޑައިގެންނެވިކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެއެވެ.
ސްޕޯޓްސް ކޮމިޝަނަރު މިފަދައިން ލިޔުއްވާފައި މިވަނީ، މީގެ ކުޑަދުވަސްކޮޅެއް ކުރީން ރާއްޖޭގެ ކްލަބެއް ކަމަށްވާ، ޓީސީ ސްޕޯޓްސް ކްލަބު ބަނގުލަދޭޝްގެ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ހޯދި ކާމިޔާބީއާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އާޒިމް ނެރުއްވި ބަޔާނެއްގައި ސާފް ޗެމްޕިއަންޝިޕަކީ ވެސް އަދި މިހާތަނަށް ބައިނަލްއަގްވާމީ މުބާރާތެއްގެ ގޮތުގައި ބަލައިގަނެފައި ނުވާ މުބާރާތެއްގެ ގޮތުގައި ސިފަކުރައްވާފައި ވާތީއެވެ.
ޑޭވްގެ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައި ވަނީ، "އޭނާ [އާޒިމް] ވިދާޅުވާގޮތުން ނަމަ އަޅުގަނޑުމެންގެ މި ރީތި ރާއްޖެއަށް ލިބުނު ރަން މެޑައްޔަކީ ވަރަށް ބޮޑު އޮޅުވާލުމެއް،" ކަމަށެވެ.
އާޒިމް ވިދާޅުވެފައި ވަނީ، "އާސިއާނުގެ ގައުމުތަކުން ބާއްވަމުން ގެންދާ 'ސުޒުކީ ކަޕް' ނުވަތަ ސާކް ގައުމުތަކުގެ މެދުގައި ބާއްވަމުން ގެންދާ 'ސާފް ޗެމްޕިއަންޝިޕް' ފަދަ ބޮޑެތި މުބާރާތްތަކަކީ ވެސް، އަދިވެސް 'ފީފާ' އާއި 'އޭއެފްސީ'ގައި އިންޓަނޭޝަނަލް ރިކޮގްނިޝަން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރަމުން ގެންދާ މުބާރާތްތަކެއް،" ކަމަށެވެ.
"އެހެންކަމުން ދާދިފަހުން ބަންގުލަދޭޝްގައި ނިމިގެންދިޔަ ފުޓްބޯޅަ މުބާރާތް ދިވެހި ކްލަބެއް ކާމިޔާބުކުރުމަކީ، އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތަކުން ދިވެހި ކްލަބެއް ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށް ދޭހަވާގޮތަށް ނުވަތަ ދޭހަކޮށްދިނުމަށްޓަކައި މައުލޫމާތު ފެތުރުމަކީ، ދިވެހި ކުޅިވަރު ލިޔުންތެރީންގެ އިންޓެގްރިޓީ ނުވަތަ އެ ލިޔުންތެރީންގެ ފެންވަރާ މެދު ސުވާލުކުރާން ޖެހިފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެން،" އާޒިމްގެ ބަޔާނުގައި ވެއެވެ.
ޑޭވް ވިދާޅުވީ، ތިމާގެ ޒާތީ ކަމެއްގައި އުފެދޭ ހަސަދަވެރިކަމެއްގެ ސަބަބުން، ގައުމުގެ ރަން ބަތަލުން ވެފައިވާ ގުރުބާނީތަކަށް އިހާނެތިކޮށް ނުހިތުމަށް ގޮވާލާކަމަށެވެ.
''އެފްއޭއެމް ހިންގުމުގައި ފެއިލްވެވަޑައިގަތުމަކީ'' ފުޓްބޯޅަ ކޮމިއުނިޓީން އެކަމުގެ ޒިންމާ ނަގަންޖެހޭނޭ ކަމެއް ނޫން ކަމަށާއި، އެހެންކަމުން އެފަދަ ކަންކަމުގައި އުފެދޭ ޖަޒުބާތުގައި، ގައުމީ ޓީމަށާއި ކްލަބްތަކަށް ރަން ވަނަތަށް ހޯދައިދޭ ފަރާތްތަށް ބަދުނާމު ނުކުރުމަށް ޑޭވް އެދިވަޑައިގަތެވެ.
ޓީސީއަކީ ބައިނަލްއަގުވާމީ ރަން މެޑައްޔެއް ހޯދި ރާއްޖޭގެ ފުރަތަމަ ކްލަބުކަމުގައި ބުނެ ވާހަކަތައް ފަތުރަމުންދާ ފަރާތްތަކަކީ ދިވެހި ފުޓްބޯޅައިގެ ތާރީޚު ނުދަންނަ ބައެއްގެ ގޮތުގައި އެފްއޭއެމްގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސިފަކުރައްވާފައި ވެއެވެ.