ވިހެއުމުން ލިބޭ ޗުއްޓީ އިންޑިއާގައި ދެގުނަ އިތުރު ކޮށްފި

ވިހެއުމުން ލިބޭ ޗުއްޓީގެ މިންވަރު ދެ ގުނަ އިތުރު ކުރަން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފިއެވެ.

ވިހެއުމާ ގުޅިގެން، ކުރިން އިންޑިއާގައި ދެނީ 12 ހަފްތާ ނުވަތަ ގާތްގަނޑަކަށް ތިން މަހެވެ.

ނަމަވެސް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ގާނޫނާއެކު އެ މުއްދަތު ވަނީ 26 ހަފްތާ ނުވަތަ ހަތް މަހަށް އިތުރު ކޮށްފައެވެ. އަދި 10 މީހުންނަށްވުރެ ގިނަ މުވައްޒަފުން އުޅޭ ހުރިހާ ތަނަކަށް އެ ގާނޫނު ހިނގާނެއެވެ.

ނަމަވެސް އެ ގާނޫނުގައި ބުނެފައިވާ ގޮތުން، 26 ހަފްތާގެ ޗުއްޓީއެއް ލިބޭނީ ވިހާ ފުރަތަމަ ދެ ކުދިންނަށެވެ. އޭގެ ފަހުން ވިހާ ކޮންމެ ފަހަރަކު ލިބޭނީ 12 ހަފްތާއެވެ.

އިންޑިއާގެ ލޭބާރ މިނިސްޓަރު ބަންޑާރޫ ދައްތާތުރެޔާ ވިދާޅުވީ، އެ ގާނޫނަކީ އަންހެނުންނަށް ދިން ހަދިޔާއެއް ކަމަށެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި އެ ގާނޫނާއެކު އިންޑިއާ ވެގެން ގޮސްފައިވަނީ ވިހެއުމަށްފަހު ދޭ ޗުއްޓީ އެންމެ ދިގު މުއްދަތަކަށް ދޭ ދުނިޔޭގެ ތިން ވަނަ ގައުމަށެވެ. ވިހެއުމުން ދޭ ޗުއްޓީ އެންމެ ބޮޑީ ކެނެޑާގައެވެ. އެގައުމުން ވިހާ އަންހެނަކަށް 50 ހަފްތާ ދެއެވެ.

އިންޑިއާގެ އެސޯސިއޭޓް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެސޯޗެމް) އިން ހެދި ސާވޭއަކުން ދައްކާގޮތުން އިންޑިއާގެ އަންހެނުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި މީހުން ވިހެއުމަށްފަހު އެމީހުން އަދާކުރަމުންދާ ވަޒީފާ ދޫކޮށްލައެވެ.

ނަމަވެސް އިންޑިއާގެ ވިމެން އެންޑް ޗައިލްޑް ޑިވެލޮޕްމަންޓް މިނިސްޓަރު މެނޭކާ ގާންދީ ވިދާޅުވީ، އެ ގާނޫނު ސަބަބުން އެތައް ހާސް އަންހެނުންނަކަށް ސިއްހަތު ރަނގަޅު ކުދިން ބިނާ ކުރުމަށް އެހީތެރިވާނޭ ކަމަށެވެ.

comment ކޮމެންޓް