ކެންޑިޓޭޓުންގެ ނަންބަރު ތަރުތީބުކޮށް ކެމްޕޭން ކުރަން ފުރުސަތު ދީފި

ގއ. އަތޮޅު ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުން ކުރިއަށް ދަނީ --- ފޮޓޯ: ގއ. އަތޮޅު ކައުންސިލް

އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށް، ކެމްޕެއިން ކުރަން ފުރުސަތު ހުޅުވުލައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ސަން އަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ހެނދުނު 10:00 ގައި ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުން އޮތީ އިލެކްޝަންސް ކޮމިޝަންގަ އެވެ. މާލެ ފިޔަވައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުން އޮތީ ކައުންސިލް އިދާރާތަކުގަ އެވެ.

އަކުރަމް ވިދާޅުވީ ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކޮށް ނިމުމާއެކު، ގާނޫނުގައިވާ ގޮތުގެމަތިން ކެމްޕޭން ކުރުމުގެ ފުރުސަތު ހުރިހާ ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާތީތަކަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

ކެމްޕެއިން ކުރަންދީފައިވާ ވަގުތު ހަމަވާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ހަވީރު 6:00 ގަ އެވެ.

ގއ. އަތޮޅު ކައުންސިލަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރި އިރު އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެއަށް ފަހު އަމްޖަދު ވަނީ ގއ. އަތޮޅު ކައުންސިލާއި އަދި ވިލިނގިލީ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި އަމްޖަދު ވިދާޅުވީ ކައުންސިލް އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ތަމްސީލުކުރާ ޕާޓީތަކުގެ އެއްބާރުލުން އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ކަމަށެވެ. އަދި އެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިޚާބާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެފަދަ މައްސަލައެއް ހުށަހެޅުމަށް އަމްޖަދު އިލްތިމާސް ކުރެއްވި އެވެ.

comment ކޮމެންޓް