ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް އެކުލަވާލައިފައިވާ ބަޖެޓުން އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމަކަށް އޮތީ "އޮފީސް ހުޅުވައި، ލެއްޕުން'' ކަމަށް ބުނެ، ކޮމިޝަނުން މިއަދު ނުރުހުން ފާޅުކޮށްފިއެވެ.
މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި އެ ކޮމިޝަނަށް 67 މިލިއަން ރުފިޔާ ކަނޑައަޅައިފައި އޮތްކަން ފެންނަން އެބައޮތް ކަމަށެވެ. ނަމަވެސް އިދާރީ ބަޖެޓުގެ ގޮތުގައި ލިބެނީ 29.7 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 27 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށާއި ކަރަންޓާއި ފެނާއި ކުންޏަށް 6.2 މިލިއަން ރުފިޔާއާއި އައިޓީއަށް ހަ މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ވެސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލުތަކުގެ ބައި އިލެކްޝަނަށް 998،000 ރުފިޔާ ޚަރަދުވާނެ ކަމަށާއި އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަނަށް 990،000 ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ، ޝަކީލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ލިބޭ 67 މިލިއަން ރުފިޔާގެ ތެރެއިން 35 މިލިއަން ރުފިޔާ ދަނީ ސިޔާސީ ޕާޓީތަކަށް ކަމަށެވެ.
"ކުރު ގޮތަކަށް ދަންނަވާ ކަމަށް ވަންޏާ މިހާރު އަޅުގަނޑުމެންނަށް ދެއްވައިފައި މި އޮތް ބަޖެޓުން އޮފީސް ހުޅުވައި ލެއްޕުން ފިޔަވައި އަޅުގަނޑުމެންނަށް ހަމަ ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތޭ އަޅުގަނޑު ދަންނަވައިލާނީ،" އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން 2028ގެ ރިޔާސީ އިންތިޚާބަށް ދުރާލާ ތައްޔާރުވުމަށްޓަކައި ބީލަން ކިޔައިގެން ހޯދަންޖެހޭ ބައެއް ތަކެތި ހޯދަން ބޭނުންވާ ބަޖެޓު ނެތް ކަމަށް ވިދާޅުވެ، ޝަކީލް ވިދާޅުވިގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ނޭނގި މި އަހަރުގެ ބަޖެޓުން އެ ކޮމިޝަނަށް ކަނޑައަޅައިފައިވާ އަދަދުގެ ތެރެއިން ނުވަލައްކަ ރުފިޔާ ވަނީ އުނިކޮށްފައެވެ.
އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ: އަންނަ އަހަރު ލޯކަލް ކައުންސިލުތަކުގެ ބައި އިލެކްޝަނަށް 998،000 ރުފިޔާ ޚަރަދުވާނެ ކަމަށް ޝަކީލް ލަފާކުރެއްވި -- ސަން ފޮޓޯ/ މޫސާ ނަދީމްއޭގެ ތެރޭގައި މަރާމާތާއި ސެކިއުރިޓީއަށް ބޭނުންވާ ބަޖެޓު ހިމެނޭ ކަމަށް ޝަކީލް ވިދާޅުވިއެވެ.
ހަމަ އެހެންމެ އިންތިޚާބުތައް އޮންނައިރު އާންމުންގެ މެދުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވޭތީ އާންމުންގެ ފާޑުކިއުން އަމާޒުވާކަން ޝަކީލް ފާހަގަކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ދިން ބަޖެޓުން ފިނޭންސް މިނިސްޓްރީން ދެ މިލިއަން ރުފިޔާ އުނިކުރިއިރު، އޭގެ ތެރޭ ގިނައިން ހުރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތަށްވާ ފައިސާ ކަމަށެވެ.
މިހާރު އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާ އިމާރާތުގެ ވެރިފަރާތުން ވަނީ އެ ކޮމިޝަން އެ އިމާރާތުން ނުކުންނަން އަންގައި ނޯޓިސް ހަވާލުކޮށްފައި ކަމަށް ޞަލާޙް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ވެސް މި ތިބީ ނުކުންނަންޖެހޭ ހާލަތުގައި، އެހެންވީމާ އަޅުގަނޑުމެންގެ ދާއިމީ އިމާރާތެއް ވެސް ނެތި ކުއްޔަށް މި އުޅެނީ،" ޞަލާޙް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ މި އަހަރު ލޯކަލް ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގައިފައިވެއެވެ. އެ އިންތިޚާބުތަކުގެ ޚަރަދު ހިމެނޭ ގޮތަށް، މި އަހަރަށް އީސީން ފާސްކޮށްފައި އޮތީ 167.8 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.