ރައީސް ޔާމީނަށްވުރެ، ގާނޫނާ އެއްގޮތަށް ވެރިކަމެއް ކުރެއްވި ވެރިއެއް ނެތް: އަދުރޭ

ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޝްރޫއުތަކަށް ދެކޮޅުހަދަނީ އިންވެސްޓަރުންގެ އިތުބާރު ނުހޯދުނު މީހުންކަމަށް -- ސަން ފޮޓޯ: މުޙައްމަދު އަފްރާހް

ރައީސް ޔާމީންގެ ސަރުކާރަށް ވުރެ، ގާނޫނާ ގަވާއިދުތަކާ އެއްގޮތަށް ދިވެހިރާއްޖޭގައި ވެރިކަން ކުރި އެއްވެސް ސަރުކާރެއް މިހާތަނަށް އައި އިރު އުފެދިފައި ނޯންނާނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ "ޗެލެންޖެއް" ކުރައްވައިފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އަދުގެ ސަރުކާރަށް ވުރެވަކިން ބޮޑަށް ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ ސަރުކާރެއް ދިވެހި ތާރީޚުގައި ވެސް މިހާތަށް ފެނިފައި ނުވާ ކަމަށެވެ.

"ހަމަ ކެރިގެން މި ދަންނަވަނީ މިއަށްވުރެ ރަނގަޅަށް ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިނގި ސަރުކާރެއް ދިވެހި ތާރީހު ދެކެފައެއް ނެތޭ. ރައީސް ޔާމީނަށްވުރެ ގާނޫނު އަސާސީއަށް ބޯލަނބައިގެން ވެރިކަންކުރެއްވި ވެރިއަކު ނެތޭ. ރައީސް ޔާމީނަށްވުރެ ގާނޫނު ތަންފީޒު ކުރެއްވި ވެރިއަކު ރާއްޖޭގެ ތާރީހު ދެކިފައެއް ނެތޭ. އަޅުގަނޑު މިހުރީ ޗެލެންޖްކުރަން ތައްޔާރަށް. ވިދާޅުވެދެއްވާ އަޅުގަނޑާ އެކީގައި އިށީންދެފައި މިވެނި ވެރިއެކޭ އެވެނި ވެރިއެކޭ. ނޫން ނެތް،" އަދުރޭ ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީއާ ގުޅޭ މަޝްރޫއުތަކާ ދެކޮޅަށް ވާހަކަތައް ދައްކާ ފަރާތްތަކަށް ނިސްބަތް ކުރައްވައި އަދުރޭ ވިދާޅުވީ، އެބޭފުޅުން އެގޮތަށް ކަންކަން ކުރައްވަނީ އެބޭފުޅުންގެ ވެރިކަމުގައި ސައުދީ އަދި ޗައިނާ ފަދަ ތަންތަނުގެ އިންވެސްޓަރުން ރާއްޖެއަށް ނުގެނެވި އެބޭފުޅުންނަށް އިންވެސްޓަރުންގެ އިތުބާރު ހޯދިފައި ނުވާތީ ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްކޮށް ދެއްކެވި ވާހަކައިގައި އަދުރޭ ވިދާޅުވީ، "ގުރުއާނާ ރަސޫލާގެ ސުންނަތް ނޫން އެހެން ގޮތެއް ހޯދަން އުޅޭ ބަޔަކަށް، މުސްލިމް ދެ ގައުމެއް ގުޅިގެން ކުރަންއުޅޭ ކަމެއް ކަމުނުގޮސްދާނެ" ކަމަށެވެ. އެގޮތުން އެފަދަ މަސައްކަތެއް ފަށައިފި ނަމަ "އެމީހުނަށް" ލިބިދާނެ ގެއްލުމެއް އޮވެދާނެ ކަމަށާއި ނަމަވެސް ދިވެހި ރައްޔިތުންނަށް އެކަމުގެ ސަބަބުން ލިބޭނެ ގެއްލުމެއް ނެތްކަމަށް ވިދާޅުވި އެވެ.

މިއަދު އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ރައީސް މަސީހު ވަކިކުރަން މަސައްކަތް ފަށައިފައެވެ. އެކަމާ ގުޅިގެން އަދުރޭ ވިދާޅުވީ، އެއީ އަސްލެއްގެ މައްޗަށް ބިނާކުރެވިފައި އޮތް އެއްވެސް ނުކުތާއެއް ނެތް މައްސަލައެއް ކަމަށެވެ. އަދި އެ މަސައްކަތް އެބޭފުޅުންނަށް ކާމިޔާބު ވާނެކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

މިރޭގެ ޕްރޮގްރާމްގައި، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ފ. އަތޮޅު މަޝްރޫއާ ގުޅިގެން ބައެއް ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަތައް ދައްކަނީ "ހަސަދަވެރިކަން" އިސްކުރެވޭތީ ކަމަށެވެ.

ފ. އަތޮޅުގެ މަޝްރޫއާ ގުޅިގެން އާރިފް ވިދާޅުވީ، އެ ޕްރޮޖެކްޓަކީ އެތައް ގޮތަކުން ދިވެހި ރައްޔިތުންނަށް އޭގެ ފައިދާތައް ކުރާނެ ޕްރޮޖެކްޓެއް ކަމަށެވެ. އެހެންކަމުން އެފަދަ ޕްރޮޖެކްޓަކާ ދެކޮޅު ނުހަދައި އެއްބާރުލުން ދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް