އެއާޕޯޓު މަރާމާތުތައް ވަގުތަށް ނުނިމިއްޖެ ނަމަ ބްލެކްލިސްޓު ވެދާނެ: ލަންކާ

ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ---

ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ނިންމަން ޖެހޭ ތާރީޚަށް ނުނިންމިއްޖެ ނަމަ، އެއާޕޯޓު ބްލެކްލިސްޓުވުމުގެ ބިރު އެބައޮތް ކަމަށް އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ރީސާފޭސްކުރުމާއި، ރަންވޭ ފުޅާކުރުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ މަރާމާތުތަކެއް ކުރުމުގެ މަސައްކަތް ފެށީ މިއަހަރު ޖެނުއަރީ މަހުގެ ހަވަނަ ދުވަހު އެވެ.

އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެ މަސައްކަތްތައް ކުރިޔަށް ދާ އިރު، ޖެނުއަރީ ހައަކުން އޭޕްރިލް ހައަކާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު ލަންކާ ގަޑިން 8:30 އިން ހަވީރު 4:30 އަށް އެއާޕޯޓުގެ ރަންވޭ ބަންދުކުރެ އެވެ.

ލަންކާގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕާލަ ޑެސިލްވާ އިއްޔެ ވިދާޅުވި ގޮތުގައި، ބަންޑާރަނަޔަކަ އެއާޕޯޓުގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތުގެ 75 ޕަސަންޓު މިހާރު ވަނީ ފުރިހަމަވެފަ އެވެ.

މިނިސްޓަރު ޑެލިސްވާ ވިދާޅުވީ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް، ކަނޑައަޅާފައިވާ ތާރީޚަށް ނުނިންމިއްޖެ ނަމަ، އެއާޕޯޓު ބްލެކްލިސްޓުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފުރުސަތު ނުދިނުމަށް ޓަކައި، އެއާޕޯޓުގެ މަސައްކަތުގެ ސްޕީޑު ކުރިޔަށް ވުރެ ހަލުއި ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ޑެސިލްވާ ވިދާޅުވި ގޮތުގައި މިހާރު ކުރިޔަށްދާ މަރާމާތަށް ފަހު، ކުރިޔަށް އޮތް 20 އަހަރު ދުވަހު ވެސް އެ ރަންވޭ މަރާމާތު ކުރަން ނުޖެހޭނެ ކަމަށް، އެއާޕޯޓުގެ މަސައްކަތް ކުރާ ޗައިނާ ކުންފުނިން ބުނެފައިވާ ކަމަށެވެ.

ބަންޑާރަނަޔަކަ އެއާޕޯޓުގައި އޮންނަނީ 3.35 ކިލޯމީޓަރު ދިގު، އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. އެހެން ނަމަވެސް މިހާރު ކުރިޔަށްދާ މަސައްކަތުގެ ދަށުން އެ ރަންވޭ 75 މީޓަރަށް ފުޅާ ކޮށް، އެ އެއާޕޯޓުގައި އެއާބަސް އޭ380 ފަދަ، އެންމެ ބޮޑެތި އެއާކްރާފްޓުތަކަށް ޚިދުމަތްދެވޭ ފެންވަރަށް ބަދަލުވެގެން ދާނެ އެވެ.

އެ އެއާޕޯޓުގައި ދެވަނަ ފަސިންޖަރުން ޓާމިނަލެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހު ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.

ސްރީލަންކާއަކީ އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހީން ދަތުރުކުރާ ގައުމެކެވެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ދިވެހިރާއްޖެ އިން 95،000 ދިވެހީން ސްރީލަންކާއަށް ދަތުރުކުރި އެވެ.

މީގެ އިތުރުން، ދިވެހީންގެ އެންމެ ބޮޑު އާބާދީއެއް ރާއްޖެ އިން ބޭރުގައި ދިރިއުޅެނީ، ސްރީލަންކާގަ އެވެ. އެގައުމުގައި ގާތްގަނޑަކަށް 12،000 އަށް ވުރެ ގިނަ ދިވެހީން ދިރިއުޅެމުން ގެންދެ އެވެ.

އެއާޕޯޓުގެ މަރާމާތަށް ކޮންމެ ދުވަހަކު ވެސް ވަކި ވަގުތަކަށް އެތަން ބަންދުކުރާތީ، ތާވަލު ފްލައިޓުތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފަ އެވެ. އެހެން ނަމަވެސް އެއާޕޯޓުގެ މަރާމާތުގެ މަސައްކަތް ނުމުމުން އެކަމަށް ހައްލެއް ލިބޭނެ އެވެ.

comment ކޮމެންޓް