ބާސާއަށް ގެންނަނީ 'ވަރުގަދަ' ކޯޗެއް!

މިވަގުތު ބާސާގެ ކޯޗުކަމުގެ މަގާމުގައި ހުރި ލުއިސް އެންރީކޭ: މިސީޒަނަށްފަހު އެކްލަބުގެ ކޯޗުކަމުގެ މަގާމުން އެންރީކޭ ދުރުވާނެކަން ވަނީ އިއުލާންކޮށްފައި --- ފޮޓޯ/ އޭޕީ

މިސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުކަމުން ލުއިސް އެންރީކޭ ދުރުވުމުން އެކްލަބުގެ ކޯޗުކަމަށް 'ވަރުގަދަ' ކޯޗެއް ގެންނާނެ ކަމަށް ބާސާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއޫ ވައުދުވެއްޖެ އެވެ.

އެންރީކޭގެ ބަދަލުގައި ބާސާއާ ހަވާލުވާނެ ކޯޗެއް އިއުލާންކުރާނެ ތާރީހެއްގެ ގޮތުގައި އެކްލަބުން ހަމަޖައްސާފައިވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހެވެ.

"މިސީޒަނަށް ފަހު އަހަރެމެން ކްލަބަށް ގެންނާނީ 'ވަރުގަދަ' ކޯޗެއް. އަހަރެމެން ޖޫން 30ގެ ނިޔަލަށް މަސައްކަތްކުރާނީ ބޭނުންވާ ކޯޗެއް ހޯދުމަށް ހަމަޖެހިގެން. އޭގެ ފަހުން އަހަރެމެން ގެންނަ ކޯޗު ޖުލައި 1ގައި އިއުލާންކޮށް، ޓްރޮފީތައް ހޯދުމަށް އަޒުމު ކަނޑައަޅާނީ،" ބާސާ ޓީވީއަށް ދިން އިންޓަވިއުއެއްގައި އެކްލަބުގެ ރައީސް ބާޓޮމެއޫ ވިދާޅުވި އެވެ.

މިސީޒަނަށް ފަހު ބާސާގެ ކޯޗުކަމުގެ މަގާމުން ދުރުވާނެކަން ކޯޗު އެންރީކޭ އިއުލާންކޮށްފައި ވަނީ ސްޕެނިޝް ލަލީގާގައި ސްޕޯޓިން ގިޖޯން އަތުން 6-1 ލަނޑުން މޮޅުވި މެޗަށްފަހު އެވެ. ބާސާއާ އެންރީކޭ ހަވާލުވީ ޖެރާޑޯ މާޓިނޯއަށް ފަހު 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭނާ ވަނީ މިހާތަނަށް ބާސާއަށް ލަލީގާއާއި ދެ ފަހަރު ކޮޕާ ޑެލްރޭ އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްދީފަ އެވެ. ބާސާއާ އެކު އެންރީކޭ ހަދާފައިވާ އެއްބަސްވުން ވެސް މިސީޒަނަށް ފަހު ނިމުމަކަށް އަންނާނެ އެވެ.

ބާސާ އަދި އެންރީކޭއަށް މިސީޒަނުގެ ތެރޭގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ. ލަލީގާގައި ރެއާލްގެ ފަހަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރި އިރު، ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަތުން ބޮޑު ތަފަތާކުން ވަނީ ބަލިވެފަ އެވެ. ރަށުން ބޭރުގައި 4-0 ލަނޑުގެ ނަތީޖާއަކުން ޕީއެސްޖީ އަތުން ބަލިވެފައިވުމުން ޗެމްޕިއަންސް ލީގުގައި ކުރިއަށްދިއުމުގެ އުންމީދު ބާސާގެ ގިނަ ކުޅުންތެރިން ވަނީ ކަނޑާލައިފަ އެވެ.

comment ކޮމެންޓް