އޭއެފްސީ ކަޕްގެ ޕްލޭއޯފް ބުރުގެ ދެވަނަ ލެގުގައި ޖޭޖޭ ލާލްޕެކްލުއާގެ ހެޓްރިކާއެކު ރާއްޖޭގެ ވެލެންސިއާ ބަލިކުރުމަށްފަހު، އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އިންޑިއާގެ މޯހަން ބަގާން ޖާގަ ހޯދައިފި އެވެ.
އިންޑިއާގައި މިއަދު ހަވީރު ކުޅުނު ދެ ވަނަ ލެގު މެޗުގައި ވެލެންސިއާގެ މައްޗަށް މޯހަން ބަގާން ކުރި ހޯދީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ. މޯހަން ބަގާން ގްރޫޕް ސްޓޭޖަށް ދަތުރުކުރީ 5-2 ލަނޑުގެ އެގްރިގޭޓަކުންނެވެ.
މެޗު ފެށިތާ މާގިނައިރުތަކެއް ނުވަނީސް، މޯހަން ބަގާން ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މެޗުގެ ދެވަނަ މިނެޓުގައި މޯހަން ބަގާންއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޭޖޭ ލާލްޕެކްލުއާއެވެ. މޯހަން ބަގާންއަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ޕްރަބިރް ދާސް ނަގައިދިން ކޯނަރަކުން ޖޭޖޭ އުފެއްދި ހަމަލާއެއް ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރި އަހްމަދު އުސާމްގެ އަތުގައި ޖެހުމުންނެވެ.
އެ ލަނޑަށްފަހު ދެޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި މޯހަން ބަގާންގެ ހައިޓީ މިޑްފީލްޑަރު ސޮނީ ނޯޑޭގެ ކުޅުން ފާހަގަކޮށްލެވުނެވެ. ސޮނީ ނޯޑޭއަކީ ރާއްޖޭގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ފެނިފައިނުވާ ކުޅުންތެރިއެކެވެ. ސޮނީ ނޯޑޭގެ އިތުރުން ޖޭޖޭ ވެސް ފުރަތަމަ ލެގު މެޗުގައި ފެނިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މޯހަން ބަގާންއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. މޯހަން ބަގާންއަށް އެލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޖޭޖޭއެވެ. ބަލްވަންތު ސިންގް ނަގައިދިން ހުރަސް، ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެފައި ޖޭޖޭ ވަނީ ވެލެންސިއާގެ ގޯލަށް ވަރަށް ރީތިކޮށް ފޮނުވާލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން މޯހަން ބަގާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަތް މިނެޓްފަހުން ވެލެންސިއާއިން ވަނީ ލަނޑެއް ޖަހައި މޯހަން ބަގާން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ޗިނޯންޔޭ ޕްރިންސް ޗިންޑާ ދިން ބޯޅައަކުން ވެލެންސިއާއަށް އެލަނޑު ކާމިޔާބުކޮށްދިނީ އޮމޮދޫ ގޮޑްފްރޭ ވެސްޓްއެވެ. މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މެޗުގެ 73 ވަނަ މިނެޓުގައި މޯހަން ބަގާންއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސޮނީ ނޯޑޭ ނަގައިދިން ހުރަހަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެފައި ބަލްވަންތު ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު މުހައްމަދު ފައިސަލާ ދިމާލަށެވެ.
މެޗުގެ 82 ވަނަ މިނެޓުގައި މޯހަން ބަގާންގެ އިންޑިއާ ފޯވަޑް ޖޭޖޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭނާ ހެޓްރިކް ފުރިހަމަކުރީ ޕްރަބިރް ދާސް ނަގައިދިން ހުރަހަކުންނެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލުގެ ތެރެއަށް ޖޭޖޭ ބޮލުން ބޯޅަ ފޮނުވާލިއިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، މޯހަން ބަގާން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ކަޓްސުމީ ދިން ބޯޅައަކުން މޯހަން ބަގާންއަށް އެލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ސޮނީ ނޯޑޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވެލެންސިއާ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ބާރު ހަމަލާއަކުންނެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި މޯހަން ބަގާންއަށް ކައިރިކައިރީ ދެ ފުރުސަތެއް ލިބުނު ނަމަވެސް، ކީޕަރު ފައިސަލް ވަނީ އެ ދެ ހަމަލާވެސް މަތަކޮށްފައެވެ. މެޗުގެ 90 ވަނަ މިނެޓުގައި ފުރަތަމަ ހަމަލާ މޯހަން ބަގާންގެ ބަލްވަންތު ފޮނުވާލިއިރު، ދެވަނަ ހަމަލާ ފޮނުވާލީ ސޮނީ ނޯޑޭއެވެ. އޭގެ ތެރެއިން ސޮނީ ނޯޑޭގެ ހަމަލާ އުފައްދާފައިވަނީ ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ދެ ޑިފެންޑަރެއް ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހުއެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މޯހަން ބަގާން ވާދަކުރަންޖެހޭނީ 'ގްރޫޕް އީ'ގައެވެ. އެ ގްރޫޕުގައި އިންޑިއާގެ ލީގު ޗެމްޕިއަނުންނާއި ރާއްޖޭގެ ލީގު ޗެމްޕިއަން ހިމެނެއެވެ. މޯހަން ބަގާން އާއި، ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، އިންޑިއާގެ ބެންގަލޫރު އެފްސީގެ އިތުރުން ދެން އެ ގްރޫޕުގައި ހިމެނެނީ ބަނގްލަދޭޝްގެ ލީގު ޗެމްޕިއަން ދާކާ އަބަހާނީއެވެ. ބެންގަލޫރު އެފްސީއަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ރަނަރަޕެވެ.